ފާފަކުރަން ދެވިހިފާ ސަބަބާ ފާފަކުރުން ހުއްޓާލައި ސަލާމަތްވެވޭނެ މަގު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 47ސ
ފާފަކުރަން ދެވިހިފާ ސަބަބާ ފާފަކުރުން ހުއްޓާލައި ސަލާމަތްވެވޭނެ މަގު-

ކުރެވެމުން އަންނަ ފާފަތައް ކުރުން ހުއްޓާލައި ފާފަތަކާއި ދުރުހެލިވުމަކީ ބައެއް މީހުންނަށް ކުރަން އެހައި ފަސޭހަ ކަމެއް ނޫނެވެ. އެއީ އެކަންކަމަށް ދެވިހިފާފައި ހުރުމުން ކަމަށް ބުނެވިދާނެއެވެ. އެހެންކަމަށްވާނަމަ ދެން ބަލައިލަންވީ ދެވިހިފުމާއި ދެވިހިފާ ސަބަބަށެވެ. 

ދެވިހިފުން މިކިޔަނީ އެކަމެއް ކުރާހިތްވުމަށެވެ. އެކަމެއް ނުކުރާނަމަ އެމީހަކަށް ހިތްހަމަޖެހުމެއް ނުލިބި އުޅެން ޖެހުމަށެވެ. އަހަރެމެން ދައްކަމުން މިގެންދަނީ ފާފަކުރުމުގެ ވާހަކައެވެ. ފާފަކުރުމަށް ދެވިހިފާ ސަބަބަކީ ޝައިޠޯނާގެ ކަސްތޮޅުގައި ކަސްތޮޅު އެޅި ސަލާމަތްނުވެވުމެވެ. އެއިރުން މިވާގޮތަކީ އެފާފައެއް ނުކުރާނަމަ އެމީހަކަށް ލޮލުފިޔަވެސް ނުޖެހޭނީއެވެ. ކެޔަސް ބަނޑުބޮޑުވާކަމަކަށްވެސް ނުވާނެއެވެ. ނިދީން ހޭލެވޭއިރަށްވެސް އެފާފައިގެމަތިން ހަނޑާންވެ ކުރަން ބޭނުންވާނެއެވެ. ކިރިޔާ ފުރުޞަތެއް ލިބޭއިރަށް އެފާފައެއް ކުރަން ބޭނުންވާނެއެވެ. އެހައި ބޮޑަށް އެފާފައެއްކުރާހިތްވާނެއެވެ.  

މިކަން އެންމެ ފަސޭހައިން ފެންނާނީ ދުންފަތުގެ އިސްތީޢްމާލްކުރުމުގެ ފާފަކުރާ މީހުންގެ ކިބައިންނެވެ. ބަނގުރަލާއި މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ކިބައިންނެވެ. ފާޙީޝް ޢަމަލުތައް ކުރާމީހުންގެ ކިބައިންނެވެ.  

މިފަދަ ފާފަތައްކުރާ ބައެއް މީހުންނަށްވެސް މިކުރެވެނީ ބޮޑުފާފައެއް ކަމާއި އެކަން ހުއްޓާލަންޖެހޭކަންވިސްނެއެވެ. ހުއްތާލަން ބޭނުންވެއެވެ. ނަމަވެސް ހުއްޓައިލާނެ ހިތްވަރެއް ނުލިބެއެވެ. އެޙާލަތުގައި އެކުވެރިންގެ ގާތުގައި އެވާހަކަ ދައްކާނެއެވެ. ހުއްޓާލަން މަސައްކަތްކުރި ނަމަވެސް ހުއްޓައިނުލެވޭކަމަށްވެސް ބުނާނެއެވެ.  

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އެއްވެސް މީހަކަށް އެފަދަ ފާފައެއް ކުރެވޭތީ ހުއްޓާލަން ބޭނުންވާނަމަ އޮތް ޙައްލަކީ އިޚްލާޞްތެރި ތައުބާއަކުން ތައުބާވުމެވެ. އެނޫން ޙައްލެއް ނެތެވެ. އެނގޭހެއްޔެވެ؟ އިޚްލާޞްތެރިކަމާއިއެކު އެންމެ ފަހަރަކު "އަސްތަޣްފިރުﷲ ވައަތޫބް އިލައިހި" ކިޔުނުކަމުގައިވިޔަސް ފާފަކުރުން ހުއްޓައިލެވޭނެއެވެ. އެމީހަކަށް ފާފަނުކޮށް ހުރުމުގެ ހިތްވަރާއި ފާފަކުރުމާއި ދުރުހެލިވެވޭނެ މަގު ދައްކަވާނެތެވެ. އިން ޝާ ﷲ  

ފާފަނުކޮށް ހުރުމުގެ ހިތްވަރު ހޯދަން ބޭނުންވާ މީހާ އިޚްލާޞްތެރިކަމާއިއެކު ދުވާލުގެ ދެއިރު ﷲ ތަޢާލާގެ މަތިން ހަނދާންކުރާށެވެ. މާނައަކީ ދެއިރު ކިޔަން ހުރި ޛިކުރުތައް އިޚްލާޞްތެރިކަމާއިއެކު ކިޔާށެވެ. އެމީހަކު އެދޭ ގޮތަކަށް ކަންކަން ހިންމަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ  

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

މިއަދު އޮންލައިން