ތިމާމެންނަކީ ޒިނޭކުރަން ބޭނުންވެގެން ތިބި ބައެއްކަމަށް ދުނިޔެއަށް އިޢުލާނުކޮށްގެން ތިބި ބައެއް މީހުންގެ ގާތުގައި އެވާހަކަ ދެއްކުމުން އެފަދަ ކަމެއް ނުކުރާކަމަށް އެބަ ބުނެއެވެ. އެކަމުން އެނގެނީ އެމީހުން އެކަން އެކުރަނީ ނުއެނގިތިބެ ކަމެވެ. އެެހންވެ ދަސްކޮށްދީ ހޭލުންތެރިކުރުވުމުގެ ގޮތުން ބުނަމެވެ.
ފާޑުފާޑަށް ހެދުންލައިގެން ތިބެ ސޯޝަލް މީޑިއާގައި "ސެކްސީ ޕޯޒް" ތަކަށް ފޮޓޯ ޝާއިޢުކުރުމަކީ ތިމާއަކީ ޒިނޭކުރަން ތައްޔާރަށް ހުރި މީހަކުކަން މުޅި ދުނިޔެއަށް އިޢުލާނުކުރުމެވެ. މިފަދަ އިޢުލާނެއް ކުރުމުން އެތައް މިލިއަން ބައަކުވެސް ލައިކް ދީފާނެއެވެ. މަޝްހޫރުވެސް ވެވިދާނެއެވެ. ނަމަވެސް އެކަމަސް ދެއްވަވާނެ ޢަޛާބުގެ ޛައްރެއްގެ މިންވަރާއިމެދު ވިސްނައިލާ މީހަކުވެސް އެފަދަ ނުބައި ޢަމަލެއް ނުކުރާނެއެވެ.
މީސްތަކުންނޭވެ! ފާޙިޝް ޢަމަލުތައް ކުރުން ޢާންމުވުމަކީ ފަހުޒަމާން ގާތްވެއްޖެކަމުގެ 5 ޢަލާމާތުގެ ތެރެއިން ހިމެނިގެންވާ އެއް ކަންތަކެވެ. މިހެން ބުނުމުން މިދައްކަނީ ކާފިރުންގެ ވާހަކަ ކަމަށް ހީނުކުރާށެވެ! މިދައްކަނީ މިއުންމަތުގެ މީހުންގެ ވާހަކައެވެ. ކާފިރުންގެ ވާހަކައެއް ނޫނެވެ. ކާފިރުން ހުރިހާ ޒަމާންތަކެއްގައިވެސް ހުރިހާ ފާފަތަކެއްވެސް ކުރެއެވެ.
ހޭލުންތެރިވާށެވެ! މޮޑެލުންނާއި ސްޕަމޮޑެލުން އުޅޭނެއެވެ. އެމީހުން ޖައްސާހައިވައްތަރުތައް ޖައްސާކަށް ނުޖެހެއެވެ. އެމީހުން ފޮޓޯ ނަގާހައި ޕޯޒްތަކަށް ފޮޓޯނަގާކަށް ނުޖެހެއެވެ. ހާމަކުރާކަށްވެސް ނުޖެހެއެވެ. އެމީހުން މޭކަޕްކުރާހައި ގޮތަކަށް މޭކަޕްކުރާކަށް އަދި އެމީހުން ލާހައި ގޮތަކަށް ފޭރާންލާކަށްވެސް ނުޖެހެއެވެ. ކާފިރުންނާއި އެއްގޮތް ނުވާން ދީނުގައި އޮތީ މުހިންމު ސަބަބުތަކަކަށްޓަކައެވެ.
މީގެ އެންމެ ހިތާމަހުރި އެއްކަމަކީ ބައެއް މުސްލިމް މައިންބަފައިން ނުވަތަ ގާތްތިމާގެ މީހުން އެމީހުން އެމީހުންގެ ދަރިންގެ މިފަދަ ފޮޓޯތައް ޢާންމުކުރަމުން ގެންދާކަމެވެ. ފަހަރެއްގައި ނުވިސްނެނީ ކަމަށްވެސް ވެދާނެއެވެ. ހޭލުންތެރިކުރުވަން މަސައްކަތް މިކުރަނީ އެސަބަބަށްޓަކައެވެ.
- ބިލާލް އައްސަދުގެ ދަރުސަކުން