ކައިވެނީގެ ކުރިން ކުރެވޭ ފާފަތަކުގެ ވާހަކަ ވާންއުޅޭ ފިރިމީހާގެ ގާތުގައިވިޔަސް ކިޔައިދިނުމަކީ މާބޮޑު ފާފައެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
ކައިވެނީގެ ކުރިން ކުރެވޭ ފާފަތަކުގެ ވާހަކަ ވާންއުޅޭ ފިރިމީހާގެ ގާތުގައިވިޔަސް ކިޔައިދިނުމަކީ މާބޮޑު ފާފައެއް!

ލޮބުވެތި ކަނބަލުންނޭވެ! ކައިވެނީގެ ކުރިން ނުވަތަ ކައިވެނިނުކޮށް އެއްވެސް ބާވަތެއްގެ ޙާޙީޝް ޢަމަލެއް ކުރުމަކީ ޙަރާމްކަމެކެވެ. ޚާއްޞަކޮށް ޒިނޭކުރުމަކީ އެންމެ ބޮޑެތި ފާފަތަކުގެ ތެރެއިން ހިމެނިގެންވާ ފާފަފައެވެ. ވީމާ ފުރަތަމަ ކަމަކަށް ބުނެލަން ބޭނުންވަނީ ﷲ ތަޢާލާ ޙަރާމް ކުރައްވަވާފައިވާ އެފަދަ އެއްވެސް ކަމެއް ނުކުރުމަށެވެ. 

ދެން މިނުކުންނަ މައްސަލައަކީ ކޮންމެވެސް ކަންތައްތަކެއް މެދުވެރިވެގެން ކައިވެނީގެކުރިން ފާފައެއް ކުރެވެނީއެވެ. ފާފަތަކެއް ކުރެވެނީއެވެ. ޒިނޭވެސް ކުރެވުނީއެވެ. މިޙާލަތުގައި ބައެއް އަންހެނުންނަށް ވަރަށް ބޮޑެތި މައްސަލަތަކެއް އެބަ ކުރިމަތިވެއެވެ. 

މިޘާލަކަށް ބުނާނަމަ ކުރެވުނު ފާފަތަކަށް އޭނާހުރީ ތައުބާވެގެންނެވެ. ތައުބާވެގެންހުރެ އޭނާ ދުޢާކުރަމުން ދިއައީ ހެޔޮލަފާ ފިރިއަކު ދެއްވެވުން އެދިއެވެ. ދުޢާކުރަމުން ދަނިކޮށް މީހަކާއި ބައްދަލުވަނީއެވެ. ކައިވެނިކުރަން ދެމީހުން އެއްބަސްވަނީއެވެ. 

މީޙާލަތުގައި އުފައްދާ ސުވާލަކީ އޭނާއަށް ކުރިން ކުރެވުނު ފާފަތަކުގެ ވާހަކަ އޭނާއަށް ކިޔައިދޭންޖެހޭނެ ހެއްޔެވެ؟ އެމީހާ ސުވާލުކުރާނަމަ ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ 

މިފަދަ ޙާލަތެއް މެދުވެރިވެގެން އަންހެނަކު ޢުމަރުގެފާނާއި ސުވާލުކުރިއެވެ. ސުވާލުކުރުމުން ޢުމަރުގެފާނު އިންތިހާއަށް ކޯފާވެވަޑައިގެންނެވިއެވެ. ވިދާޅުވިއެވެ. "ކަލެއަށް ކުރެވުނު ފާފަަތަކަށް ތައުބާވެގެން ހުރެ، އަދި އެކަންކަން ﷲ ތަޢާލާ ސިއްރުކުރައްވަވައި ދެއްވަވާފައިވަނިކޮށް މީހެއްގެ ގާތުގައި އެވާހަކަ ބުނަނީހެއްޔެވެ؟" އެފަދަ ޢިބާރާތަކުން ވިދާޅުވެފައި އެކަންކޮށްފިނަމަ ކަލޭކުރި ފާފަ މުޅި ދުނިޔެއަސް އިޢުލާނު ކުރައްވަވާނެ ކަމަށް ވިދާޅުވިކަމަށްވެސް އޮވެއެވެ. (މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.) 

ކޮންމެއަކަސް ވާން އުޅޭ ފިރިމީހާ ސުވާލުކުރިނަމަވެސް ކުރެވިފައިވާ ފާފައެއްގެ ވާހަކަ ބުނުމެެއް ނެތެވެ. އެކަމުން ކުރާނެ ފައިދާއަށްވުރެ ފަހުން ލިބޭނެ ގެއްލުން މާބޮޑުވެގެންވެސް ހިނގައިދާނެއެވެ. އޭނާ ރުޅި އަންނަ ދުވަހު ތިބާގެ އަގުވައްޓާލަން އެކަންކަން ބޭޒާރުކުރުންވެސް ގާތެވެ. 

މިފަދަ ހުރިހާ މައްސަލަތަކަކަށްވުރެ ބޮޑަށް ބަލަންވީ އެކަމަކީ ރަސޫލް ވަރަށް ބޮޑަށް މަނާ ކުރައްވަވާފައިވާ ކަމަކަށްވާކަމެވެ. ކުރެވޭ ފާފަތައް އަމިއްލައަށް ބޭޒާރުކުރުމަކީ އެމީހެއްގެ ފާފަ ނުފުއްސަވައިފާނެ ކަމެއްކަމަށް ޙަދީޘްފުޅުގައި އޮތުމުންނެވެ. 

ކުރިން ކުރެވިފައިވާ ފާފަތަކަށް ތައުބާވުމުން އެކަންކަން އެއޮތީ ނިމިފައެވެ. އެކަމާއި ގުޅުވައިގެން އިތުރަށް ފާފަވެރިނުވާށެވެ. ދެންވެސް ދީނުގައި އޮތް ގޮތަށް ޢަމަލުކުރުމުގައި ޘާބިތުވާށެވެ! ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދޭށެވެ! ރަނގަޅު ގޮތްތައް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން