ﷲ ގެ ޙަޟްރަތުގައި ހުއްޓިހުންނަން ޖެހޭއިރު ތިބާއަކީ ކޮންމެ ރެއަކު ކީރިތި ޤުރްއާނުގެ ތިންބައިކުޅަ އެއްބައި ކިޔަވައިގެން ދަމުނަމާދުކުރި މީހަކަށްވެވިދާނެ ފަސޭހަ މަގު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 37ސ
ﷲ ގެ ޙަޟްރަތުގައި ހުއްޓިހުންނަން ޖެހޭއިރު ތިބާއަކީ ކޮންމެ ރެއަކު ކީރިތި ޤުރްއާނުގެ ތިންބައިކުޅަ އެއްބައި ކިޔަވައިގެން ދަމުނަމާދުކުރި މީހަކަށްވެވިދާނެ ފަސޭހަ މަގު-

އެއްރެއަކު ފަޖުރުލުމާއި ވަރަށް ގާތްވެފައިވަނިކޮށް ޢަބްދުﷲ ބިން ޢުމަރު ބޭކަލަކަށް ވިދާޅުވިއެވެ. "ތެދުވެ ޤުރްއާނުގެ ތިންބައިކުޅަ އެއްައި ކިޔަވާލައިގެން ދަމުނަމާދުކޮށްނުލާނަން ހެއްޔެވެ؟"  

އެބޭކަލަކު ވަރަށް ކަންބޮޑުވެފައި ހުންނަވައި ވިދާޅުވިއެވެ. "މިހައި ކުޑަ ވަޤުތުކޮޅެއްގެ ތެރޭގައި އެކަން ކުރެވޭނީ ކިހިނަކުންތޯއެވެ؟" ޖަވާބުގައި ވިދާޅުވިއެވެ. "އިޚްލާޞް ސޫރަތް ކިޔަވާލައިގެން ނަމާދުކޮށްލާށެވެ."  

މީސްތަކުންނޭވެ! ﷲ ތަޢާލާގެ ޙަޟްރަތަށް ދާންޖެހޭއިރު ތިބާއަކީ ކޮންމެ ރެއަކު ކީރިތި ޤުރްއާނުގެ ތިންބައިކުޅައެއްބައި ކޮންމެ ރެއަކުވެސް ކިޔަވައިގެން ދަމުނަމާދުކުރެވުނު މީހަކަށް ވެވިއްޖެނަމަ ލިބޭނެ އުފާވެރިކަމާއިމެދު ވިސްނައިލާށެވެ.   

ރޭއަޅުކަންކުރުމަކީ އެހައި ބޮޑުކަމެއްކަމަށް ވިސްނެނީ ރަނގަޅަކަށް ނޫނެވެ. އެހެނީ އެއީ ކުރަން ވަރަށް ފަސޭހަކަމެކެވެ. އެންމެ 2 ރަކްޢަތް ކުރިނަމަވެސް ފުދޭނެއެވެ. އަދި ޤުރްއާނުގައިވާ އެންމެ ކުރު ސޫރަތްތަކުގެ ތެރެއިން ސޫރަތެއް ކިޔެވިނަމަވެސް ފުދޭނެއެވެ.  

އެންމެ މުހިންމު ކަމަކީ ކިތަންމެ ކުރުކޮށް ކިޔަވައިގެން ނަމަވެސް ރޭއަޅުކަން ކުރަން ފެށުމެވެ. ތިމާއަކީ ﷲ ތަޢާލާގެ ލޯބިވޮޑިގަތުން ބޭނުންވެގެން ހުރި މީހެއްކަމާއި ފުރިހަމަ ގޮތުގައި ކިޔަމަންތެރިއެއްކަން ޢމަލުން ދެއްކުމެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ ސުންނަތް ނަމާދު ކުރާ މީހަކުކަމުގައިވުމެވެ.  

އަހުރެމެންގެ ތެރެއިން ވަރަށް ގިނަ މީހުންނަކީ ބަޤަރާ ސޫރަތުގެ ފުރަތަމަ 10 އާޔަތް ހިތުދަސް ބައެކެވެ. މުލްކް ސޫރަތާއި އެހެންވެސް ބައެއް ސޫރަތްތައް ހިތުދަސް ބައެކެވެ. ސޫރަތް އެއްކޮށް ނުކިޔެވުނު ނަމަވެސް އެންމެ 10 އާޔަތް ކިޔައިގެން ނަމަވެސް ނިކަން ދަމުނަމާދުކުރަން ފަށައިބަލާށެވެ. އެކަމަށް ހިތްޖެހި އިސާހިތަކު ނަމާދު ދިގުކުރާހިތްވާން ފަށާނެއެވެ. އިން ޝާ ﷲ 

ދަމުނަމާދަކީ ވަކިވަރަކަށް އަޅުވެރިވެވުމުން ކުރަން އޮތް ނަމާދެއްކަމަށް ހީނުކުރާށެވެ. އެއީ ކޮންމެ މުސްލިމަކުވެސް ކުރަން އޮތް ނަމާދެކެވެ. ﷲ ތަޢާލާ އާއި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށާއި ތަޤްވާވެރި ހެޔޮލަފާ މީހުންގެ ތެރެއިން ވާން މަސައްކަތްކުރަން ކުރަން އޮތް ނަމާދެކެވެ.

 

- އިމާމް ޢުމަރު ސުލައިމާނުގެ ދަރުސަކުން  

މިއަދު އޮންލައިން