ބާލިޣްނުވާ ކުޑަކުދިންނަށް ނުބައިބަސްތައް ބުނެ އަނިޔާވެރިވުމަކީ ކިހާބޮޑު ފާފައެއްކަން ނޭނގޭނަމަ ދަސްކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ބާލިޣްނުވާ ކުޑަކުދިންނަށް ނުބައިބަސްތައް ބުނެ އަނިޔާވެރިވުމަކީ ކިހާބޮޑު ފާފައެއްކަން ނޭނގޭނަމަ ދަސްކުރާށެވެ!

ލޮބުވެތި މައިންބަފައިންނޭވެ! ދަރިންނަކީ ﷲ ތަޢާލާ އަހަރެމެންނާއި ޙަވާލުކުރައްވަވާ ވަރަށް ބޮޑު އަމާނާތެކެވެ. ހުރިހާ ޢުމުރެއްގެ ދަރިންނަށްވެސް ހެޔޮކޮށްހިތަންވާނެއެވެ. އޯގާތެރިވާންވާނެއެވެ. އެހެންކަމާއިއެކުވެސް މިރޭ މިފާހަގަކުރަނީ ވަރަށް ޚާއްޞަ ޢުމުރެއްގެ ވާހަކައެވެ. އެއީ ބާލިޣްނުވާ ކުޑަކުދިންގެ ވާހަކައެވެ.  

ބާލިޣް ނުވާ ކުޑަކުދިންނަކީ ﷲ ތަޢާލާގެ ޚާއްޞަ ރައްކުތެރިކަން ލިބިގެންވާ ބައެކެވެ. އެކުދިންގެ މައްޗަކަށް ދީނުގެ އެއްވެސް ކަމެއް ވާޖިބުވެގެނެއް ނުވެއެވެ. އެކުދިންނަށް ކުރެވޭ އެއްވެސް ކުށަކީ ފާފައަކަށް ނުވެއެވެ. ބާލީޣް ނުވަނީސް މަރުވެއްޖެނަމަ އެކުދިންގެ ފުރާނަތައް ވާނީ ﷲ ތައާލާގެ ރަޙްމަތުގައެވެ. އިސްރާ އާއި މިޢްރާޖްގެ ދަތުރުފުޅުގައި އެކުދިންތައް އިބްރާހީމްގެފާނާއިއެކު ރަސޫލް އަށް ވަނީ ދައްކަވައިފައެވެ.  

ދެން ނިކަން ބުނެބަލާށެވެ! ﷲ ތައާލާގެ ޙަޟްރަތުގައި އެއްވެސް ކުށެއް ނުވާ ޢުމުރުގައި އެކުދިންނަށް ކުރެވޭ ކަންކަން ކުށްވެރިކޮށް އެކުދިންނަށް ބޮޑެތި އަދަބުތައް ދިނުމުގެ ޙައްޤު މައިންބަފައިންނަށް  ނުވަތަ ބެލެނިވެރިންނަށް ލިބިގެންވާނީ ކިހިނަކުންހެއްޔެވެ؟  

އެއްވެސް ޙާލެއްގައި މިދައްކަނީ ދަރިންގެ ކަންކަން އިޞްލާޙްކުރަން އެކުދިންގެ ޢުމުރާއިގުޅޭ ގޮތަށް ކުރަންޖެހޭ ކަންކަން ނުކުރުމުގެ ވާހަކައެއް ނޫނެވެ. އެއީ ކުރަންޖެހޭނެ ކަންކަމެވެ.  

ލޮބުވެތިމައިންބަފައިންނޭވެ! ބެލެނިވެރިންނޭވެ! ކުޑަކުދިންނަށް ހަރުކަށި ނުބައިބަސްތައް ނުބުނާށެވެ! އެކަމުގެ ނޭދެވޭ އަސަރު ކުއްޖާއަށް ކުރާނެއެވެ. އަދި އެކަމުގެ ސަބަބުން ބައެއް ކުދިން ހިތްހަރުވެ ހަމައެފަދަ ނުބައިބަސްތައް ބުނާ ކުދިންނަށް ބަދަލުވެގެންދެއެވެ.  

ނަޞޭޙަތްދިންކަމުގައިވީނަމަވެސް ލޯތްބާއި އޯގާތެރިކަމާއިއެކުގައި ނަޞޭޙަތްދޭށެވެ. ކުރެވުނީ ކުށެއްކަން ވިސްނައިދޭށެވެ. ދެން އެފަދަ ކަމެއް ނުކުރަން ހިތްވަރުދޭށެވެ. ނޫނީ އިޞްލާޙްވުމުގެ ބަދަލުގައި ދަރިންގެ ކަންކަން ދާނީ ގޯސްވަމުންނެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން