އަޅުގަނޑުގެ އަވަށްޓެރިޔާގެ ހުރި އެންމެ ދަރިފުޅަށް މިހާރުވެސް އުޅެނީ ޖިންސީގޯނާކުރުމުގެ މައްސަލައެއް ކުރިމަތިވެގެންނެވެ. އަވަށްޓެރިޔާ އެމަމާއި ދެރަވެ އަބަދު ރޮނީއެވެ. އަޑު އިވޭ ގޮތުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުން މިހާރު ވަރަށް ގިނަ އަހަރުތަކަކަށް ޖަލުގައި ބަންދުކުރެއެވެ. އެހެންކަމަށްވާއިއރުވެސް އެކުށްކުރަން މީހުން ބިރުނުގަންނަނީ، އަދި އެކުށްކުރުން ނުހުއްޓުވިގެން މިއުޅެނީ ކީއްވެގެންތޯ އެވެ؟
ކިޔުންތެރިޔާގެ ސުވާލުގެ ޖަވާބަކީ ކުށްކުރުން ހުއްޓުވަން ތިބި މީހުން، އެމީހުންނަކީ މާތް ﷲ އަށްވުރެ މާމޮޅަށް ކަންކަން އެނގޭ ބައެއް ހެދިގެން އުޅޭކަމެވެ. ސުވާލުގެ ޖަވާބު ތިރީގައިވާ ލިޔުމުން ލިބިވަޑައިގަންނަވާނެއެވެ. އިން ޝާ ﷲ
ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ގިނަ ޤައުމަކަށް ރާއްޖެވެފައިވާއިރު މިއީ ވަރަށް ބޮޑަށް އެންމެންވެސް ކަންބޮޑުވާ ކަމެކެވެ. އެކަމަށް ކަންބޮޑުނުވާ ހަމައެކަކުވެސް ނެތެވެ. އެކަންއެނގެނީ އެފަދަ ޢަމަލުތައްކުރާ މީހުންގެ ދަރިއަކަށްވެސް އެފަދަ ކަމެއް ކުރިމަތިވެއްޖެނަމަ އެމީހާ ވެސް އިންތިހާއަށް ކަންބޮޑުވާތީއެވެ.
ދުނިޔޭގައި ޢާންމުވި އެއްވެސް ފާފައެއްކުރުން އެއީ މުޅިން ހުއްޓުވިދާނެކަމަކަސްނުވެދާނެއެވެ. ނަމަވެސް ﷲ ތަޢަލާ ބާވައިލެއްވެވި ޙުކުމްފުޅުތައް ތަންފީޒުކުރަންފަށައިފިނަމަ އެކުށެއްކުރުން އިންތިހާއަށް މަދުވެގެންދެއެވެ. އެގޮތުން ބަލައިފިނަމަ ކުޑަކުދިންނަށް ޖިންސީގޯނާކުރުމުން ދޭންޖެހޭ އަދަބުތަކަކީ:
"އެބައިމީހުން ގަތުލުކުރުމެވެ. ނުވަތަ ޞަލީބަށް އެރުވުމެވެ. ނުވަތަ ތަފާތުވާގޮތުގައި، އެބައިމީހުންގެ އަތްތަކާއި ފައިތައް ބުރިކުރުމެވެ (ކަނާއަތާއި ވައަތުފައި ބުރިކުރުން). ނުވަތަ ރަށުން ފޮނުވައިލުމެވެ."
މިއީ މީހަކު އުފައްދާފައިވާ އަދަބުތަކެއް ނޫނެވެ. ﷲ ތަޢާލާ ބާވައިލެއްވެވި ޙުކުމްފުޅުތަކެވެ. ތަންފީޒުކުރަންޖެހިލުންވާންޖެހެންވީ އެއްވެސް ސަބަބެއް ނެތެވެ.
ޖެންޑަރ މިނިސްޓްރީން ކޮންމެ މަހަކު ނެރޭ ރިޕޯޓްތަކަށްބަލާއިރު ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ރިޕޯޓްކޮށްފައިނުވާ އެއްވެސް ރިޕޯޓެއް ނުފެނެއެވެ. ވީމާ އެބޮޑުކޮށް ހުއްޓުވަން މިހާރު ދެވޭ އަދަބަކީ މައްސަލަ ޙައްލުކުރެވޭވަރުގެ އަދަބެއް ނޫންކަން އެނގިގެންދެއެވެ.
ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފްގެ މިލިޔުއްވުން ވިދާޅުވެލައްވާށެވެ!
"الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
ޝައްކެތްނެތް ގޮތުގައި ކުޑަކުދިންނަށް ޖިންސީގޯނާ ކުރުމަކީ ބޮޑުވެގެންވާ ޖަރީމާއެކެވެ. އަދި އެތައް ނުބައި ކަމެއް އެކަމެއްގައި އެކުލެވިގެންވާ ކަމެކެވެ. އޭގެ ތެރޭގައި:
1. އެއީ ބިމުގައި ފަސާދަކުރުން ކަމުގައިވުން. އަދި ﷲ އާއި ރަސޫލާ އާއި ހަނގުރާމަ ކުރުންފަދަ ކަމަކަށް ވުން.
ބިމުގައި ފަސާދަ ކުރާ މީހުންނަށް ގަދަފަދަވެގެންވާ ޢުގޫބާތް ދިނުމަށް ކީރިތި ގުރްއާނުގައި އަންގަވާފައިވެއެވެ. ސޫރަތުލް މާއިދާގެ 33 ވަނަ އާޔަތުގައި އަންގަވާފައިވެއެވެ.
(إِنَّمَا جَزَاءُ الَّذِيْنَ يُحَارِبُوْنَ اللهَ وَرَسُوْلَهُ وَيَسْعَوْنَ فِي الْأَرْضِ فَسَادًا أَنْ يُّقَتَّلُوْا أَوْ يُصَلَّبُوْا أَوْ تُقَطَّعَ أَيْدِيْهِمْ وَأَرْجُلُهُمْ مِّنْ خِلَافٍ أَوْ يُنْفَوْا مِنَ الْأَرْضِ ذَلِكَ لَهُمْ خِزْيٌ فِي الدُّنْيَا وَلَهُمْ فِي الْآخِرَةِ عَذَابٌ عَظِيْمٌ)
މާނައަކީ: "މާތް ﷲ އާއި، އެކަލާނގެ ރަސޫލާއާއި ދެކޮޅުވެރިވެ ހަނގުރާމަކޮށް އުޅޭމީހުންނާއި، ފަސާދަކުރުމުގެ ގޮތުން ބިމުގައި މަސައްކަތްކޮށް އުޅޭމީހުންގެ ޖަޒާއެއް ކަމުގައިވާކަން ކަށަވަރީ، އެބައިމީހުން ގަތުލުކުރުމެވެ. ނުވަތަ ޞަލީބަށް އެރުވުމެވެ. ނުވަތަ ތަފާތުވާގޮތުގައި، އެބައިމީހުންގެ އަތްތަކާއި ފައިތައް ބުރިކުރުމެވެ (ކަނާއަތާއި ވައަތުފައި ބުރިކުރުން). ނުވަތަ ރަށުން ފޮނުވައިލުމެވެ. އެހެނީ، އެބައިމީހުންނަށް ދުނިޔޭގައިވެސް ހުރީ ނިކަމެތިކަމެވެ. އަދި އާޚިރަތުގައި، އެބައިމީހުންނަށް ބޮޑުވެގެންވާ ޢަޛާބު ހުއްޓެވެ".
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމަކީ ބިމުގައިފަސާދަކުރުމުގެ ތެރެއަށް ވަންނާނެ ކަމެކެވެ. އަދިކިއެއްތަ، އެއީ އެންމެ ބޮޑު ފަސާދައެވެ.
2. ކުޑަކުދިންނަށް ޖިންސީގޮތުން ގޯނާ ކުރުމުގެ ސަބަބުން އެކުދިންނަށް އަޚްލާގީ އަދި ޖިސްމާނީ ގޮތުން ތަފާތު ބަލިތަކާއި ކުރިމަތިލާން ޖެހެއެވެ. އަދި އެބަލިތަކުން ފަސޭހަވުމަށް އުދަގޫވެ، އެކުދިންގެ މުޅި ޢުމުރުގައި އެކަން ތަޙައްމުލުކުރަން ޖެހިދެއެވެ. އޭގެ ސަބަބުން އެކުއްޖާއާއި މުޖްތަމަޢަށް ނޭދެވޭ އަޘަރުތަކެއް ކުރެއެވެ.
3. މިކަމުގެ ސަބަބުން ކުއްޖާ އަށް ނަފްސާނީ ގޮތުން ބޮޑެތި ގެއްލުންތަކެއްލިބި، މުޅި ޢުމުރުގައި އެކަން ތަޙައްމުލު ކުރަން ޖެހިދިޔުން.
4. މިކަމުގެ ސަބަބުން ކުއްޖާ އާއި ޢާއިލާގެ އަގު ވެއްޓި، މުޖްތަމަޢުގައި އެކަހެރިވާ ގޮތް މެދުވެރިވުން.
ކުރިން ބަޔާން ކުރެވުނު ފަދައިން، ކުޑަކުދިންނަށް ޖިންސީގޯނާ ކުރުމަކީ ބިމުގައި ފަސާދަކުރުން ފަދަ ކަމެއް ކަމުން އެފަދަ ކަންތައް ކުރާމީހުންނަށް ބިމުގައި ފަސާދަކުރާ މީހެއްގެ ޢުގޫބާތް ދެވެން ޖެހޭނެއެވެ. ނަމަވެސް މި ޢުޤޫބާތްތައް ކަނޑައަޅާނީ ކަމާބެހޭ ފަރާތުންނެވެ. ނުވަތަ ޤާޟީމެދުވެރިކޮށް ޝަރީޢަތުންނެވެ. والله أعلم
ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުއްލަޠީފް