މަތީ ދރަޖަތައް ލިބި އަދި އަމިއްލަ ދިރިއުޅުމުގައި ނުވަތަ ތިމާކުރާ މަސައްކަތުގައި ތިމާއަށް ﷲ ތަޢާލާގެ ކޯފާވެވޮޑިގަތުން ނުލިބި ކުރިއަރަމުން ދެވެނީ ތިމާގެ އަމަލުތައް ފުރިހަމަކަމުން ކަމަށް ހީކުރަނީ އެންމެ ބޮޑެތި ޖާހިލުންނެވެ. އެހެނީ އަމަލުތައް ކިތަންމެ ނުބައި މީހުންނަށްވެސް ﷲ ތަޢާލާ ކުރިއެރުން ދެއްވަވައެވެ.
އެކަމުގެ ސަބަބުވެސް ޤުރްއާނުން އެނގެން އެބަ އޮތެވެ. "ހަމަކަށަވަރުން އެއީ އޭނާ އިމްތިޙާން ކުރެއްވެވުމަށްޓަކައެވެ."
ކީރިތި ޤުރްއާނުގައި ﷲ ތަޢާލާ ބަޔާންކުރައްވަވާފައިވާ ވަޙީބަސްފުޅުތަކަށް ވިސްނާށެވެ! ފިރުއަޢުނާއި ޤާރޫނާއި ނަމްރޫދުމެންފަދަ ބޮޑެތި ޖާހިލު ޖައްބާރުންނަށް އެމީހަކު އެދުނުހައި ކަންކަން މިންވަރުކުރެއްވެވިއެވެ. ހިއްޕެވީ އެންމެ ފަހުވަގުތުގައި ނޫންހެއްޔެވެ؟ އަދިވެސް ކީއްހެއްޔެވެ؟ ޖާހިލު ކިތައް ޖައްބާރުން މިދުނިޔޭގައި ނުހއްޕަވައި ދޫކޮށްލެއްވެވިހެއްޔެވެ؟
ވީމާ ތިމާ ކުރަންބޭނުންކަންކަން ޙާޞިލުކުރެވި ކުރިއަރަމުން ދެވުމަކީ އެއްވެސް ޙާލެއްގައި ތިމާކުރާ އަމަލުތައް ރަނގަޅުވުމުން ކަމަށް ޤަބޫލުކޮށްގެންނުވާނެއެވެ. އަދި ތިމާކުރާ ނުބައި އަމަލުތައް ﷲ ތަޢާލާއަށް އެނގޮވޮޑިނުގަންނަވަނީކަމަށާއި އެކަންކަމަށް ރުހިވޮޑިގެންވަނީ ކަމަށް ޤަބޫލުކޮށްގެންވެސް ނުވާނެއެވެ! ހެޔޮލަފާ މީހުންގެ ގޮތަކަށްވާންޖެހޭނީ ކުރިއެރުން ލިބެމުން އަންނަވަރަކަށް ތިމާއަށް ކުރެވޭ އަމަލުތަކަށް ވިސްނުން އިތުރުކޮށް އިޞްލާޙްކުރަން މަސައްކަތްކުރުމެވެ.
﴿وَاعْلَمُوا أَنَّ اللَّهَ يَعْلَمُ مَا فِي أَنْفُسِكُمْ فَاحْذَرُوهُ وَاعْلَمُوا أَنَّ اللَّهَ غَفُورٌ حَلِيمٌ﴾ [البقرة: 235]
މާނައީ: "ތިއަބައިމީހުންގެ ނަފްސުތަކުގައިވާ ކަންތައް ހަމަކަށަވަރުން ﷲ ދެނެވޮޑިގެންވާކަން ތިއަބައިމީހުން ދަންނާށެވެ! ވީމާ، ތިއަބައިމީހުން އެއިލާހަށް ބިރުވެތިވެ ރައްކާތެރިވާށެވެ! އަދި ހަމަކަށަވަރުން ﷲ އީ ގިނަގިނައިން ފާފަފުއްސަވާ ޙަލީމުވަންތަ، އިލާހުކަން ތިއަބައިމީހުން ދަންނާށެވެ!"
﴿يَوْمَ تَجِدُ كُلُّ نَفْسٍ مَا عَمِلَتْ مِنْ خَيْرٍ مُحْضَرًا وَمَا عَمِلَتْ مِنْ سُوءٍ تَوَدُّ لَوْ أَنَّ بَيْنَهَا وَبَيْنَهُ أَمَدًا بَعِيدًا﴾ [آل عمران: 30]
މާނައީ: "ކޮންމެ ނަފްސެއްމެ، ހެޔޮކަމުގެ ތެރެއިން، އެ ނަފްސެއް ކުޅަކަމަކާއި، ނުބައިކަމުގެ ތެރެއިން، އެ ނަފްސެއް ކުޅަކަމެއް ޙާޟިރުކުރައްވާފައިވާތީ ދެކޭނޭ ދުވަސް (ހަނދުމަކުރާށެވެ! އެދުވަހުން) އެ ނަފްސެއް ކުޅަ ނުބައިކަމަކާއި، އެ ނަފްސަކާ ދެމެދު އެތަކެއް ދުރުމިނެއް ހުންނާނެނަމައޭ ހީކޮށް އެކަމަށް އެދޭނެއެވެ."
- އިސްލާމީ ތިލަފަތުގެ ދަރުސަކުން