ބިރުހުރި ނުރައްކާތެރިކަންބޮޑު ކަމެއް!- ސިޙުރުވެރިންގެ ގާތަށް ދިއުމުން ހަށިގަނޑަށް ޖިންނި ވައްދުވާފައި ފަހުން ނެރެއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 55ސ
ބިރުހުރި ނުރައްކާތެރިކަންބޮޑު ކަމެއް!- ސިޙުރުވެރިންގެ ގާތަށް ދިއުމުން ހަށިގަނޑަށް ޖިންނި ވައްދުވާފައި ފަހުން ނެރެއެވެ!

ދާދިފަހުން އަޅުގަނޑުގެ އެކުވެރިއަކަށް ދިމާވި ކަމެއްގައި ސިޙުރުވެރިއެއްގެ ގާތަށް ގޮސް ކޮންމެވެސް ކަންތައްތަކެއް ކުރުވިއެވެ. އެކަމަކު އޭނާއަށް ވާންފެށީ އިތުރު އުދަގޫތަކެކެވެ. އެހެންވެ ރުޤްޔާކުރާށ މީހެއްގެ ގާތަށް ދިއުމުން ބުނީ ސިޙުރުވެރިޔާ ކުރި ކަމަކުން އޭނާގެ ހަށިގަނޑަށް ޖިންނިއެއް ވަދެފައިވާ ކަމަށާއި އެކަމުން ސަލާމަތްކުރަން ނުއެނގުނީ ކަމަށެވެ. ދެން އޭނާކުރި މަސައްކަތުން ރަނގަޅުވިއެވެ. އިން ޝާ ﷲ.

މިއީ ކިހިނެއްވާކަމެއްތޯއެވެ؟

ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ފުރިހަމަ ޖަވާބެއް ލިބޭނެ ކަމަށް އުންމީދުކުރަމެވެ.

އަޅުގަނޑުމެންގެ ދިވެހިރާއްޖޭގައިވެސް ސިޙުރުވެރިން އުޅޭކަމީ ހިތާމަޔާއެކީ ފާހަގަކުރާކަމަކެވެ. މިފަދަ މީހުންގެ ސަބަބުން އެތައް ބަޔަކަށް ތަފާތު ވައްތަރުގެ ގޯނާކޮށް އުނދަގޫކޮށް ހަދައެވެ. މީހުން މޮޔަކޮށް، ދަރިންނުލިބޭގޮތް ހަދައި، ނަފުސާނީގޮތުން އުނދަގޫކުރިމަތިކުރުވައި، ދެމަފިރިން ދެމެދުގައި ފިތުނަ އުފައްދައި ވަރިފަށަށް އަރުވައި، ދެމަފިރިން އެއްދާންކުރުމަށް ހުރަސްއަޅައި، ދެމީހަކު ގަދަކަމުން ތަތްކުރުމަކީ މިގޮތުން މިނުބައިމީހުން ކޮށްއުޅޭ މަޝްހޫރުކަންކަމެވެ.

އަޖައިބުކުރުވަނިވިކަމަކީ، އަޅުގަނޑުމެންގެ ދިވެހިރާއްޖޭގައި މިކަމަށް ބޭނުންކުރަމުން އައި ނަމުގެ ސަބަބުން ޢާއްމުމީހުންނަށް މިކަން އޮޅިފައި އޮތްކަމެވެ. މިގޮތުން ޢާއްމުންނަށް ޤަބޫލުކުރެވިފައިވާގޮތުގައި ސިޙުރަކީ މިއީ ނުބައިވައްތަރެވެ. އަދި ފަންޑިތައަކީ ސިޙުރު ރަނގަޅުކުރުމަށް ހަދާ އެއްޗެކެވެ. މިއީ ގޯސްހީކުރުމެކެވެ.

މިއީ އަޞްލުގައި ސިޙުރުވެރިން މީސްތަކުންނަށް އޮޅުވާލައި، މީސްތަކުންގެ މުދާ ބާޠިލުގޮތުގައި ކެއުމަށްޓަކައި ހަދާފައިވާ މަކަރެކެވެ. އެއިގެތެރެއިން ބައެއްމީހުން ސިއްރުގައި ސިޙުރުހެދުމަށްފަހު، އަލުން އެސިޙުރު ރަނގަޅުކުރުމަށް ފަންޑިތަހެދުމުގެ މާނާގައި މީސްތަކުންގެ ކައިރިއަށް އާދެއެވެ. މިއީ އެބައިމީހުން މީސްތަކުންގެ އަތުން މުދާ ހޯދުމަށާއި، އެމީހުންދެކެ މީސްތަކުން ޖެހިލުން ކުރުވުމަށާއި، ޤަދަރާ ޢިއްޒަތް ހޯދުމަށްޓަކައި ޖަހާ މަކަރެކެވެ. އަދި މީގެތެރޭގައި އެއްވެސް ތަނެއް ދޮރެއް ނުދަންނަ މީހުން މިމަޤުޞަދުތައް ޙާޞިލުކުރުމަށްޓަކައި ފަންޑިތަހަދާކަމުގެ ނަމުގައި އުޅެއެވެ.

ޙަޤީޤަތައް އަޅުގަނޑުމެން ބަލާލައިފިކަމުގައިވާނަމަ، މިބައިމީހުންގެ ތެރެއިން ބައެއްމީހުން ފަންޑިތައިގެ ނަމުގައި އެކުރާކަންކަމަކީ ސީދާ ޝިރުކުގެ ކަންތައްތަކެވެ. އަދި ބައެއްމީހުން އިސްލާމީ ޝަރީޢަތާ ފުށުއަރާ، އެއްވެސް ދަލީލަކުން ސާބިތުވެފައިނުވާ ކަންތައްތައްކޮށް އުޅެއެވެ. އެގޮތުން، އެހަދާ ފަންޑިތަކުގައި ޤުރުއާނުގެ އާޔަތްތަކާއި ސޫރަތްތައް ވަކިވަކި އަކުރުތައް ގޮތުގައި ލިޔުމާއި، އަކަކުރެހުމާއި، ވަޅިޖެހުމާއި، ތަވީދުއެޅުން ފަދަ ކަންކަން ހިމެނެއެވެ. މިފަދަ ކަންކަމަކީ ޤުރުއާނާއި ސުންނަތުން ޘާބިތުނުވާ، އެކަންކަމަށް އެއްވެސް ދަލީލެއްހުރި ކަންކަމެއް ނޫނެވެ.

ހަމަމިފަދައިން، ފަންޑިތަވެރިޔާ މިފަދަ ކަންކަންކުރުމުގެ ސަބަބުން ސިޙުރުޖެހިފައިވާމީހާ ނުވަތަ ޖިންނި ބަލިޖެހިފައިވާ މީހާ ރަނގަޅުވެއެވެ. މީގެ ޙަޤީޤަތަކީ ޝައިޠާނާއަކީ އަބަދުވެސް އިންސާނުން މަގުފުރެއްދުމަށްޓަކައި މަސައްކަތްކުރާ އެއްޗެކެވެ. ﷲ ޙަރާމްކުރައްވާފައިވާ ކަމަކަށް އަރައިގަތުމުން ނުވަތަ ޖިންނި ބަލިޖެހިފައިވާމީހާގެ ޒަރީޢާއިން ޝައިޠާނާ އެވެނިކަމެއް ކުރުމަށްބުނުމުން، އެކަންކޮށްފިނަމަ އެކަމުގެ އުފަލުގައި އޭނާނުކުމެގެން ދަނީއެވެ. ޝައިޠާނާ އަބަދުވެސް އަމުރުކުރާނީ ﷲ ޙަރާމްކުރައްވާފައިވާކަމަކަށެވެ. އޭގެފަހުގައި އެހެން މީހުންނަށް ގޯނާކޮށްގެން، އަނެއްކާވެސް އެއްކަލަ ޙަރާމްކުރެއްވި ކަންތައްކުރާއިރަށް ނިކުމެގެން ދަނީއެވެ.

އެއީ މީސްތަކުންނަށް އެކުރާ ޙަރާމްކަމަކީ ރަނގަޅު ބޭސްފަރުވާއެއްކަމަށް މީސްތަކުންނަށް ދެއްކުމަށްޓަކައެވެ. މިކެހިވެރިމަޅީގައި މީސްތަކުން ޖައްސައި، ﷲ ސުބުޙާނަހޫ ވަތަޢާލާ ޙަރާމްކުރައްވާފައިވާ ކަންކަން ރިވެތިކޮށް ޒީނަތްތެރިކޮށްދީގެން މީސްތަކުންގެ ތެރޭގައި ޝައިޠާނާ ފަތުރައެވެ. މިކަމުގައި ޝައިޠާނާއަށް އެހީވެ، ވާގިވެރިވާ ބަޔަކީ ސިޙުރުވެރިންނާއި، ފަންޑިތައިގެ ނަންދީގެން ސިޙުރުހަދާމީހުންނެވެ.

--ޝައިޚް މުޙައްމަދު ސިނާން

މިއަދު އޮންލައިން