ބައިވެރިޔާގެ ވާހަކަ ހިފައިގެން މީހަކު އަތުވެއްޖެނަމަ އެއީ މިތުރެއްކަން ނުވަތަ ހަތުރެއްކަން ބަލަން މި ސުވާލުކޮށްފަ ނޫނީ އޭނާ ދައްކާ އެއްވެސް ވާހަކައެއް ޤަބޫލުނުކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 26ސ
ބައިވެރިޔާގެ ވާހަކަ ހިފައިގެން މީހަކު އަތުވެއްޖެނަމަ އެއީ މިތުރެއްކަން ނުވަތަ ހަތުރެއްކަން ބަލަން މި ސުވާލުކޮށްފަ ނޫނީ އޭނާ ދައްކާ އެއްވެސް ވާހަކައެއް ޤަބޫލުނުކުރާށެވެ!

ކިތަންމެ ބޮޑުކަމެއް ޖެހުނަސް އަދި ކުޑަ ކަމެއް ޖެހުނަސް އަހުރެމެންނަށް ކުރިއަށް ދާންޖެހޭނީ ވަކި މަގަކުންނެވެ. އެއީ ﷲ ތަޢާލާގެ މަގެވެ. އެނޫން މަގަކުން ކުރިއަށް ދިއުމެއް ނެތެވެ. މީގެ އިތުރުން ޝައްކުގެ މައްޗަށް އެއްވެސް ކަމެއް ނިންމުންވެސް ހުއްދަވެގެނެއް ނުވެއެވެ. އެކަންކަން އެގޮތަށް މިންވަރުކުރައްވަވާފައި އެވަނީ ވަރަށް މުހިންމު ސަބަބުތަކަކަށްޓަކައެވެ. 

އެހެންވެ ކުޑަކުޑަ ވާހަކައެއް ކިޔައިދޭނަމެވެ. 

އަނބިމީހާ ފިރިމީހާގެ މައްޗަށް ޝައްކުކުރަން ފެށިއެވެ. ފާރަލާންވެސް ފެށިއެވެ. ހަމަ ފަށާއިރަށް ކަންކަން ފެންނަން ފަށައިފިއެވެ. އެތައް ބައިވަރު އަންހެނުންނަކަށް ފޯނުކުރެއެވެ. ބައްދަލުވެސްކުރެއެވެ. ޚަރަދުވެސް ކުރެއެވެ. 

މިކަންކަން ފިރިމީހާއަށް އެނގުމުން އޭނާގެ އެކައުންޓުގެ 3 އަހަރުދުވަހުގެ ސްޓޭޓްމަންޓް އަނބިމީހާއަށް ފޮނުވައިދޭން ބޭންކުގައި އެދުނެވެ. ފޮނުވީމާ އަނބިމީހާ ގާތުގައި ބުންޏެވެ. "ގޭގެ އެއްވެސް ކަމެއް ކުރާނެ ކަމެއްވެސް ނެތެވެ. ދަރިންގެ ކަމެއްވެސް ކުރާނެ ކަމެއް ނެތެވެ. މި ސްޓޭޓްމަންޓުން ފެންނަން ހުރި މުޢާމަލާތުތަކަށް ރަނގަޅަށް ބަލާށެވެ! ޝައްކުވާ ހުރިހާ ކަންކަމުގައި ފާހަގަލާށެވެ. 

ދެން އަހަރެންގެ ފޯނުގެ ޕާސްވޯޑް ކަލެއަށް އަބަދުވެސް އެނގޭނެއެވެ. ހުޅުވައިގެން ރަނގަޅަށް ބަލާށެވެ. ޝައްކުކުރެވެނީ ކޮން ކޯލްތަކަކަށްކަން ބުނާށެވެ. ޖަވާބުދޭނަމެވެ. 

ވެގެން އުޅޭ ގޮތް އަނބިމީހާއަށް އެނގުނެވެ. އެހެންވެ ވަރަށް ރަނގަޅަށް ކަންކަން ބެލިއެވެ. އަނބިމީހާ ޝައްކުކުރި ފަދަ އެއްވެސް ކަމެއް ނުފެނުނެވެ. ބެލި އެއްވެސް ކަމަކުން އެފަދަ ކަމެއް ނުފެނުމުން ފިރިމީހާގެ ގާތުން މާފަށް އެދުނެވެ. އެއްފަހަރަކަށް ކަމަށް ބުނެ މާފުވެސްކުރިއެވެ. 

މިބުނި ދެމަފިރިން އެކުގައި ދިރިއުޅޭތާ 20 އަހަރަށްވުރެ މިހާރު ގިނަދުވަސްވެދާނެއެވެ. ދިރިއުޅެމުން އަންނަނީވެސް ވަރަށް އުފަލުގައެވެ.

އެއްވެސް ޙާލެއްގައި މިބުނަނީ ފާރަވެރިވާންޖެހޭ ޙާލަތްތަކުގައި ފާރަވެރި ނުވުމަކަށް ނޫނެވެ. ބަލަން ޖެހޭ ކަންކަން ނުބެލުމަކަށްވެސް ނޫނެވެ. ނަމަވެސް ކަންކަމަށް ޝައްކުކޮށް ފާރަލާންފަށަންވާނީ އެކަށީގެންވާ ސަބަބެއް ފެނިގެންނެވެ. ނޫންނަމަ ޝައްކުގެ މައްޗަށް ކުރެވޭ ކަންކަމުގެ ސަބަބުން ކަންކަން ގޯސްވެ ކައިވެނި ރޫޅިގެންވެސް ހިގައިދާނެއެވެ. އަދި އެގޮތަށް މެދުވެރިވެފައިވަނީވެސް މަދަކުން ނޫނެވެ. 

އެންމެ މުހިންމު ކަމަކީ ޔޯލަކޮށްލާފައި މީހުން ދައްކާ ވާހަކަތަކަށް ދެމަފިރިންކުރެ އެކަކުވެސް ސަމާލުކަން ނުދިނުމެވެ. ދެމަފިރިންގެ މެދުގައި މައްސަލައެއް ޖެހިދާނެ ފަދަ ވާހަކައެއް އެއްވެސް މީހަކު ދައްކައިފިނަމަ އެއީ ކިތަންމެ ގާތް މީހަކު ނަމަވެސް އެމީހަކާއި ސުވާލުކުރާށެވެ! "އަހުރެންގެ ބައިވެރިޔާގެ ތިއަ ކަންކަން ތިބާއަށް އެނގުމުން އޭނާއަށް ނަބޭޙަތްތެރިވެއްޖައިން ހެއްޔެވެ؟" 

ޖަވާބަކީ ނޫނެކޭ ކަމަށްވެއްޖެނަމަ އެއީ ހެޔޮއެދޭ އެކުވެރިއެއް ނޫނެވެ. ގާތް މީހެއްވެސް ނޫނެވެ. ސަބަބަކީ އެފަދަ ކަމެއް ފެނިއްޖެނަމަ، އަދި އޭނާއަކީ ހެޔޮއެދޭ މީހަކު ނަމަ ފުރަތަމަ ކަމަކަށް ކުރަންޖެހޭނެ ކަމަކީ އެމީހަކަށް ނނަޞޭޙަތްދިނުމެވެ. އޭނާގެ ބައިވެރިޔާއާއި ހަމައަށް މައްސަލަ ގެންދަން ޖެހޭނީ ނަބޭޙަތް ދިނުމުން އިޞްލާޙްނުވިނަމައެވެ. 

- އަލަފްގެ ވިސްނުން

 

 

މިއަދު އޮންލައިން