އޮނަސައްތަ އިސްމްފުޅުގައި ހިމެނޭ ﷲ ތަޢާލާގެ ނަންފުޅުތައް ބަޔާންކޮށްދެއްވަވާފައިވަނީ ކީއްކުރަން؟: އިމާމް ޢުމަރު ސުލައިމާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
އޮނަސައްތަ އިސްމްފުޅުގައި ހިމެނޭ ﷲ ތަޢާލާގެ ނަންފުޅުތައް ބަޔާންކޮށްދެއްވަވާފައިވަނީ ކީއްކުރަން؟: އިމާމް ޢުމަރު ސުލައިމާން

ކޮންމެ ކަމެއްވެސް ﷲ ތަޢާލާ ކުރައްވަވާނީ ކޮންމެވެސް މަތިވެރިކަންބޮޑު މަޤްޞަދުތަކަކަށްޓަކައެވެ. ކޮންމެ ވަޙީބަސްފުޅެއްވެސް ވަޙީކުރައްވަވާފައިވާނީ ހަމައެގޮތުގެމަތިންނެވެ. 

އެގޮތުން ބަލާއިރު އޮނަސައްތަ އިސްމްފުޅުގައި ހިމެނިގެންވާ 99 ނަންފުޅަކީ ﷲ ތަޢާލާއަށް ޚާއްޞަވެގެންވާ ނަންފުޅުތަކެވެ. ސުވާލަކީ ﷲ ތަޢާލާގެ ނަންފުޅުތައް ބަޔާންކޮށްދެއްވަވާފައިވަނީ ކޮން މަޤްޞަދެއްގައި ހެއްޔެވެ؟ އެކަމުން އަހުރެމެންނަށް ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ 

އެގޮތުންވިސްނާއިރު އަހުރެންނަށް އެންމެ ބޮޑަށް ފާހަގަކުރެވޭ އެއްކަމަކީ އެކަމުގެ އެންމެ ބޮޑު ފައިދާއަކަށްވާނީ ﷲ ތަޢާލާއަށް ޚާއްޞަވެގެންވާ ސިފަފުޅުތައް އަހުރެމެންނަށް އަންގަވައިދެއްވެވުމެވެ. ޙަޤީޤަތުގައި މިނަންފުޅުތަކަށް ބެލުމުން ﷲ ތަޢާލާ އެނގިގެންދާނެއެވެ. ﷲ ތަޢާލާގެ ސިފަފުޅުތަކާއި ބާރުތައް ލިބިވޮޑިގެންވާ މިންވަރު އެނގިގެންދާނެއެވެ. 

ދެން އޮތް އަނެއްކަމަކީ އެނަންފުޅުތައް ދެނެގަނެ ނަންފުޅުގެ މާނައަށް މީސްތަކުން ޢަމަލުކުރުމެވެ. މިޘާލަކަށް މީސްތަކުންނަށް ހެޔޮކޮށްހިތުމާއި އަނިޔާވެރިނުވުމާއި އެމީހަކަށް ކޮށްދެވެން އޮތް ކަންކަން ކޮށްދިނުމާއި މިހެންގޮސް އަހަރެމެންނަށް ކުރެވެންހުރި ކޮންމެ ކަމެއް ކުރަންވާނެއެވެ. 

މިޘާލަކަށް " ٱلْلَّطِيفُ: އަޅުތަކުންނަށް އިޙްސާންތެރި, އެބައިމީހުންގެ ދިރިއުޅުމުގެ ކަންކަން ހީވެސް ނުކުރާގޮތަށް ލުއިކޮށްދެއްވާ އިލާހު." 

ކަމުގައި އޮތުމުން އަހަރެމެންވެސް ގަދައަޅައި މަސައްކަތްކުރަންވީ އެހެންމީހުންނަށް ކަންކަން ވީހައި ލުއިކޮށްދޭން މަސައްކަތްކުރާ ބައަކަށެވެ. އެހެންމީހުންނަށް ބޮޑެތި ތަކްލީފްތައް ޖައްސުވާ މީހަކަސްވެގެން ނުވާނެއެވެ. 

މިޘާލަކަށް: ٱلْغَفُورُ: އަޅުތަކުންގެ ނުރަގަޅު ޢަމަލުތައް ފޮރުއްވައިދެއްވާ, ގިނަގިނައިން ޢަފޫކޮށްދެއްވާ އިލާހު. 

ކަމުގައި އޮތުމުން އަހަރެމެންވެސް ވާންޖެހޭނީ އެހެންމީހުންގެ ކުށްތައް ސިއްރުކޮށް ވަންހަނާކޮށްދީ އަދި މާފުކުރަންޖެހޭ ޙާލަތުގައި މާފުކުރާ ބައަކަށެވެ. 

މިމޭރުމުން ﷲ ތަޢާލާގެ ނަންފުޅުތަކާއިމެދު ވިސްނައި ޢަމަލުކުރާނަމަ އެމީހަކު ވެގެންދާނީ ﷲ ތަޢާލާގެ ރުުހިވޮޑިގަތުމާއި ލޯބިވެވޮޑިގަތުން މަސައްކަތްކުރާ އަދި ﷲ ތަޢާލާއަށް ކިޔަމަންތެރި އަޅަކަށެވެ. އިން ޝާ ﷲ 

- އިމާމް ޢުމަރު ސުލައިމާންގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން