ޙައްޖަށް ދިއުމަށް ނިޔަތްގަނެގެން މަހަކު އެންމެ ރުފިޔާއެއް ނަމަވެސް ރައްކާކުރަމުންދަނިކޮށް މަރުވެއްޖެނަމަ އޮތީ އުފާވެރިކަން! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 23ސ
ޙައްޖަށް ދިއުމަށް ނިޔަތްގަނެގެން މަހަކު އެންމެ ރުފިޔާއެއް ނަމަވެސް ރައްކާކުރަމުންދަނިކޮށް މަރުވެއްޖެނަމަ އޮތީ އުފާވެރިކަން! އިން ޝާ ﷲ

ޙައްޖުވުމަށް ކޮންމެ މުސްލިމަކުވެސް ބޭނުންވާނެއެވެ. އެހެނަސް ގިނަބައަކަށް ޤަބޫލުކުރެވެނީ އެއީ ﷲ ތަޢާލާ ތަނަވަސްކަން ދެއްވެވުމުން ކުރަން އޮތް ކަމެއް ކަމަށެވެ. ނަމަވެސް އަހަރެންގެ ވިސްނުން ވަރަށް ތަފާތެވެ. އަހަރެންގެ ވިސްނުމުގައި ކިތަންމެ ދަތިޙާލުގައި އުޅެމުންވެސް ޙައްޖުވުމަށް ނިޔަތްގަނެ އެކަމަށް މަސައްކަތްކުރަންވާނެއެވެ. އެކަން ހިންމަވައިދެއްވެވުން އެދި ގިނަގިނައިން ދުޢާކުރަންވާނެއެވެ. 

އެގޮތުން މަހަކު އެންމެ ރުފިޔާއެއް ނަމަވެސް އެމީހަކަށް ލިބޭ މިންވަރަކުން ރައްކައުކުރަންވާނެއެވެ. އެހެން ގޮތެއް ނެތިގެން ފަހުން ބޭނުންކުރަން ޖެހުމަކީވެސް މައްސަލައެއް ނޫނެވެ. ޙައްޖުވާން ނިޔަތްގަނެ އެކަމަށް މަސައްކަތްކުރުމަކީ އެއީއެވެ. އުފާވެރި ޚަބަރަކީ މީހަކު އަޅުކަމެއްކުރަން އިޚްލާޞްތެރިކަމާއިއެކު މަސައްކަތްކުރަމުން ދަނިކޮށް އެކަން ނުކުރެވި އޮއްވައި މަރުވެއްޖެނަމަވެސް އެކަމަށް އެމީހަކަށް ޘަވާބު ދެއްވަވާނެ ކަމެވެ. 

އެކަމުން އެނގިގެން އެދަނީ ތަނަވަސްކަން ލިބެންދެން މަޑުކުރުމެއް ނެތްކަމެވެ. އެމީހަކަށް ވެވެން އޮތް ވަރަކަށް އެކަމަށް މަސައްކަތްކުރުމުން ﷲ ތަޢާލާ އެކަމަކަށް ޘަވާބު ދެއްވަވާނެތީއެވެ. އެމީހާގެ ކިބައިގައ ތަނަވަސްކަން ހުރިވަރަކުން ކިތަންމެ ކުޑަ މިންވަރެއް ނަމަވެސް ޙައްޖުވުމަށް ރައްކާކުރަމުންގެންދާށެވެ! މަގުފަހިކުރައްވަވައި ދެއްވެވުން ﷲ ތަޢާލާއަށް ވަކީލުކުރާށެވެ! ހަމަކަށަވަރުން އެކަމަށް އެމީހާ ވީޤުރްބާނީގެ ފައިދާ އެމީހަކަށް ދެއްވަވާނެތެވެ.

ދެން އޮތީ ދަރަނިވެރިން ޙައްޖުވުމެވެ. ދަރަނިވެރިންނަށްވެސް ޙައްޖުވެވޭނެ މަގު އެބައޮތެވެ. މިބަޔާންކުރާ ފަތުވާއަށް ވިސްނާށެވެ. 

"ޙައްޖުގެ ޝަރުޠުތަކުގެ ތެރޭގައި ކުޅަދާނަކަން ލިބިފައިވުން ހިމެނިގެންވެއެވެ. ކުޅަދާނަކަމުގެ ތެރޭގައި މުދަލުގެ ގޮތުން ކުޅަދާނަކަންލިބުންވެސް ހިމެނިގެންވެއެވެ. 

ދަރަންޏަށް ދޫކުރިފަރާތުން އެދަރަނި އަދާކުރުމަށް އެދެމުން ދަނިކޮށް އަދި ދަރަންޏަށް ދޫކުރިފަރާތުން ދަރަނިވެރިޔާގެ ދަރަނި އަދާނުކޮށް  ޙައްޖަށް ދިޔުން މަނާކުރާނަމަ ފަހެ އެފަދަ މީހަކު ޙައްޖަށް އެހަށް ނުދާށެވެ. އެހެނީ އެފަދަ މީހަކީ ކުޅަދާނަކަން ލިބިފައިވާ މީހެއްނޫނެވެ. ނަމަވެސް ދަރަންޏަށް ދޫކުރިފަރާތުން ދަރަނިވެރިޔާގެ ގާތުން އެދަރަނި އަދާކުރުމަށް އެދެމުން ނުދާނަމަ އަދި ދަރަންޏަށް ދޫކުރިފަރާތުން އޭނާއަށް އެކަމުގައި ދޫދޭނެކަން ދަރަނިވެރިޔާއަށް އެނގޭނަމަ ފަހެ އެފަދަ ދަރަނިވެރިއަކު ޙައްޖުވުން ހުއްދަވެގެންވެއެވެ. އަދި އޭނާގެ ޙައްޖު ޞައްޙަވާނެއެވެ. 

އަދި ހަމައެފަދައިން ދަރަނި އަދާކުރުމަށް ކަނޑައެޅިފައިވާ ވަކިވަގުތެއް ނުވާނަމަ އެފަދަ މީހަކަށްވެސް ޙައްޖުވުން ހުއްދަވެގެންވެއެވެ. އަދި އެފަދަ މީހަކު ދަރަނި އަދާކުރާނީ އަތްމަތި ފަސޭހަވުމުންނެވެ.

ޙައްޖުވުމަކީ ދަރަނިތައް އަދާކުރުމަށް މެދުވެރިވާ ރަނގަޅު ސަބަބެއްކަމުގައިވުންވެސް އެކަށީގެންވެއެވެ."

وبالله التوفيق وصلى الله على نبينا محمد وآله وصحبه وسلم.

ޢަބްދުލްޢަޒީޒު ބުން ބާޒް، ޢަބްދުއްރައްޒާޤު ޢަފީފީ، ޢަބްދުﷲ ބުން ޣުދައްޔާން 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން