ބޭސްފަރުވާއަށް ރަށްރަށަށް ދާންޖެހޭ މީހުންނަށް ތިބެވޭނެ ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުމަކީ މަރުވުމަށްފަހުވެސް ޘަވާބު ލިބިލިބި ހުންނާނެ ފައިދާހުރި ވިޔަފާރިއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 9ސ
ބޭސްފަރުވާއަށް ރަށްރަށަށް ދާންޖެހޭ މީހުންނަށް ތިބެވޭނެ ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުމަކީ މަރުވުމަށްފަހުވެސް ޘަވާބު ލިބިލިބި ހުންނާނެ ފައިދާހުރި ވިޔަފާރިއެއް!

ރާއްޖޭގެ މިހާރުގެ ޙާލަތަށް ބަލައިފިނަމަ އަތޮޅު ހޮސްޕިޓަލްތަކަށާއި ސަރަހައްދީ ހޮސްޕިޓަލްތަކަށް އެހެން ރަށްރަށުގެ މީހުން ގޮސް މަޑުކުރަން ޖެހުމުން އެކަން ވެފައި އޮންނަނީ ވަރަށް ދަތި އުނދަގޫ ކަމަކަށެވެ. ހޮސްޕިޓަލުގައި މަޑުކުރެވެނީ އެދްމިޓްކޮށްފިނަމައެވެ.  

އެންމެންގެ ރައްޓެހިން ހުރިހާ ރަށަކު ނުތިބެއެވެ. ވީމާ އެޑްމިޓްނުކޮށްފިނަމަ ހުންނާނެ ތަނެއް ހޯދަން ބޮޑެތި ޚަރަދުތައް ކުރަންޖެހެއެވެ. 

ޚާއްޞަކޮށް މާލެ އަންނަން ޖެހިއްޖެ ނަމައެވެ. ވީމާ ފަރުވާ ހޯދަން ދަތުރުކުރަންޖެހޭ މީހުންނަށް މަޑުކޮށްލައިގެން ތިބެންޖެހޭ ޙާލަތުގައި މަޑުކޮށްލާނެ ގެއެއް އަޅައިދިނުމަކީ އެކަންކޮށްދިން މީހަކު މަރުވުމަށްފަހުގައިވެސް އެކަންކޮށްދިން މީހާއަށް ޘަވާބު ލިބިލިބި ހުންނާނެ ފައިދާހުރި ޢަމަލެކެވެ. އާޚިރަތަށްޓަކައި ކުރެވޭ ފައިދާހުރި ވިޔަފާރިއެކެވެ. 

ދަލީލަކަށް މި ޙަދީޘްފުޅު ބައްލަވާށެވެ! 

ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. 

"--إِنَّ مِمَّا يَلْحَقُ الْمُؤْمِنَ مِنْ عَمَلِهِ وَحَسَنَاتِهِ بَعْدَ مَوْتِهِ: عِلْمًا عَلَّمَهُ وَنَشَرَهُ، وَوَلَدًا صَالِحًا تَرَكَهُ، وَمُصْحَفًا وَرَّثَهُ، أَوْ مَسْجِدًا بَنَاهُ، أَوْ بَيْتًا لِابْنِ السَّبِيلِ بَنَاهُ، أَوْ نَهْرًا أَجْرَاهُ، أَوْ صَدَقَةً أَخْرَجَهَا مِنْ مَالِهِ فِي صِحَّتِهِ وَحَيَاتِهِ، يَلْحَقُهُ مِنْ بَعْدِ مَوْتِهِ—"

[رواه ابن ماجه وحسنه الألباني] 

މާނައީ: "ހެޔޮކަންތައްތަކާއި ޢަމަލުތަކުގެ ތެރެއިން މުއުމިނަކު މަރުވުމަށްފަހު އޭނާއަށް އޭގެ ފައިދާ ޙާޞިލުވާނެ ކަންތައްތަކަކީ، އޭނާ އުނގަންނައިދިން އަދި ފަތުރައިދިން ޢިލްމަކާއި، އޭނާ ދޫކޮށްފައިދާ ޞާލިޙް ދަރިއަކާއި، އޭނާ ވާރުތައިގެ ގޮތުގައި ދޫކޮށްފައިވާ ޤުރުއާން މުޞްހަފެއް ނުވަތަ އޭނާ ބިނާކުރި މިސްކިތެއް ނުވަތަ ދަތުރުވެރިންނަށް އޭނާ ބިނާކޮށްދިން ގެއެއް ނުވަތަ އޭނާ ހަދައިދިން ކޯރެއް ނުވަތަ އޭނާ ދުޅަހެޔޮކަމާއެކީ ދިރިހުރެ އޭނާގެ މުދަލުން ނެރުނު ޞަދަޤާތެކެވެ. (މިހުރިހާ ކަމެއްގެ ދަރުމަ) އޭނާ މަރުވުމުން އޭނާއާއި ހަމައަށް ފޯރާނެއެވެ." 

ބޭސްފަރުވާއަށް ރަށްރަށަށް ދަތުރުކުރަންޖެހުމަކީ ދުނިޔޭގެ ހުރިހާ ޤައުމުތަކެއްގައިވެސް ކުރަންޖެހޭ ކަމެކެވެ. ހުރިހާ ރަށަކުން އެއްފެންވަރަކަށް ފަރުވާލިބެން ނުހުންނާތީއެވެ.  

ރާއްޖެއަށް ބަލައިފިނަމަ އަތޮޅު ހޮސްޕިޓަލްތްކަށާއި ރީޖަނަލް ހޮސްޕިޓަލްތަކަށް ދާން އެހެން ރަށްރަށުގެ މީހުންނަށް ޖެހެއެވެ. އެވަރުން ފަރުވާ ނުލިބިއްޖެނަމަ މާލެ އަންނަންވެސް ޖެހެއެވެ. ރަށްރަށުގެ ހެލްތް ސެންޓަރުތަކާއި ސަރަހައްދީ ހޮސްޕިޓަލްތައް ތަރައްޤީކުރިނަމަވެސް މާލެ އާއި އެއް ފެންވަރަށް ހުރިހާ ޚިދުމަތެއް ފޯރުކޮށްދިނުމަކީ ކުރެވޭނެ ކަމެއް ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ.  

އެހެން ޤައުމުތަކުގައިވެސް އެކަންކަން އެގޮތަށް އޮތުމުންނެވެ. އާބާދީ އެންމެ ގިނަ ސަރަހައްދުތަކުގައި ދެވޭ ޚިދުމަތް ކުދި އަވަށްތަކުން ލިބެން ނުހުންނާތީއެވެ.

މިކަންކަން ފާހަގަކޮށް ދީލަތި ފަރާތްތަކުގެ އެހީތެރިކަމަށް އެދި މީގެކުރިންވެސް މިއަދުނޫހުގައި ވާނީ ލިޔެފައެވެ. މިއަދާއި ހަމައަށްވެސް އެއްވެސް ފަރާތެއްގެ ސަމާލުކަމަށް އައިސްފައިނުވާކަން ހިތާމަޢާއިއެކު ފާހަގަކުރަންޖެހެއެވެ.

 

މިއަދު އޮންލައިން