ނަރަކައިގައި ހުރި ބިރުވެރިކަމުގެ ވާހަކަތައް ކިޔައން ނުވަތަ އަޑުއަހަން ބައެއް މީހުންނަށް އުނދަގޫވެއެވެ. އެހެނަސް ނަރަކައާއި ނަރަކައިގައި ހުރި ބިރުވެރިކަންކަމުގެ ވާހަކަތައް އަޑުއަހަން ފަސްޖެހިގެން ނަރަކައާއިމެދު ވިސްނައެއް ނުލެވޭނެއެވެ. ނަރަކައާއިމެދު ނުވިސްނާ މީހަކަށް ނަރަކައިން ސަލާމަތްވުން ފަސޭހައެއް ނުވާނެއެވެ.
ކާފިރުންނަށްޓަކައި ޖަހަންނަމައިގެ އަލިފާން ތައްޔާރުކުރައްވާފައިވެއެވެ. އަދި އެތަނުގައި ކިތަންމެ ކުޑަ ހިނދުކޮޅަކަށްވެސް މަޑުކޮށްލަންޖެހިއްޖެނަމަ ލިބެންޖެހޭނެ ގަދަފަދަ ޢަޖާބަށް ބިރުވެތިވާށެވެ!
﴿لَا تُبْقِي وَلَا تَذَرُ [28] لَوَّاحَةٌ لِلْبَشَرِ [29]﴾ [المدثر: 28، 29]
މާނައީ:
"އެ ނަރަކަ (ނާންދާ) އެއްވެސް އެއްޗެއް ނުބަހައްޓަތެވެ. އަދި ދޫކޮށެއްވެސް ނުލަތެވެ. [28] ގައިގެ ހަން އަންދައި ކަޅުކޮށްލަތެވެ. [29]”
﴿لَا يَذُوقُونَ فِيهَا بَرْدًا وَلَا شَرَابًا [24] إِلَّا حَمِيمًا وَغَسَّاقًا [25] جَزَاءً وِفَاقًا [26]﴾ [النبأ: 24- 26]
މާނައީ:
"އެތަނުގައި ފިނިކަމެއްގެ ރަހަވެސް އަދި ބުއިމެއްގެ ރަހަވެސް އެއުރެންނަކަށް ނުލިބޭނެތެވެ. [24] ކެކިކެކި ހުންނަ ހޫނުފެނާއި (ނަރަކައިގެ އަހުލުވެރިންގެ) ގައިން އޮހޮރޭ ފާދިޔަ މެނުވީއެވެ. [25] (އެއުރެންގެ ޢަމަލުތަކާ) އެއްގޮތްވެގެންވާ ޖަޒާއެއްގެ ގޮތުންނެވެ.[26]”"
ޝައިޠޯނާގެ ވައުދަށް ވިސްނައިލާށެވެ.
ޝައިޠާނާ ވަޢުދުވެފައިވެއެވެ. ފަހެ، އެކަލޭގެ ދެންނެވިއެވެ.
﴿فَبِعِزَّتِكَ لَأُغْوِيَنَّهُمْ أَجْمَعِينَ [82] إِلَّا عِبَادَكَ مِنْهُمُ الْمُخْلَصِينَ [83]﴾ [ص: 82، 83]
މާނައީ: "ފަހެ، އިބައިލާހުގެ ޢިއްޒަތްތެރިވަންތަކަން ގަންދީ ބުނަމެވެ. ހަމަކަށަވަރުން، އެބައިމީހުން އެންމެން މަގުފުރައްދާހުށީމެވެ. [82] އެބައިމީހުންކުރެ، އިބައިލާހު ޚިޔާރުކުރައްވާފައިވާ އަޅުން މެނުވީއެވެ. [83]"
ދުނިޔެއަކީ ޢަމަލުކުރުމާއި އިމްތިޙާނުގެ ގޯތިކަމުގައި ލެއްވިއެވެ. އަދި އެތަނުގައި ފަނާވުން ލެއްވިއެވެ. އަދި އާޚިރަތަކީ ޙިސާބު ބެއްލެވުމާއި ޖަޒާ ދެއްވުމުގެ ގޯއްޗެވެ. އަދި އެތަނުގައި ދާއިމަށް ދެމިތިބުން ލެއްވިއެވެ.
﴿مَنْ عَمِلَ صَالِحًا فَلِنَفْسِهِ وَمَنْ أَسَاءَ فَعَلَيْهَا﴾ [فصلت: 46]
މާނައީ:
"ޞާލިޙު ޢަމަލެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެކަމުގެ ދަރުމަހުރީ އެމީހާގެ އަމިއްލަ ނަފްސަށެވެ. އަދި ނުބައި ޢަމަލެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެކަމުގެ ހަލާކުހުރީ، ހަމަ އެ ނަފްސުގެ މައްޗަށެވެ."
ތަޤުވާވެރިންނަށްޓަކައި އެތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތައް ތައްޔާރުކުރައްވާފައިވެއެވެ. އެތަނުގައި އެބައިމީހުން ދެމިތިބެނިވި ގޮތުގައެވެ. އެތަނުގައިވަނީ ލޮލަކަށް ފެނުފައި ނުވާ، ކަންފަތަކަށް އިވިފައި ނުވާ އަދި އިންސާނެއްގެ ހިތަށް ތަސައްވުރު ކުރެވިފައި ނުވާ ކަންކަމެވެ.
ހަމަކަށަވަރުން ޝަހުވަތްތަކާއި ޝުބުހަތަކުން އިންސާނާ އިމްތިޙާނު ކުރެވެއެވެ. ލައްޒަތާއި ރާހަތު ހޯދުމުގައި ޖޯޝުވެއެވެ. ނުބައި ކަންކަމާއި ފާފަކުރުމުގެ އަވައިގައި ޖެހިފައިވެއެވެ. އޭނާއާ ދެކޮޅުވެރިވާ ޢަދާވާތްތެރިން އޭނާގެ މައްޗަށް ގަދަވެގަނެއެވެ. ފަހެ، ޝައިޠާނާއަކީ އިންސާނާ އާއިއެކުގައިވާ އޭނާގެ އެންމެ ބޮޑު ޢަދުއްވެވެ.
ނަފްސަކީ ނުބައިކަންތަކަށް އަބަދުވެސް އަމުރުކުރާ އެއްޗެކެވެ. އަދި އެއީ ހަށިގަނޑު ތަރުބިއްޔަތުކުރާ އެއްޗެވެ. އަދި އޭނާގެ ގުނަވަންތަކަކީ އޭނާގެ މައްޗަށް ދެކޮޅުވެރިވެ ހެކިވާނެއެވެ.
ﷲ ތަޢާލާވަނީ ނަފްސާ ބެހޭގޮތުން އަޅުގަނޑުމެންނަށް ޚަބަރު ދެއްވާފައެވެ.
﴿إِنَّ النَّفْسَ لَأَمَّارَةٌ بِالسُّوءِ﴾ [يوسف: 53]
މާނައީ:
"ހަމަކަށަވަރުން ނަފްސަކީ ނުބައިކަންތަކަށް އަބަދުވެސް އަމުރުކުރާ އެއްޗެއްކަން ކަށަވަރެވެ".
- الشيخ عبد الله بن عبد الرحمن البعيجان – حفظه الله