ކޮންމެ މީހަކީވެސް ތަފާތު މީހެކެވެ. ވީމާ މައިންބަފައިންގެ ތެރޭގައިވެސް ތަފާތު މީހުން ތިބޭނެއެވެ. ވަރަށް ރަނގަޅު މައިންބަފައިން ތިބޭ ފަދައިން ރަނގަޅު ނޫން ބައަކުވެސް ތިބޭނެއެވެ. ނުބައި އާދަތައް ހުންނަ ބައަކުވެސް ތިބޭނެއެވެ.
އެހެންކަމާއިއެކުވެސް މައިންބަފައިންނަށް ހެޔޮކޮށް ހިތަންޖެހޭނެއެވެ. އެއީ އެއްވެސް މީހެއްގެ އިޚްތިޔާރުގައި އޮތްކަމެއް ނޫނެވެ. އެކަން ﷲ ތަޢާލާ ލައްވަވާފައިވަނީ ކޮންމެ ދަރިއަކަށް ވާޖިބުކަމެއްގެ ގޮތުގައެވެ.
ބައެއް ފަހަރު ކުރިމަތިވާ ސުވާލެކެވެ. "އެމީހުން އަހުރެންނާއިމެދު ކަންކަން ކުރަނީ ގޯސްކޮށެވެ. ރަނގަޅަށް ކޮށްދިނަސް ބުނަނީ ނުބައިބަސްތަކެވެ. ކިތަންމެ ވަރަކަށް އެހީތެރިވިޔަސް އެހީތެރިވާ ކަމަކަށްވެސް ނުބުނެއެވެ. އެހެންވީއިރު އެމީހުންނަށް އަޅާލައި އެހީތެރިވާންވީ ކީއްކުރަންހެއްޔެވެ؟"
ޖަވާބަކީ ތިއަބުނާ ހުރިހާ ވާހަކަތަކަކީ ތެދުކަމުގައިވެސް ވެދާނެއެވެ. އެފަދަ ބައަކުވެސް ހަމަ މައިންބަފައިންގެ ގޮތުގައި ތިބެދާނެއެވެ. ތިބާގެ މަިންބަފައިންނަކީ އެފަދަ ބައަކު ކަމުގައި ލައްވަވައިފިނަމަ އެއީ ތިބާއަށް ކުރިމަތިކުރެއްވެވި އިމްތިހާނެކެވެ. ފާސްވާށެވެ!
ތަންކޮޅެއް ދުރުގައި ހުންނަން މަޖުބޫރުވެއްޖެނަމަ ދުރަށް ޖެހިލާށެވެ. ދުރުގައި ހުރެގެންވެސް އެމީހުންގެ ޙާލުބަލައި އެހީތެރިވާށެވެ. އަދި އެމީހުންނަށްޓަކައި ހެޔޮދުރާކުރާށެވެ! އެއްވެސް މީހަކަށް އެމީހެއްގެ މައިންބަފައިންނާއި ވަކިވުމުގެ އިޚްތިޔާރު ދެއްވަވާފައެއް ނުވެއެވެ.
ކޮންމެ މީހެއްގެވެސް މައިންބަފައިން އިޚްތިޔާރުކުރައްވަވަނީ ﷲ ތަޢާލާއެވެ. ވީމާ މައިންބަފައިންގެ ޒިންމާތަކުން ބަރީޢަވެވޭނެ އެއްވެސް ގޮތެއް ނުއޮންނާނެއެވެ. އަދި ކީއްހެއްޔެވެ؟ ޒިންމާއަދާނުކޮށްފިނަ ފާފަވެރިވެސްވާނެއެވެ. ބިރުވެތިވާންވީ އެކަމަށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން