ފިރިހެނުންގެ ބޮލުގެ އިސްތަށިގަނޑު ދިގުކުރުން ހުއްދަތަ؟ ސުންނަތާ އެއްގޮތަށް ބަހައްޓަންޖެހޭ ގޮތަކީ ކޮބާ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 49ސ
ފިރިހެނުންގެ ބޮލުގެ އިސްތަށިގަނޑު ދިގުކުރުން ހުއްދަތަ؟ ސުންނަތާ އެއްގޮތަށް ބަހައްޓަންޖެހޭ ގޮތަކީ ކޮބާ؟

الحمد لله، والصلاة والسلام على من لا نبي بعده، 

ފިރިހެނުންގެ އިސްތަށިގަނޑު ދިގުކޮށްފައި ބެހެއްޓުމަކީ ހުއްދަ ކަމެކެވެ. އެހެންނަމަވެސް ރީތިކޮށް ފުނާއަޅައި ހަދަންވާނެއެވެ. މަންޘަރު ހުތުރުވާ ގޮތަށް ހުރެގެން ނުވާނެއެވެ.  

އެއްދުވަހަކު ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަށް ކުޑަކުއްޖެއްގެ ބޮލުގެ އެއްބައި ބާލާފައި ހުއްޓާފެނިވަޑައިގެން ޙަދީޘް ކުރެއްވިއެވެ. "ބޯ ބާލާނަމަ އެއްކޮށް ބާލާށެވެ. ނޫންނަމަ އެއްކޮށް ދޫކޮށްލާށެވެ".  

އެހެން ޙަދީޘެއްގައި އައިސްފައިވެއެވެ. " އެމީހެއްގެ ބޮލުގައި އިސްތަށި ހުރެއްޖެނަމަ އެއަށް ހެޔޮކޮށް ހިތާށެވެ". މާނައަކީ އިސްތަށިގަނޑު ރިވެތިކޮަށްދޮވެ، ސާފުކޮށް، ތެޔޮލާ، ފުނާއަޅާ ރީތިކޮށް ބެލެހެއްޓުމެވެ. 

ބޮލުގެ އިސްތަށިގަނޑު ދިގުކުރުމަކީ މުޖްތަމަޢުގެ ޢާދަކާދައިގެ ތެރޭގައި އޮންނަ ކަމަކަށް ނުވެފައި، އެފަދަ ކަންތައް ކުރަނީ ތަންކޮޅެއް އާދައިގެ މީސްމީހުން ކަމަށް ވަނީ ނަމަ އިސްތަށިގަނޑު ދިގުކޮށްގެން ނުވާނެއެވެ.  

އަލްޢައްލާމާ ޢުޘައިމީން – ރަޙިމަހުﷲ- ވިދާޅުވިއެވެ. "ފިރިހެނެއްގެ ބޮލުގެ އިސްތަށިގަނޑު ދިގު ކުރުމަކީ މައްސަލަ އެއް ނޫނެވެ. ރަސޫލު ﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ކޮނޑުފުޅާއި ހަމަ އަށް ބޮލުގެ އިސްތަށިގަނޑު އެކަލޭގެފާނު ދިގު ކުރެއްވިކަމަށް ވާރިދުވެފައިވެއެވެ. އެހެންކަމުން ބޮލުގެ އިސްތަށިގަނޑު ދިގު ކުރުމަކީ އޭގެ އަޞްލުގައި ހުއްދަ ކަމެކެވެ.   

އެހެންނަމަވެސް އެކަން ބިނާވެގެންދަނީ މުޖްތަމަޢުގެ ޢާދަ ކާދައިގެ މައްޗަށެވެ. މުޖްތަމަޢުގައި ބޯދިގު ކުރަނީ އާދައިގެ ދަށްފެންވަރުގެ މީހުން ކަމަށްވަނީ ނަމަ މުރޫއަތުގެ އަހުލުވެރިން އެކަން ކޮށްގެން ނުވާނެއެވެ." 

މީގެ އިތުރުން އަންހެނުންނާއި އެއްގޮތްވާ ގޮތަށް ބޮލުގެ އިސްތަށިގަނޑު ދިގުކޮށްފައި ބެހެއްޓުމަކީ ހުއްދަ ކަމެއް ނޫނެވެ. އަދިކިއެއްތަ ޙަރާމް ކަމެކެވެ.والله تعالى أعلم 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

މިއަދު އޮންލައިން