އަންހެނުންގެ މާޒީ "ކޮންނަން" މަސައްކަތްކުރާ ފިރިހެނުންނާ ކުރަންޖެހޭ ބައެއް ސުވާލުތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 34ސ
އަންހެނުންގެ މާޒީ "ކޮންނަން" މަސައްކަތްކުރާ ފިރިހެނުންނާ ކުރަންޖެހޭ ބައެއް ސުވާލުތައް-

ކައިވެނިކުރާ ޢުމުރަށް އެޅިގެން އައިއިރު ބައްދަލުވެ ކައިޮވެނިކުރަން އުޅެވުނު ޒުވާނާ އަޅުގަނޑަށް ވަރަށް ބޮޑު މައްސަލައެއް ކުރިމަތިކުރުވިއެވެ. އޭނާ ބުނީ އަޅުގަނޑު އެއްވެސް މީހަކާއިއެކު ޒިނޭކޮށްފައި ނުވާނެ ކަމަށް ޚަތިމްގައި އަތްލައި ހުވާކުރުމަށެވެ. 

އެހިސާބުން އޭނާގެ މިޒާޖާއިމެދު ސުވާލުތަކެއް އުފެދުނެވެ. އޭނާގެ ޠަބީޢަތް ހުންނާނެ ގޮތާއިމެދު ސުވާލުތަކެއް އުފެދުނެވެ. ކައިވެނިކޮށްފިނަމަ ޢމަލުތައް ހުންނާނެ ގޮތާއިމެދުގައިވެސް ސުވާލުތަކެއް އުފެދުނެވެ. އެހެންކަމާއިއެކުވެސް އޭނާގެ އެދުމަށް އަޅުގަނޑު ވުޟޫކުރީމެވެ. ޚަތިމް ގެނެސް ކުރިމަތީގައި ބޭއްވީމެވެ. ބުނީމެވެ. "އަހުރެން ދުވަހަކުވެސް ޒިނޭ ނުކުރަންކަމަށް ހުވާކުރަން މިހުރީ ތައްޔާރަށެވެ. އެކަމަކު ހުވާކުރާނީ ކަލޭވެސް ޒިނޭނުކުރާކަމަށް ހުވާކުރުމުންނެވެ. ކަލޭވެސް ވުޟޫކޮށްގެން އަންނާށެވެ." 

ދެން އޭނާ ދައްކަންފެށީ އަންހެނުންނާއި ފިރިހެނުންގެ ޠަބީޢަތާއިބެހޭ ވާހަކަތަކެކެވެ. ޖަވާބުގައި ބުނީމެވެ. "ކޮންމެ ކަމެއްވެސް އެކިމީހުން ބަލާނީ އެކި ގޮތަށެވެ. ޤަބޫލުކުރާނީވެސް އެކި ގޮތަށެވެ. އެހެންވެ އަހުރެން ކަންކަމުގައި މިންއަޅަން ބޭނުންވަނީ އިސްލާމް ދީނުގެ ޙުކުމްތަކުންނެވެ. އެއީ އަހުރެންވެސް ނުވަތަ އެހެންވެސް މީހަކު އުފައްދާފައިވާ ޙުކުމްތަކެއް ނޫނެވެ. 

އަހުރެން މިކުރާ ސުވާލުތަކުގެ ޖަވާބު ނިކަން ދީބަލާށެވެ. ފުރަތަމަ ސުވާލަކީ ބެލުން ޙަރާމްވުމުގައި އަންހެނުންނަށާއި ފިރިހެނުންނަށް އެއްވެސް ތަފާތެއް އެބައޮތް ހެއްޔެވެ؟ ދެވަނަ ސުވާލަކީ ޒިނޭކުރުމުން ދުނިޔޭގައި އަދަބު ދިނުމުގައި އަންހެނުންނަށާއި ފިރިހެނުންނަށް އެއްވެސް ތަފާތެއް އެބައޮތް ހެއްޔެވެ؟ 3 ވަނަ ސުވާލަކީ ޒިނޭކުރުމުން ﷲ ތަޢާލާ ޢަޛާބު ދެއްވެވުމުގައި އަންހެނުންނަށާއި ފިރިހެނުންނަށް އެއްވެސް ތަފާތެއް އެބައޮތް ހެއްޔެވެ؟ 4 ވަނަ ސުވާލަކީ ފާފަކުރުމުން ހިތުގައި ޖައްސަވާ ކަޅުތިކި ޖެއްސެވުމުގައި އަންހެނުންނަށާއި ފިރިހެނުންނަށް އެއްވެސް ތަފާތެއް އެބައޮތް ހެއްޔެވެ؟" 

އެއްވެސް ސުވާލެއްގެ ޖަވާބުނުދީ އަނެއްކާވެސް މާދުރުން ވާހަކަދައްކަން ފެށުމުން ބުނީމެވެ. "އަހުރެން ދުވަހަކުވެސް ޒިނޭއެއް ނުކުރަމެވެ. އަހުރެންނަކީ ޢިއްފަތްތެރިއެއްކަން ﷲ ތަޢާލާ ދެކެދެނެވޮޑިގެންވާނެއެވެ. އެހެންވެ ބޭނުން ކޮންމެ ގޮތަކަށްވެސް އެކަމުގައި ހުވާކުރަން އެއްވެސް ޖެހިލުމެއް ނުވަމެވެ. ދެން ކަލެއަކީވެސް ޢިއްފަތްތެރިއެއް ނަމަ ހުވާކުރަން ދެކޮޅުހަދައި ބޭކާރު ވާހަކަތަކެއް ތިއަ ދައްކަނީ ކީއްކުރަން ހެއްޔެވެ؟

ކަލޭ އެދުނު ފަދައިން އަހުރެން ހުވާމިކުރަނީއެވެ. (އެހެން ބުނެފައި ހުވާކުރީމެވެ.) އެކަމަކު ބުނަން ހެއްޔެވެ؟ އަހުރެން ހުވާ މިކުރީ އަހުރެންނަކީ ޢިއްފަތްތެރިއެއްކަމަށްވުމުން އެކަން ޘާބިތުކޮށްދޭށެވެ. އެކަމަކު ކަލެއާއި ކައިވެނިކުރުން ނިމުނީއެވެ. ސަބަބަކީ އަހުރެންނަށް ޒިނޭކުރެވިފައިވީނަމަވެސް ތައުބާވުމުން އަހުރެންގެ ފާފަ ފުއްސަވައިދެއްވަވަތެވެ. އަހުރެންނަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި އެއްވެސް ފާފައެއް ނުކުރާ މީހަކު ފަދައެވެ. 

ކަލޭގެ ކިބައިގައި ތިއަހުރީ ބަދަލުހިފުމުގެ ސިފައެވެ. މާފުކުރުމުގެ ސިފައެއް ނެތެވެ. ވީމާ ކައިވެނިކޮށްގެން އެކުގައި ދިރިއުޅެމުން ކިތަންމެ ކުޑަ ކުށެއް ކުރެވުނަސް މާފުކުރަން ކަލެއަށް ވަރަށް އުނދަގޫވާނެއެވެ. 

ކަލެޢާއި ވަކިވާން ނިންމި އެންމެ ބޮޑު ސަބަބަކީ މާޒީގައި ކުރެވިފައިވާ ކަންކަން ނުވަތަ ފާފަތަކުގެ ވާހަކަ ދައްކަން ޙަރާމްވެގެންވާއިރު ކަލޭ ތިއައުޅުނީ ޙަރާމްކަމެއް އަހުރެން ލައްވައި ކުރުވަންކަމަށްވާތީއެވެ." އެހިސާބުން އަޅުގަނޑު އޭނާއާއި ވަކިވީއެވެ. 

ދުނިޔޭގެ ހުރިހާ އަންހެނުންގެ ގާތުގައިވެސް ބުނެލަން ބޭނުންވަނީ ޢިއްފަތްތެރިވާށެވެ! ޢަރުޝީގެ ހިޔާވަހިކަން ލިބިގަންނަން މަސައްކަތްކުރާށެވެ! އެއީ ދޫކޮށްލެވިއްޖެނަމަ ދާއިމަށް ހިތާމަކުރަންޖެހޭނެ ނިޢްމަތަކަށްވާތީއެވެ. 

ހުރިހާ ފިރިހެނުންނަށް ބުނެލަން ބޭނުންވަނީ ފިރިހެނުން ހުރިހާ ޙާލަތެއްގައިވެސް ވާންޖެހޭނީ އަންހެނުންނަށް ރައްކައުތެރިކަންދޭންޖެހޭ ބއަކަށެވެ. ނިކަމެތި އަންހެނުންގެ ހިތާއި ކުޅެލައި ޖަޒުބާތުގައި ޖައްސުވައި ޒިނޭކުރީމާ ފިރިހެނުންނާއި ﷲ ތަޢާލާ ޙަވާލުކުރައްވަވާފައިވާ މަސްއޫލިއްޔަތަށްވެސް ޙަރާންކޯރުވެވުނީއެވެ. ޙަރާންކޯރުވެގެން ތިބެ ފާޑުފާޑުގެ ސުވާލުތައް ކޮށްގެން އިތުރަށް ފާފަކުރުވަން އުޅެނީ ކީއްކުރަންހެއްޔެވެ؟ 

ރަނގަޅު ފިރިހެނުން ބައިވަރެވެ. އަޅުގަނޑަށް ކައިވެނިކުރަން ލިބުނީވެސް ހަމަ ޢިއްފަތްތެރި ވަރަށް ރަނގަޅު ފިރިހެނެކެވެ. އަޅުގަނޑުގެ ވިސްނުމުގައި މިބާވަތުގެ މައްސަލަތައް ނެރެންވާނީ ޢިއްފަތްތެރި ފިރިހެނުންނެވެ. އެއީ އޭނާ ކައިވެނިމިކުރަނީ އޭނާ ފަދައިން ﷲ ތަޢާލާއަށް ބިރުވެތިވާ އަންހެނަކާއިކަން ޔަޤީންކުރުމަށެވެ. 

އަހުރެން ޤަބޫލުކުރާ ގޮތުގައި ފިރިހެނުން ޒިނޭކުރުން ހުއްޓާލައިފިނަމަ ޒިނޭކުރާ ޢަދަދު 99 އިންސައްތަ މަދުވެގެންދާނެއެވެ. ހަށިގަންނާނެ ބައަކު ނެތްނަމަ ހަށިވިއްކާ މީހުންނަށް މާކެޓެއް ނުއޮންނާނެއެވެ. ވިޔަފާރި ހުއްޓޭނެއެވެ. މިއީ އަހުރެންގެ ވިސްނުމެވެ. 

- ޝަމްސް / ލާހޯރު، ޕާކިސްތާން

މިއަދު އޮންލައިން