ނަމާދުކުރުން މަދުކުރެވޭ މީހުން އިތުރަށް ވިސްނާލުމަށް-!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ނަމާދުކުރުން މަދުކުރެވޭ މީހުން އިތުރަށް ވިސްނާލުމަށް-!

ބައެއް މީހުން އެމީހުން ނަމާދުކުރާ ސަބަބާއި ނަމާދުކުރަން ފަރުވާކުޑަކުރެވޭ ސަބަބު ހާމަކުރަން ތަފާތު ވާހަކަތައް ދައްކައެވެ. ވިސްނާލަންޖެހޭ ކަމަކީ މުސްލިމަކު ނަމަ ނަމާދުނުކޮށް ނުހުރެވޭނެ ކަމެވެ. ނަމާދުނުކޮށް ހުރުމަކީ އިޚްތިޔާރީކަމެއް ނޫންކަމެވެ. އެއީ ﷲ ތަޢާލާއަށް އޮތް ބޮޑު ދަރަންޏެއްކަމެވެ. އަދާނުކޮށް ސަލާމަތްކަމެއް ނެތްކަމެވެ.

ތިމާއަށް ނިޢްމަތެއް ލިބުމުން އެކަމުގެ އުފަލުގައި އުޅޭ ވަގުތުތަކުގައިވެސް އަދި ހިތާމައެއް ކުރިމަތިވާ ޙާލަތުގައިވެސް ބައެއް މީހުންނަށް ކުރެވޭ އެންމެ ނުބައިކަންބޮޑު އެއްކަމަކީ ނަމާދުކުރުމާއި ދުރުވެވުމެވެ. އެނޫންވެސް އަޅުކަން ކުރަން ފަރުވާ ކުޑަކުރެވުމެވެ.

އެއްބައަކު ނަމާދުކޮށް އަޅުކަންކުރަން ހަނދާން ނައްތައިލަނީ ހީވެސް ނުކުރަނީސް ބޮޑު ނިޢްމަތެއް ލިބުމުންނެވެ. ނުވަތަ ގިނަ ދުވަސްތަކެއްވަންދެން ޙާޞިލުކުރަން މަސައްކަތްކޮށް އުންމީދުކުރަމުން އައި ކަމެއް ޙާޞިލުކުރެވުމުން ލިބޭ އުފަލުގައެވެ.

ހަމައެފަދައިން އަނެއްބައަކު ނަމާދުކޮށް އަޅުކަންކުރަން ހަނދާން ނައްތައިލަނީ ކޮންމެވެސް ހިތްދަތިކަމެއް ނުވަތަ ކަންބޮޑުވާންޖެހޭ ކަމެއް ކުރިމަތިވުމުން މާޔޫސްވެ "މޫޑީ"ވެގެންނެވެ. ހުރިހާ ކަމެއް ކުރަންވެސް ފޫހިވަނީ ކަމަށް ބުނެއެވެ.

މިބަޔާންކުރި ދެ ޙާލަތުގައިވެސް ނަމާދުކުރުމާއި އަދި ތަޤްވާވެރިކަމާއި މީސްތަކުން ދުރުކުރުވަނީ ޝައިޠޯނާއެވެ. އުފާވެރިކަމެއް ލިބުމުން ޣާފިލުކުރުވަނީވެސް ހިތްދަތިކަމުގެ ޙާލަތުގައި ބުއްދި "ގޮއްވައިލަނީ"ވެސް ހަމަ ޝައިޠޯނާއެވެ.

ރަނގަޅަށް ހަދާންކުރާށެވެ! ނިޢްމަތެއް ދެއްވަވައިފިނަމަވެސް އޮތީ ތަޤްވާވެރިކަން އިތުރުކޮށް ނަމާދުކުރުމަށް ސަމާލުކަން އިތުރުކުރުމެވެ. ނިޢްމަތަށް ޝުކުރުވެރިވުމަކީ އެއީއެވެ. ހަމައެއާއިއެކު ކިތަންމެ ބޮޑު ހިތްދަތިކަމެއް ލިބުނު ނަމަވެސް، ކިތަންމެ ބޮޑު ދަތި ޙާލަތެއް ކުރިމަތިވިނަމަވެސް ކިތަންމެ ބޮޑު ވޭނެއް ތަޙައްމަލުކުރަން ޖެހުނު ނަމަވެސް ނަމާދުކުރުން އިތުރުކުރާށެވެ!

މިބުނި ބަހަކީ ފަޜޫޟު ނަމާދުތަކުގެ އިތުރުން ސުންނަތް ނަމާދުތައްކުރުން ގިނަކުރާ ވާހަކައެވެ.

އެހެނީ ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވަނީ ކެތްތެރިކަމާއިއެކު ނަމާދުކުރުމުން ވާގިއެދުމަށެވެ. ތިމަން ﷲ ވޮޑިގެންވަނީ ކެތްތެރިންނާއިއެކުގައި ކަމަށެވެ. ވީއިރު، ހިނައި ތާހިރުވާން ކަންނެތްވެ، ނަމާދުކުރަން ފޫހިވެގެން ހާޞިލުކުރެވޭނީ ކޮންކަމެއް ހެއްޔެވެ؟ ހޯދޭނީ ކޮން އުފަލެއް ހެއްޔެވެ؟

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން