މަގުތައްމަތީގަ ފާފަކުރުން ޢާންމުވެއްޖެއެވެ! ހުއްޓުވަން ތިމާއަށް ކުރެވޭނީ ކޮންކަމެއް؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
މަގުތައްމަތީގަ ފާފަކުރުން ޢާންމުވެއްޖެއެވެ! ހުއްޓުވަން ތިމާއަށް ކުރެވޭނީ ކޮންކަމެއް؟

"މަގުތައް މަތީގައި ފާފަކުރުން ގިނަވެ ޢާންމުވެއްޖެއެވެ. ޢިލްމުވެރިން ވިދާޅުވަނީ އެކަންކަން ހުއްޓުވަން ކޮންމެ މީހަކުވެސް މަސައްކތްކުރަންޖެހޭނެ ކަމަށެވެ. އެހެންކަމަށްވާއިރު އެކަންކަން ހުއްޓުވަން އަޅުގަނޑަށް ކުރެވޭނީ ކޮންކަމެއްތޯއެވެ؟"

ކިޔުންތެރިޔާގެ ކަންބޮޑުވުންވެސް މުހިންމެވެ. ފާހަގަކުރައްވާ މައްސަލަވެސް މުހިންމެވެ. އުންމީދުކުރަނީ ތިރީގައިވާ ލިޔުމުން ޖަވާބެއް ލިބިލައްވާނެ ކަމަށެވެ!

ބުއްދިވެރި މުސްލިމަކާމެދު ދަންނައެވެ. އޭނާ ދިރިއުޅޭ ތަނާއި މުޖުތަމަޢުގެ ސަލާމަތްތެރިކަން ގެއްލި ހަލާކުވެދާފަދަ ކަންކަމުން ރައްކާތެރިވާނެއެވެ. އަދި މުޖުތަމައުގައި ހިނގާ ފިތުނަތަކުން މުޖުތަމައު ސަލާމަތްކުރަން މަސައްކަތްކުރަން މަސައްކަތްކުރާނެއެވެ. އިސްލާމް ދީނާއި ޚިލާފަށް ކުރާ ކަންކަން ހުއްޓުވަން ގަދައަޅައި މަސައްކަތްކުރާނެއެވެ. އަދި އިސްލާމް ދީނުގެ ޙުކުމްތަކާއި އެއްގޮތަށް ޢަމަލުކުރަން ލޯބިކޮށް އެކަމަށް ބާރުއަޅާނެއެވެ.

ކީރިތި ޤުރްއާނަށް ޢަމަލުނުކޮށް ﷲ ތަޢާލާގެ ޙުކުމްފުޅުތަކާއި ޚިލާފަށް ކުރެވޭ ކަންކަން ހުއްޓުވަން ތިމާއަށް ކުރެވޭނެ އެއްވެސް ކަމެއް ނެތްކަމަށް ޤަބޫލުކުރުމަކީ ބުއްދިވެރި، އަދި ﷲ ތަޢަލާއަށް އީމާންވެގެންހުރި އެއްވެސް މީހަކު ކުރާނެ ކަމެއް ނޫނެވެ. އެހެނީ ކޮންމެމީހަކަށްވެސް ކުރެވޭނެ ކަންކަން ރަސޫލް ﷺ ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ. އެއީ:

1 އަތުން އެކަމެއް ހުޓުވަން މަސައްކަތް ކުރުން 2 އަތުން ހުއްޓުވުމުގެ ބާރު ލިބިފައި ނުވާނަމަ ދުލުން އެކަމަކާއިދެކޮޅަށް ބަސްބުނެ ހުއްޓުވަން މަސައްކަތްކުރުން 3 ދުލުން ބަސްބުނުމުގެ ބާރު ލިބިގެންނުވާނަމަ ހިތުން އެކަމަށް ދެކޮޅު ހެދުން

 

އެކަމެއް ހުއްޓުވަން ނުވަތަ ހިތުން އެދޭމީހާވެސް އަދި އެންމެންވެސް މުޖުތަމައުގައި ހިނގާ އެފަދަ ކަންކަމުން މުޖުތަމައު ސަލާމަތްކުރައްވަވައިދެއްވެވުން އެދި ދުޢާކުރަންވާނެއެވެ. އެފަދަ ކަންކަން ކުރާ މީހުންނަށް ނަޞްރު ދެއްވުން އެދި ދުޢާކޮށްގެންނުވާނެއެވެ. ދުޢާކުރަންވާނީ އެފަދަ އަމަލުތައްކުރާ މީހުންގެ ކިބައިން މުޖުތަމައު ސަލާމަތްކުރައްވަވައި ދެއްވެވުން އެދިއެވެ. އެފަދަ ޢަމަލުތައްކުރާ މީހުންނަށް ހިދާޔަތު ދެއްވެވުން އެދި ދުޢާކުރެވިދާނެއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން