އަޅުކަންކުރުން މީސްތަކުންނަށް ވީހާ ލުއިފަސޭހަކޮށް ދެއްވަވަން ރަސޫލް ޞޢޥ ވަނީ ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރައްވަވައިފައެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 18ސ
އަޅުކަންކުރުން މީސްތަކުންނަށް ވީހާ ލުއިފަސޭހަކޮށް ދެއްވަވަން ރަސޫލް ޞޢޥ ވަނީ ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރައްވަވައިފައެވެ!

ފަރުޟުތައް ގިނަވެ މީސްތަކުންނަށް ބުރަކަމަކަށް ވެދާނެކަމަށްޓަކައި ނުވަތަ އަމުރުފުޅުތައް ގިނަވެ އެކަންކަން ކުރުމަށް މީސްތަކުން ފަރުވާކުޑަކޮށްފާނެކަމަށްޓަކައި އުންމަތުގެ މައްޗަށް ނަބިއްޔާ ބިރުފުޅުގެން ވަޑައިގެންނެވިއެވެ. އިސްރާއާއި މިޢުރާޖުގެ ރޭ 50 ނަމާދު ފަރުޟުކުރެއްވުމުން، 5 ނަމާދަށް މަދުކުރައްވަންދެން އެކަން ލުއިކޮށްދެއްވުން އެދި އެކަލޭގެފާނު، ﷲ ތަޢާލާގެ ޙަޟްރަތުގައި ދެންނެވިއެވެ. 

މީސްތަކުންގެ މައްޗަށް ފަރުޟުކުރައްވާފާނެކަމަށް ބިރުފުޅުގެން ވަޑައިގެން، ބައެއް ހެޔޮ ޢަމަލުތައް މީސްތަކުންނާއެކު ކުރެއްވުން ނަބިއްޔާ ދޫކޮށްލެއްވިއެވެ. ފަހެ ރަމަޟާން މަހުގެ ރޭތަކުގައި އެކަލޭގެފާނުގެ މިސްކިތްކޮޅުގައި މީސްތަކުންނާއެކު ޖަމާޢަތުގައި ދަމުނަމާދުކުރައްވަން ފެއްޓެވިއެވެ. ތިން ރޭ އެފަދައިން ދަމުނަމާދު ކުރެއްވިއެވެ. އެއް ރެއަށް ވުރެ އަނެއް ރޭ މީސްތަކުންގެ ޢަދަދު އިތުރުވިއެވެ. ނަމަވެސް އެކަލޭގެފާނު މީސްތަކުންނާއެކު ޖަމާޢަތުގައި ދަމުނަމާދުކުރެއްވުން ދޫކޮށްލެއްވީ މީސްތަކުންގެ މައްޗަށް އެކަން ފަރުޟުކުރައްވަފާނެކަމަށްޓަކައެވެ. ހަތަރުވަނަ ރޭ އެކަލޭގެފާނު މީސްތަކުންނާއެކު ޖަމާޢަތުގައި ދަމުނަމާދުކުރަން ނުކުމެވަޑައިނުގަންނަވައެވެ. އަދި އެރޭ ފަތިސްނަމާދަށް ފަހު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. 

«خَشِيتُ أَنْ تُفْرَضَ عَلَيْكُمْ، فَتَعْجِزُوا عَنْهَا» [رواه البخاري (924) ومسلم (178 – (761))]

މާނައީ: "ތިޔަބައިމީހުންގެ މައްޗަށް (އެ ކަން) ފަރުޟުކުރެވިދާނެ ކަމަށްޓަކައި ތިމަންކަލޭގެފާނު ބިރުފުޅުގެން ވަޑައިގެންނެވީއެވެ. ފަހެ، (އޭރުން) އެކަން ކުރުމަށް ތިޔަބައިމީހުންނަށް ކުޅަދާނަ ނުވުން އެކަށީގެންވެއެވެ."

ފާފައަކަށް ނުވާ ކަންކަމުގައި އެކަލޭގެފާނު އަމިއްލަ ނަފްސުފުޅަށާއި އެކަލޭގެފާނުގެ އުންމަތަށް ޚިޔާރުކުރެއްވީ ލުއިފަސޭހަ ގޮތެވެ. ޢާއިޝާ رضي الله عنها ވިދާޅުވިއެވެ. 

«مَا خُيِّرَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ بَيْنَ أَمْرَيْنِ إِلَّا أَخَذَ أَيْسَرَهُمَا، مَا لَمْ يَكُنْ إِثْمًا، فَإِنْ كَانَ إِثْمًا كَانَ أَبْعَدَ النَّاسِ مِنْهُ» [رواه البخاري (3560) ومسلم (77 – (2327))]

މާނައީ: "ރަސޫލުﷲ އަށް ދެ ކަމެއްގެ މެދުގައި އިޚްތިޔާރުދެއްވިއްޖެނަމަ، ފާފައަކަށް ނުވާ ކަންކަމުގައި އެ ދެކަމުގެ ތެރެއިން އެންމެ ފަސޭހަ ކަންތައް މެނުވީ ނުނަންގަވައެވެ. ފަހެ އެކަމުގައި ފާފައެއްވާނަމަ އެކަލޭގެފާނު ވެވަޑައިގަންނަވަނީ މީސްތަކުންގެ ތެރެއިން އެކަމާ އެންމެ ދުރުގައި ހުންނަވާ ބޭކަލެއްކަމުގައެވެ." 

الشيخ عبد المحسن بن محمد القاسمحفظه الله   މަސްޖިދުއް ނަބަވީގައި ދެއްވި ޚުޠުބާގެ ޚުލާޞާއިން-

މަސްދަރު: ދިސަލަފިއްޔާ

މިއަދު އޮންލައިން