2، 3 މީހުން ތިބި ތަނެއްގައި ނަމަވެސް ދިރިއުލުމުގެ ޙާތުގެ ވާހަކައިން ސުވާލުކޮށްބަލާށެވެ. އެތަނުން 2 މީހުން ބުނާނީ ކައިވެނީި ރޫޅިގެން އުޅޭވާހަކައާއި ދިރިއުޅުން ބަނގުރޫޓުވެގެން އުޅޭކަމުގެ ވާހަކައެވެ. މިވަނީ ކިހިނެއް ހެއްޔެވެ؟ މިހެން މިކަންކަން މިދިމާވާ ސަބަބު ދނެގަންނަން އެބަޖެހޭ ނޫންހެއްޔެވެ؟
އެކަމުގެ ސަބަބަކީ މާފުނުކުރުމުގެ ބައްޔެވެ! މާފުކުރުމަކީ އިޚްތިޔާރީ ކަމަކަސް ހަދައިގެން އުޅުމުގެ ބައްޔެވެ؟ އެބަލި ޖެހިފައިތިބި މީހުންނަށް އެވަނީ ވަރަށް ބޮޑަށް އޮޅިފައެވެ. އެއްވެސް ޙާލެއްގައި މާފުކުރުމަކީ އިޚްތިޔާރީކަމެއް ނޫނެވެ. ކިތަންމެ ބޮޑު ކުށެއް ކުރިނަމަވެސް ކުޑަކުށެއް ކުރިނަމަވެސް އަދި ބައެއް ބާވަތުގެ ކުށްތައް ކިތަންމެ ގިނަފަހަރު ތަކުރާރު ކުރެވުނަސް އޮތީ މާފުކުރުމެވެ.
މިޘާލަކަށް ބަލާނަމަ ބޭވަފާތެރިކަމަކީ ގިނަގިނައިން މާފުނުކުރެވިދާނެ ކުށެކެވެ. ބޭވަފާތެރިވުމަށް ގިނަގިނައިން މާފުކުރަންޖެހޭތީ ކައިވެނި ރޫޅައިލިނަމަވެސް ހިތްހެޔޮކަމާއިއެކު މާފުކުރާށެވެ. އެކަމަށްޓަކައި އެމީހަކަށް ހިތުގައި ޢަދާވާތްތެރިކަން ނުބާއްވާށެވެ. އޭނާ ފަޟީޙަތްކުރަމުން ނުދުވާށެވެ. ސޯޝަލް މީޑިއާގައި ހާމަކޮށް އެންމެންނަށް ބޭޒާރުނުކުރާށެވެ! އޭނާއަށް މާފުކޮށްފައި ﷲ ތަޢާލާގެ ޙަޟްރަތުން ރަހްމަތަށް އެދޭށެވެ.
ދެން އޮތީ ދިރިއުޅުމުގައި ކުރިމަތިވާ ކުދިކުދި ކަންކަމެވެ. ކިތަންމެ ގިނައިން ތަކުރާރުވިޔަސް މާފުކުރާށެވެ. އެކަމަކު ދިރިއުޅުމަށް ބޮޑެތި ގެއްލުންތަކެއް ނުލިބޭނަމަ މާފުކުރަން ފަސްނުޖެހޭށެވެ. އެއީ ތިމާއަށް ﷲ ތަޢާލާ ކުރިމަތިކުރައްވަވާ އިމްތިޙާނެއްކަމަށް ދެކޭށެވެ.
މިހެން މިބުނަނީ ކުށް ކުރެވޭލެއް ގިނަކަމުން ދެން އޭނާ އިޞްލާޙް ނުވާނެ ކަމަށް ޤަބޫލުކުރާ އެތައް ބައަކު އިޞްލާޙްވެ އަނެކާގެ ޢަމަލުތައް އިޞްލާޙްކުރަން އެހީތެރިވެދީފައިވެސް އެބަހުއްޓެވެ. އަދި އެއީ ަމދުން މެދުވެރިވާ ކަމެއްވެސް ނޫނެވެ.
މީސްތަކުންނޭވެ! ފާފަތައް ފުއްސަވައި ދެއްވެވުމުގައި ﷲ ތަޢާލާއީ އެންމެ ދީލަތިވަންތަކަން ބޮޑު ރަސްކަލާނގެއެވެ. މީސްތަކުންނަށް ރަޙުމް ކުރެއްވެވުމުގައި އެންމެ އޯގާތެރިވަންތަ ރަސްކަލާނގެއެވެ. އަހުރެމެން އެންމެންނަކީވެސް އެކަލާނގެ އަޅުތަކުންނެވެ. ވީމާ އެހެން މީހުންނަށް މާފުކުރުމުގެ ހިތްވަރު ލިބިގަންނަން ޖެހޭނެއެވެ.
އަދި ކީއްހެއްޔެވެ؟ މާފުނުކުރަންވެގެން ރޫޅައިލާ ކައިވެނިތަކުގެ ތެރެއިން ގިނަ ކައިވެނި ރޫޅައިލެވުނު ކަމާއިމެދު ފަހުން އޮންނަނީ ހިތާމަކުރަންޖެހިފައެވެ. މާރަނގަޅުވާނެ ކަމަށް ބަލައި ފަހުން ހޯދާ ބައިވެރިޔާ އަކީ ކުރީގެ ބައިވެރިޔާއަށްވުރެ ރަނގަޅު ނޫން ބައިވެރިއެއްކަން އެނގެނީ ދިރިއުޅުން ބަނގުރޫޓުވެގެންދާ ފަހުންނެވެ.
ވީމާ އުފާވެރި ދިރިއުޅުމަށް އުންމީދުކުރާނަމަ މާފުނުކުރުމުގެ ބަލިން އަވަހަށް ސަލާމަތްވެ މާފުކުރާ މީހަކަށްވާށެވެ! ﷲ ތައާލާ ލައްވަވާ ރަޙްމަތް މާބޮޑުވެގެންދާނެއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން