ސިއްރުކުރަން ބޭނުންވާ ކަންކަން އެއްވެސް މީހެއްގެ ގާތުގައި ނުބުނެ ހަމައެކަނި ﷲ އަށް ދަންނަވަންޖެހޭ ސަބަބު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
ސިއްރުކުރަން ބޭނުންވާ ކަންކަން އެއްވެސް މީހެއްގެ ގާތުގައި ނުބުނެ ހަމައެކަނި ﷲ އަށް ދަންނަވަންޖެހޭ ސަބަބު-

ބައެއް މީހުން ކަންކަމަށް ބޭނުންވުމުން އެކަން ސިއްރުކޮށްގެން ތިބެފައިވެސް ހާމަކުރަން ނުޖެހޭ މީހުންގެ ގާތުގައި ހާމަކުރެއެވެ. މިއީ ކުރެވޭ ވަރަސް ދެރަ ކަމެކެވެ. އެކަމުން ލިބޭ ގެއްލުންވެސް ބޮޑު ކަމެކެވެ.

ތިބާ ޙާޞިލުކުރަން ބޭނުންވާ ކަންތައް އެއްވެސް މީހަކަށް އަނގަން ބޭނުންނުވިނަމަވެސް ސިއްރުކޮށްގެން ނުހުންނާށެވެ! ވަގުތުން ﷲ ތަޢާލާއަށް ދަންނަވާށެވެ! އެ ސިއްރު ބޭޒާރެއް ނުކުރައްވަވާނެތެވެ. އިން ޝާ ﷲ

އިންސާނުންގެ ހިތަށް އަރާހައި ކަންކަމާ ބޭނުންވާހައިކަންކަން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. އެހެނަސް ﷲ ތަޢާލާ އަހަރެމެންނަށް އަންގަވާފައިވަނީ އަހަރެމެން އެދޭކަންކަން ހާމަކުރުމަށެވެ. އެކަންކަން ހިންމަވައި ދެއްވެވުން އެދި ދެންނެވުމަށެވެ. ދުޢާކުރުމަށެވެ. ވީމާ އެދޭކަންތަކުގެ ވާހަކަ އެއްވެސް މީހެއްގެ ގާތުގައި ނުބުނި ނަމަވެސް ބޭނުންވާ ކަންތަކަށް އެދި ދުޢާކުރަމުން ގެންދާށެވެ.

އެއްވެސް މީހަކު އެދޭ އެއްވެސް ކަމެއް އަދި ކިތަންމެ ގިނަ ބައަކު އެދޭ ކަންކަންވެސް ދުނިޔޭގެ އެންމެން އެދޭ ހުރިހާ ކަމެއް އެއްފަހަރާވެސް ފުއްދަވައިދެއްވަވަން ﷲ ތަޢާލާ ކުޅަދުންވަންތައެވެ. އަދި އެކަމުގެ ސަބަބުން ﷲ ތަޢާލާގެ ޚަޒާރާއިން ޛައްރެއްގެ މިންވަރު ވެސް މަދެއްވެސް ނުވާނެއެވެ. ވީމާ ކޮންމެ ކަމަކަށް ބޭނުންވި ނަމަވެސް ﷲ ތަޢާލާއަށް ދަންނަވާށެވެ. ޔަޤީންކުރަންޖެހޭ ކަމަކީ ކޮންމެ ކަމެއްވެސް ޙާޞިލުކުރެވޭނީ ﷲ ތަޢާލާ އެކަމެއް މިންވަރުކުރެއްވެވުމުންކަމެވެ.

ދެވަނަ ގޮތުގެ ނުބައިކަން އަދި މާބޮޑެވެ. ކިތަންމެ އިތުބާރުކޮށްފައި މީހަކުގެ ގާތު ބުނިނަމަވެސް އެކަން ސިއްރުނުވެދާނެއެވެ. އަދި ތިބާ ޙާޞިލުކުރަން ބޭނުންވި ކަންތައް ޙާޞިލުކުރަން އެހީތެރިވުމުގެ ބަދަލުގައި އެކަންވުމަށް ހުރި މަގުތައް ބަންދުވާފަދަ ކަމެއްވެސް ކޮށްފާނެއެވެ. އަދި ކީއްހެއްޔެވެ؟ ތިބާއަށްޓަކައި ހެޔޮ ދުޢާކުރުމުގެ ބަދަލުގައި އެސްފީނާވެސް ލައިފާނެއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން