ފިރިހެނަކުމަޖަލަކަށް ނަމަވެސް އޭނާގެ އަނބިމީހާއަކީ އޭނާގެދަރިފުޅަކު ކަމަށް ބުނުމުގެ ޙުކުމް-
الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم, وبعد:
މި ޙާލަތުގައި ބަލަން ޖެހޭނީ ފިރިމީހާގެ ނިޔަތަށެވެ.
ފިރިމީހާގެ ނިޔަތަކީ އޭނާގެ ދަރިފުޅާއި ކައިވެނި ޙަރާމްވީ ފަދައިން އަންހެނުންނާ ވެސް ކައިވެނި ޙަރާމް ވެއްޖެޔޭ ބުނުން ކަމަށް ވަނީ ނަމަ ވާނީ ޡިހާރު ކުރިކަމަށެވެ. އެހެން ކަމަށްވަނީނަމަ ފިރިމީހާގެ މައްޗަށް ކައްފާރާ ލާޒިމްވެއްޖެ އެވެ. އަދި ކައްފާރާ ދިނުމުގެ ކުރިން އަންހެނުންނާއި ޖިމާޢު ވެގެންވެސް ނުވާނެއެވެ.
ކައްފާރާއަކީ: އަޅަކުމިނިވަން ކުރުން، އެކަމަށް ނުކުޅެދިއްޖެނަމަ ވިދިވިދިގެން ދެމަސްދުވަހު ރޯދަ ހިފުން، އެކަމަށްވެސް ނުކުޅެދިއްޖެނަމަ 60 (ފަސްދޮޅަސް) މިސްކީނުންނަށް ކާންދިނުމެވެ.
ފިރިމީހާގެ ނިޔަތަކީ ދަރިފުޅުދެކެ ލޯބިވާފަދައިން އަންހެނުން ދެކެވެސް ލޯބިވަމޭ ބުނުން ކަމަށް ވަނީ ނަމަ އެއްވެސް މައްސަލަ އެއް -އިންޝާ ﷲ -ނެތެވެ. والله أعلم
އިތުރު 2 ސުވާލު:
ބޭންކު އެކައުންޓުގައި އިންޓަރެސްޓުގެ ގޮތުގައި ޖަމާވާ ފައިސާއަށް ސްކޫލަކަށް ފޮތް/ ޕޯސްޓަރ ހަދިޔާ ކުރެވިދާނެތޯއެވެ.؟
الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
ފުރަތަމަ ކަމަކީ އިންޓަރެސްޓް ނާރާ ކަހަލަ އެކައުންޓަކަށް ފައިސާ ބަދަލު ކުރާށެވެ. އެއަށްފަހު މިހާރު އިންޓަރެސްޓްގެ ގޮތުގައި އެކައުންޓަށް ޖަމާވެފައި ހުރި ފައިސާ ޢާއްމުންނަށް ފައިދާ ކުރަނިވި ކަހަލަ ކަމެއްގައި ހޭދަ ކުރާށެވެ. އެގޮތުން ސްކޫލަށް ބޭނުންވާ ފޮތާއި ޕޯސްޓަރ ހަދިޔާ ކުރެވިދާނެއެވެ. والله أعلم.
ސިހުރުވެރިޔަކު ލައްވާ ކުރާ ކައިވެނި ޞައްޙަވާނެތޯއެވެ؟
الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
ކައިވެނީގެ ރުކުންތަކާއި ޝަރްޠުތައް ހަމަވާނަމަ ސިޙުރުވެރިޔަކު ޢަގްދުކޮށްދިން ނަމަވެސް ކައިވެނި ޞައްޙަވާނެއެވެ. ނަމަވެސް، އެނޫން މީހަކު ލިބެން ހުރިނަމަ އެގޮތް މޮޅު އިތުރު ވެގެން ވެއެވެ. والله أعلم.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް