ޤުރްއާނަށް ޢަމަލުކުރަންޖެހޭ ކަމަށް ގިނަބައަކު މިއަދު ޤަބޫލުނުކުރަނީ ކީއްވެގެންތޯ؟ އެއީ ހަމައެކަނި ކިޔަވަން އޮތް ފޮތެއްތޯ؟
ކިޔުންޔެރިޔާ ކުރައްވާފައިވާ ސުވާލަކީ ވަރަށް މުހިންމު ސުވާލެކެވެ. މިހާރުގެ ގިނަ ބައަކަށް ޤަބޫލުކުރެވިފައި އޮންނަނީ ކީރިތި ޤުރްއާނަކީ ހަމައެކަނި ރީތި ރާފުތަކަށް ކިޔަވަން އޮންނަ ފޮތެއް ކަމަށެވެ. ނަމަވެސް އެކަން އޮތްގޮތެއް ނޫނެވެ. ތިރީގައިވާ ލިޔުމުން ކިޔުންތެރިޔާގެ ސުވާލަށް ޖަވާބެއް ލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ.
ކީރިތި ޤުރްއާން ރިވެތި ރާގުތަކަށް ކިޔަވަން ދަރިންނަށް ދަސްކޮށްދިނުމަކީ ކިތަންމެހައިވެސް ރަނގަޅު ކަމެކެވެ. ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. މުފްތީ މެންކުފަދަ ދުނިޔޭގެ ބޮޑެތި ޢިލްމުވެރިން ވިދާޅުވަނީ ޢަރަބި ބަސް އުނގެނުމަށްވުރެ ވެސް މުހިންމީ ތަޖުވީދުމަގުން ޤުރްއާން ކިޔަވަން އެނގުން ކަމަށެވެ.
ވިސްނައިލަންޖެހިފައި އޮތްކަމަކީ ދަރިންނަށް ކިތަންމެ ރިވެތިކޮށް ޤުރްއާން ކިޔަވަން ދަސްކޮށްދިންނަމަވެސް އެކަމުގެ ޙަޤީޤީ ފައިދާކުރާނީ ޤުރްއާނަށް ޢަމަލުކުރާތަން ކުދިންނަށް ދައްކައިދީގެން ކަމެވެ. ޤުރްއާން ބާވައިލައްވަވާފައިވަނީ އެއާއި އެއްގޮތަށް ޢަމަލުކުރަންކަން ކުދިންގެ ހިތްތަކަށް ވައްދުވައިދީގެންކަމެވެ.
މިއީ އަޅުގަނޑު ބުނާ ބަހެއް ނޫނެވެ. ކީރިތި ޤުރްއާން ކިޔެވުމުގެ ކޮންމެ މުބާރާތެއްގެ ތެރެއިން ޢިލްމުވެރިން ވިދާޅުވާ ވާހަކައެކެވެ. އެކަން ފާހަގަނުކުރާ ރަސްމިއްޔާތެއްގައި އަދި މިހައިތަނަށް ބައިވެރިވެވިފައެއް ނެތެވެ. ހިތާމައާއިއެކު ފާހަގަކުރަންޖެހޭ ކަމަކީ މިފަދަ އަޑުތައް އިވި ހިތުގައި ހަރުލާފައި ހުންނަތާ 50 އަހަރަށްވުރެ ގިނަދުވަސްވީއިރުވެސް އަދި ރާއްޖޭގެ ވެރިކަމުގައި އެކި ފެންވަރުގައި ތިއްބަވާ ބޭފުޅުން މިފަދަ ވާހަކަފުޅުތައް ދައްކަވާފައިވީނަމަވެސް ޤުރްއާނަށް ޢަމަލުކުރަން ކުރެވޭ ކަމެއް ނުފެންނަކަމެވެ. އަދި އެއްދުވަހެއް އަނެއް ދުވަހަށް ޤުރްއާނަށް ޢަމަލުކުރުމުގައި ސަރުކާރުން ފޭވެ ދުރަށް ޖެހެމުންދާތަން ފެންނަކަމެވެ.
އެކަމުގެ ނަތީޖާއަކަށްވެގެންދަނީ ރައްޔިތުން ޤުރްއާނާއި ދުރަށް ޖެހެމުން އަންނަކަމެވެ. ޤުރްއާނަށް ޢަމަލުކުރުމަކީ ކުރަންޖެހޭ ކަމެއްކަން ޤަބޫލުނުކުރާ ޙާލަތަށް ގިނަ ބައެއްގެ ވިސްނުން ޤުރްއާނާއިފޭވެފައިވާކަމެވެ.
ޤާނޫނު ހަދާ މަޖިލީހުން ފާސްކުރާ ކަންކަމަށް ޤައުމުގެ ދުސްތޫރުގެ ނަންދީ އެކަންކަމަށް ޢަމަލުކުރަން ރައްޔިތުންގެ މައްޗަށް މަޖުބޫރުކުރުވައެވެ. އެކަންކަމަކީ ކަނޑައެޅިގެން ޤުރްއާނާއި ދެކޮޅަށް ފާސްކޮށްފައިވާ ކަންކަން ނަމަވެސްމެއެވެ. މީގެ އިތުރުން އެކަންކަން ކުރަން ކީރިތި ޤުރްއާނުގައި ﷲ ވަހީކުރައްވަވާފައިވާ ކަންކަން ވެރިކަމުގެ ފަރާތަކުން ނުކުރެއެވެ. ﷲ ބާވައިލެއްވެވި ޙައްދުތައް ޤާއިމް ނުކުރެއެވެ.
ކަންކަން ހުރީ މިމަގުން ކަމަށްވުމުން ދަރިންގެ ހިތްތަކުގައި ޤުރްއާނަށް ލޯބި ޖައްސުވަން ސަރުކާރުން ބޭނުންވާނަމަ ފުރަތަމަވެސް ކުރަންޖެހޭ ކަމަކީ ކީރިތި ޤުރްއާނަށް ސަރުކާރުން އަމަލުކުރުމެވެ. އަދި ޤުރްއާނަށް ޢަމަލުކުރުން ރައްޔިތުންނަށް ލާޒިމްކުރުމެވެ. އެކަންކަން ނުކުރާ ވެރިކަމަކަށް އިސްލާމީ ވެރިކަމެކެވެ ކިޔޭނެ ހަމައެއްވެސް ގޮތެއް ނުއޮންނާނެއެވެ.
އެމަގުން ސަރުކާރުން އަމަލުކޮށް ޤާނޫނުތަކާއި ޤައުމީ މަންހަޖު ޤުރްއާނާއި އެއްގޮތަށް އިޞްލާޙްކޮށްފިނަމަ އެންމެންގެ ހިތްތަކުގައިވެސް ދާނީ ޤުރްއާނަށް ލޯބި އިތުރުވަމުންނެވެ. ޤުރްއާނާއި ދުރަށް ޖެހުމުގެ ބަދަލުގައި ހިތްޖެހި ޝައުޤުވެރިކަން އުފެދޭނީ ޤުރްއާނަށް ޢަމަލުކުރުމަށެވެ.