ނަމާދު ވާޖިބުވީންސުރެ ޤަވާއިދުކޮށް ކޮންމެ ދުވަހަކުވެސް ފަރުޟު 5 ނަމާދުކުރަން ދީނުގައި އޮތީ ސަބަބުތަކެއް ހުރުމުންނެވެ. އެކަންކަމުގެ ވާހަކަތައް އަބަދުހެން މިގެންދަނީ ކިޔައިދެމުންނެވެ. އިންސާނާއަށް ސަލާމަތް ނުވެވޭނެ ދަރަންޏަކީ ނަމާދެވެ. އެހެން ކޮންމެ ދަރަންޏަކުންވެސް ސަލާމަތްވެވިދާނެއެވެ. އެކަމަކު ނަމާދަށް ދަރައިފި މީހާއަށް އެކަމުން ސަލާމަތްވެވޭނެ މަގެއް ފެންނަތް އޮތްކަމަށް ބުނެވޭނެ އެއްވެސް ގޮތެއް ނެތެވެ.
އަހަރެމެންގެ ތެރެއިން ބައެއް މީހުން ހަމަކުއްލިއަކަށް ކުރިމަތިވާ އެކްސިޑެންޓެއް ނުވަތަ އެނޫންވެސް ކަމެއްގެ ސަބަބުން އެއްގޮތަކަށްވެސް ނަމާދުނުކުރެވޭނެ ޙާލަތަށް އެބަދެއެވެ. ބުއްދިފިލައިދިއުން ، ކޯމާއަކަދާންޖެހުން ފަދަ ސަބަބެއް މެދުވެރިވުމުންނެވެ.
މީސްތަކުންނޭވެ އުފާކުރާށެވެ! އޮތީ އުފާކުރުމެވެ. މިބުނިފަދަ ކަމެއް މެދުވެރިވެ އެހާލަތުގައި އެމީހާ ނަމާދުކުރާކަށް ނުޖެހޭނެއެވެ. ނަމާދު ނުކުރެވުމަކުން ނުދަރާނެއެވެ. ނަމަވެސް ވަރަށް މުހިންމެ ޝަރުޠެއް އެބަ އޮވެއެވެ. އެއީ އެޙާލަތު ކުރިމަތިވިއިރު ނަމާދުކުރަމުން އައި މީހަކުކަމުގައިވުމެވެ. އެހެނީ އެފަދަ ޙާލަތުގައި ﷲ ތަޢާލާ އެމީހާ އާއިމެދު ބައްލަވައިވޮޑިގަންނަވާނީ އެހާލަތު އޭނާއަށް ކުރިމަތިކުރެއްވެވިއިރު އުޅެމުން އައިގޮތެވެ. ﷲ ތަޢާލާއަށް ކިޔަމަންތެރިވީ މިންވަރަށެވެ. ތަޤްވާވެރިކަމަށެވެ. ނަމާދކުރަމުން އައި ގޮތަށެވެ.
މިކަމުންވެސް އެނގެނީ ﷲ ތަޢާލާގެ ދީލަތިވަންތަކަމެވެ. އެމީހަކީ ޞިއްހަތު ސަލާމަތުން ހުރި ދުވަސްތަކުގައި ﷲ ތަޢާލާގެ މަތިން ހަނދުމަކޮށް ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ދުނިޔޭގައި އުޅުނު މީހަކު ނަމަ އެމީހަކަށް މުޞީބާތެއް ޖެހޭ ހިނދު އެމީހެއްގެ މަތިން ﷲ ތަޢާލާ ހަނދުމަފުޅު ކުރައްވަވާނެތެވެ. އަދި އެ މުޞީބާތް ކުރިމަތިކުރައްވަވަނީވެސް އިމްތިޙާނަކަށެވެ. އެމީހަކަށް ރަނގަޅަކަށެވެ. އެކަމުގައި ފޮރުވިގެންވާ ކަންކަން އަހަރެމެންނަށް ނުއެނގެނީއެވެ.
ގަދަވެ ސަލާމަތުން ހުންނައިރު އަބަދުވެސް ނަމާދުކުރަންވީ އެ ސަބަބަށްޓަކައެވެ. މާދަމާވެސް ބަލިވެދާނެކަމަށްޓަކައެވެ. މިކަމަށް ހޭލުންތެރިނުވެ ފަހުން ތައުބާވުމަށް ހިތުގައި ބާއްވައިގެން އެނބުރެމުން ސެނބުރެމުން ދަނިކޮށް ތިބާއަށް ހިތާމަވެރި ޙާލަތެއް މެދުވެރިވެ، މިބުނިފަދައިން ތިބާގެ އަމަލުތަކުގެ ފަތުގައި ސިއްކަ ޖެހިގެން ހިނގައްޖެ ނަމަ ވާނީ ކިހިނަކުންހެއްޔެވެ؟ ތިބާ ލސްޓްކުރެވޭނީ ﷲ ތައާލާއަށް ނުކިޔަމަންތެރިވި މީހުންނާއިއެކުގައި ނޫނެހެއްޔެވެ؟ ނަމާދުނުކުރާ މީހުންނާއިއެކުގައި ނޫންހެއްޔެވެ؟
މީސްތަކުންނޭވެ! ވިސްނާށެވެ! ކޮންމެ ފަދަ ޙާލަތެއް ކޮންމެ ވަގުތަކުވެސް ކުރިމަތިވެދާނެ ކަމަށް ބަލައި ރައްކައުތެރިވެގެން ހުންނާށެވެ! އާޚިރަތް ލިބުންވަނީ އެއިރުންނެވެ. ޚާއްޞަކޮށް ނަމާދުކުރާ މީހުންނާއިއެކު ލިސްޓްކުރެވިގެންނެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން