ޒިނޭކުރުން ޢާންމުވެ ފެތުރިގެންދާނެ ޒަމާނެއް އަންނާނެ ކަމަށް ރަސޫލް ﷺ ޙަދީޘްފުޅު ކުރައްވަވާފައިވަނީ ހަމައެކަނި ކާފިރުން އެކަން ކުރުން ގިނަވުމަކަށް ނޫނެވެ. ހަމަ މުސްލިމުންގެ ތެރެއިން، އިތުރު އެކަލޭގެފާނު ﷺ ގެ އުންމަތުގެ ތެރެއިން ޒިނޭ އާއި ފާޙިޝް ޢަމަލުތައް ކުރާނެ މީހުން ގިނަވެގެންދާނެތީއެވެ.
އެޒަމާނުގައި ގޮތް ނުއެނގޭ ބޮޑެތި ބަލިތައް ގިނަވެ ޢާންމުވެގެންދާނެ ބޮޑެތި މުޞީބާތްތައް ޢާންމުވުން ގިނަވެގެންދާނެ ކަމަށް އޮތް ބަސްފުޅުގެ ތެދުކަން މިއަދު މުޅި ދުނިޔެވެސް ޤަބޫލުކުރެއެވެ. ކާފިރުން ޤަބޫލުނުކުރަނީ ޙަދީޘްފުޅެވެ. އެކަމަކު ޙަދީޘްފުޅުގައި ބަޔާންކުރައްވަޥާފައިވާ ކަންކަން ގިނަވެ ޢާންމުވެ ފެތުރިއްޖެކަމަށް ކާފިރުންވެސް ޤަބޫލުކުރެއެވެ. އަދި އެކަންކަމަށް އިޢްތިރާފްވެ ރިޕޯޓްތައްވެސް ގެންދަނީ ނެރެމުންނެވެ.
ކުޑަކުޑަ މިޘާލެއްގެ ގޮތުން ބުނެލަމެވެ. ދުންފަތުގެ އިސްތިޢްމާލްކުރުމަކީ ޙަރާމްކަމެއްކަމަށް ބުނުމުން ދެކޮޅު ހަދައިފާނެއެވެ. ނަމަވެސް ދުންފަތުގެ އިސްތިޢްމާލްކުރާ މައިންނަށް ލިބޭ ދަރިން އުފަންވާއިއރުވެސް އެކަމުގެ ސަބަބުން ބޮޑެތި ބަލިތައް ޖެހިފައިހުންނަކަން ޤަބޫލުކުރެއެވެ. އަދި ކުއްޖާގެ ގާތުގައި ދުންފަތުގެ އިސްތިޢްމާލުކުރުމުންނާއި ދުންފަތުގެ އިސްތިޢްމާލްކުރާ މީހުން ލާނޭވާއިން ތުއްތު ދަރިންގެ ޞިއްޙަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭކަން ޤަބޫލުކުރެއެވެ.
ޒިނޭކުރުމާއިމެދުވެސް އޮތީ ހަމަ މިފަދަ ގޮތެކެވެ. ޒިނޭ ކުރުމަކީ ޙަރާމް ކަމެއްކަމަށް ކާފިރުން ޤަބޫލެއް ނުކުރެއެވެ. ނަމަވެސް ކައިވެނީގެ ބޭރުން ހިންގާ ޖިންސީ ގުޅުމުގެ ސަބަބުން ބޮޑެތި ބަލިތައް ޖެހޭކަމާއި، އެފަދަ ބައެއް ބަލިތަކަށް ދޭނެ ފަރުވާއެއް ނެތްކަމާއި އެފަދަ ބަލިތަކުގައި ކޮންމެ އަހަރަކުވެސް އެތައް ހާސް މީހުން މަރުވަމުން އަންނަކަން ކާފިރުންވެސް ޤަބޫލުކުރެއެވެ.
މީސްތަކުންނޭވެ! މިފަދަ ހުރިހާ ކަންކަމަށް ވިސްނައިލުމުންވެސް އެނގެނީ އިސްލާމް ދީނުގެ މަތިވެރިކަމެވެ. ޤުރްއާނާއި ޙަދީޘް ބަސްފުޅުތަކުގެ ތެދުކަމެވެ. އެއީ ޙަޤީޤަތް ކަމެވެ. ކާފިރުން ވެސް އެގެންދަނީ އެކަންކަމުގެ ތެދުކަމަށް އެއްބަސްވެ ހެކިވަމުން ކަމެވެ.
ހިތާމައަކީ މުސްލިމުންނަށް މިކަންކަމަށް ވިސްނައިނުލެވޭ ކަމެވެ. ޙަޤީޤަތް އެނގިތިބެވެސް ﷲ ތަޢާލާގެ މަގުން އެއްކިބާވެވިގެން އުޅެވޭ ކަމެވެ. ޙަރާމް ކުރައްވަވާފައިވާ ކަންކަން ކުރެވޭކަމެވެ. ވީމާ އަހުރެންގެ އިލްތިމާސަކީ ވިސްނައި ފިކުރުކުރުމެވެ. އާޚިރަތް ކާމިޔާބުކުރެވޭނެ މަގުން ޢަމަލުތައް ބެހެއްޓުމެވެ. އާޚިރަތް ދުވަހު ނަރަކައިން ސަލާމަތްވެވޭނީ އެއިރުން ކަމުގައިވާތީއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން