ދަމުނަމާދަށާ ފަތިސްނަމާދަށް ހޭލެއްވުން- މޫނަށް ފެންޖަހައިގެންވެސް ކުރަންޖެހޭ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 1ސ
ދަމުނަމާދަށާ ފަތިސްނަމާދަށް ހޭލެއްވުން- މޫނަށް ފެންޖަހައިގެންވެސް ކުރަންޖެހޭ ކަމެއް!

ދަމުނަމާދުކުރާށާ ޛިކުރުކުރާހިތްނުވާ މީހުން އެކަމަށް ހިތް ޖައްސަން ޢަމަލުކުރާނީ ކިހިނެއްތޯ ބައެއް މީހުން ސުވާލުކުރެއެވެ.  

ފުރަތަމަ ކަމަކީ ނަމާދަށް ފިރިމީހާ ހޭލައްވާނަމަ އެއީ އަނބިމީހާގެ ހެޔޮކަމެވެ. ނަމަވެސް އަނބިދަރިން ނަމާދަށް ހޭލެއްވުމަކީ ފިރިމީހާ ކުރަން ރަސޫލް ޙަދީޘްކުރައްވަވާފައިވާ ކަމެކެވެ.  

އިމާމް  މާލިކުގެފާނު ރިވާކުރައްވާގޮތުގައި ރަސޫލް އެކަލޭގެފާނުންގެ އަނބިކަނބަލުން މޫނުފުޅުގައި ފެންލައްވަވައިގެން ދަމުނަމާދު ކުރެއްވުމަށްޓަކާ ހޭލައްވަވަތެވެ. އަދި ޙަދީޘުކުރައްވާފައި އެވެ. 

كَمْ مِنْ كَاسِيَةٍ فِي الدُّنْيَا عَارِيَةٌ يَوْمَ الْقِيَامَةِ أَيْقِظُوا صَوَاحِبَ الْحُجَرِ  

މާނައީ:

ދުނިޔޭގެ ނިޢުމަތާއި އަރާމުގައި އުޅެފައިވާ ވަރަށް ގިނަމީހުން އާޚިރަތުގައި ބޭޒާރުވެ ނިކަމެތިޙާލުގައި އުޅެން ދިމާވާނެއެވެ. އެހެންކަމުން ތިއަބައިމީހުން އަނބިދަރިން ނިދީން ހޭލައްވާ ދަމުނަމާދަށް ތެދުކުރާށެވެ.

(އިމާމު މާލިކާއި އަޙްމަދާއި ބުޚާރީއާއި ތިރްމިޛީ) 

މިޙަދީޘްފުޅެން ޙާޞިލުކުރަންޖެހޭ އެހެންކަމެއްވެސްވެއެވެ. އެއީ ގަދަކަމުން ނަމަވެސް ހެޔޮ ޢަމަލުކުރަން މަސައްކަތްކުރަންޖެހޭކަމެވެ. ރަސޫލް އެކަލޭގެފާނުންގެ އަނބިކަނބަލުން މޫނުފުޅުގައި ފެންލައްވަވައިގެން ދަމުނަމާދު ކުރެއްވުމަށްޓަކާ ހޭލައްވަވާކަން އެއީ އެއީ ކުރަންޖެހޭ ކަމެއްކަން އަންގައިދޭ ކަމެކެވެ.  

ބައެއް މީހުން ހެނދުނާއި ހަވީރުގެ ޛިކުރުތައް ކިޔަން ފޫހިވެއެވެ. އެކަން ކުރާހިތެއްވެސް ނުވެއެވެ. އެފަދަ މީހުން ގަދަކަމުން ނަމަވެސް އެކަންކުރަންފަށާށެވެ! އެކަންކުރަން ފެށުމުން އެކަމަށް ހިތްޖެހިގެން ހިގައިދާނެއެވެ. އިން ޝާ ﷲ  

ހަމަ އެޢާއިއެކު ވިސްނައިލަންވީ ކަމަކީ ފަތިސް ނަމާދަށް ނުހޭލާނަމަވެސް ފެންޖަހައިގެންވެސް ހޭލައްވަން ޖެހޭ ކަމެވެ. އެހެނީ ދަމުނަމާދަކީ ސުންނަތް ނަމާދެކެވެ. ފަތިސްނަމާދަކީ އެމީހާ އަދާކުރަންޖެހޭ ފަރުޟެކެވެ. ވީމާ ނަމާދަށް ހޭލައްވަން މަސައްކަތްކުރުމުން ނުހޭލެވޭ މީހުންގެ މޫނަށް ފެންޖެހިނަމަވެސް ރުޅި ނުއަންނާށެވެ! އެއިގެ ބަދަލުގައި އެއީ ކޮށްދިން ހެޔޮކަމެއް ކަމަށް ބަލައި ޝުކުރުވެރިވާށެވެ!  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން