ތަނަވަސްކަމާ ބާރު ދެއްވެވުމުން ނިކަމެތިންނާ އެކަހެރިވުމަކީ ﷲ ތަޢާލާގެ ލައްނަތް ޙައްޤުވާނެ ކަމެއް-: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 32ސ
ތަނަވަސްކަމާ ބާރު ދެއްވެވުމުން ނިކަމެތިންނާ އެކަހެރިވުމަކީ ﷲ ތަޢާލާގެ ލައްނަތް ޙައްޤުވާނެ ކަމެއް-: މުފްތީ މެންކް

ނިކަމެތިން ކަމުގައި އަހުރެން މާނަ މިކުރަނީ ޙަޤީޤީ ނިކަމެތިންނެވެ. އެއީ ﷲ ތަޢާލާގެ އަޅުތަކުންގެ ތެރެއިން ބޭނުންތައް ނުފުދި އެހެން މީހުންގެ އެހީތެރިިކަމަށް އެދެން މަޖުބޫރުވެފައިވާ މީހުންނެވެ. ދަތިޙާލުގައި ދިރިއުޅެންޖެހިފައިވާ މީހުންނެވެ. 

އެފަދަ މީހުންނަށް ފުރަގަސްދީ، ޖަވާބުނުދީ، އެމީހުންނާއި ކުރިމަތިނުލައި އުޅޭ މީހުންނަކީ ﷲ ތަޢާލާގެ ލަޢްނަތް ޙައްޤުވެގެންވާ ބައެއްކަން ކީރިތި ޤުރްއާނުން އެނގެން އެބައޮތެވެ. ވީމާ މިއީ ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ ކަމެކެވެ. 

ތަނަވަސްކަމާއި ބާރު ދެއްވަވަނީ ﷲ ތަޢާލާއެވެ. ތިބާއަށް ތަނަވަސްކަމާއި ބާރު ދެއްވަވާފައިވާނަމަ އެކަންކަން މިންވަރުކޮށްދެއްވެވީވެސް ހަމަ ﷲ ތަޢާލާއެވެ. އެކަންކަން ތިބާއަށް މިންވަރު ނުކުރެއްވެވިނަމަ ތިބާވެސް ވެގެންދާނީ ހަމަ އެފަދަ ނިކަމެތިންގެ ތެރެއިންނެވެ. 

ނަމަވެސް ގިނަ ބައަކަށް އެކަންކަމެއް ނުވިސްނެއެވެ. ތަނަވަސްކަން ލިބިއްޖެނަމަ ވެވެނީ ޤާރޫނަކަށެވެ. ޤަބޫލުކުރެވެނީ މިއީ ތިމާގެ މޮޅުކަމުން ހޯދައިގަނެވުނު ތަނަވަސްކަމެއް ކަމުގައެވެ. ބާރެއް ދެއްވަވައިފިނަމަ ވެވެނީ ފިރިއަޢުނަކަށެވެ. ހީކުރެވެނީ އެޢިއްޒަތުގައި ތާއަބަދަށް ދެމިހުރެވޭނެ ކަމަށެވެ. 

މީސްތަކުންނޭވެ! މިހުންނަނީ ހާދަހައިވާ ނުބައިކަންބޮޑު ވިސްނުންތަކެވެ. މިފަދަ ސިފަތައް ހުރިނަމަ އަވަހަށް ތައުބާވާށެވެ! ފާފަތައް ފުއްސަވައި ދެއްވެވުމަށް އެދިގެން ދުޢާކުރުން ގިނަކުރާށެވެ. 

ނިކަމެތިންގެ ބޭނުންތައް ފުއްދައިދޭށެވެ. އެމީހުންނަށް ހިތްހަމަޖެހުން ހޯދައިދޭށެވެ. ނިކަމެތިންނަށް ހެޔޮކޮށްހިތައި ނިކަމެތިންގެ ހިތްހަމަޖައްސައިދިނުމަކީ އެމީހަކަށް އިމެއް މިނެއް ނެތި ﷲ ތަޢާލާ ރަޙްމަތް ލައްވަވާނެ ކަމެކެވެ. އުފާވެރިކަން ދެއްވަވާނެތެވެ. ތަނަވަސްކަން އިތުރުކުރައްވަވައި ދެއްވަވާނެތެވެ. 

ހަމަ އެއާއިއެކު ނިކަމެތިންގެ ދުޢާއަށް ސަމާލުވާށެވެ! އެމީހުންގެ ހެޔޮދުޢާއިން ތިބާއަށް ރަޙްމަތް ލައްވަވާނެތެވެ. އެމީހުންގެ ބަދު ދުޢާ ލިބޭނަމަ އެމީހަކު ނިކަމެތިކުރައްވަވާނެތެވެ. މިހުރީ އެނގެން ހުރި ޔަޤީންކަންކަމެވެ. އިން ޝާ ﷲ 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން