ގިނަބައަކު ކުރާތީ އެއީ ފާފައެއް ނޫންކަމަށް ޤަބޫލުކުރެވިއްޖެ މީހަކަށް ޖެހޭނީ ﷲ ގެ ޢަޛާބާ ކުރިމަތިލާން!: ބިލާލް އައްސަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
ގިނަބައަކު ކުރާތީ އެއީ ފާފައެއް ނޫންކަމަށް ޤަބޫލުކުރެވިއްޖެ މީހަކަށް ޖެހޭނީ ﷲ ގެ ޢަޛާބާ ކުރިމަތިލާން!: ބިލާލް އައްސަދު

ތިބާއަކީ ސްކޫލެއް ނުވަތަ ކޮލެޖެއްގައި ކިޔަވާ ދަރިވަރަކަށްވެދާނެއެވެ. އަދި ވަޒީފާއަދާކުރާ ޒުވާނަކަށްވެސް ވެދާނެއެވެ. ނުވަތަ ބޮޑުމީހަކަށްވެސް ވެދާނެއެވެ. އުޅޭ މާޙައުލުން ފެންނަނީ ލޯބިވެރިން އެކުގައި އުޅެ ކަންކަންކުރާ ތަނެވެ. އިވެނީ ލޯބިވެރިންނާއިއެކު ފާޙިޝް ޢަމަލުތައް ކުރާ ވާހަކައެވެ. 

ދެން މިވާގޮތަކީ މަޑުމަޑުން ގޮސްގޮސް އެކަންކަން ކުރަން ޝައުޤުވެރިވެވެނީއެވެ. އެކަންކަން ކުރަން ހިތްޖެހެނީއެވެ. އެކަންކަން އެއީ އެންމެން ކުރާ ކަމަކަށްވާތީ ކުރެވެން ފަށަނީއެވެ. އެންމެން ކުރާ ކަމަކަށްވުމުން އެއީ ފާފައެއް ނޫންކަމަށް ޤަބޫލުކުރެވެން ފަށަނީއެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ދުނިޔޭގެ އެންމެން އެކުގައި ނުކުމެ މަގުމަތީގައި ކުރިނަމަވެސް ފާފައެއް ވާނީ ހަމަ ފާފައަކަށެވެ. މުންކަރާތެއް ވާނީ ހަމަ މުންކަރާތަކަށެވެ. އެކަމެއް ކުރި ކޮންމެ މީހެއްގެ ފަތުގައި އެއީ އެމީހަކުކުރި ފާފައެއް ކަމުގައި ލިޔުއްވަވާނެތެވެ. ޤިޔާމަތް ދުވަހު ތިބާގެ ފަތް ތިމާގެ އަތަށް ދެއްވެވުމުން ހުޅުވައި ބަލާއިރު އެއީ ތިމާއަށް ކުރެވުނު ފާފައެއްގެ ގޮތުގައި ލިޔެވިފައި އޮންނާނެއެވެ. ޙައްޤު ޖަޒާ އާއި ކުރިމަތިލާން ޖެހޭނެއެވެ. 

ވީމާ ކިތަންމެ ގިނަ ބައަކު ކުރި ނަމަވެސް އެއްވެސް ފާފައަކީ ފާފައެއް ނޫންކަމަށް ހީނުކުރާށެވެ! ޤުރްއާނާއި ސުންނަތުގައިވާ އެއްވެސް ޙުކުމްފުޅަކަށް އެއްވެސް ޒަމާނެއްގައި އެއްވެސް ބަދަލެއް ނުއަންނާނެއެވެ. ދުނިޔެ ދެމިއޮތްހައި ދުވަހަކު އެއްވެސް ބަދަލެއް ނުގެނެވި ދެމިއޮންނާނެ ފޮތެއްކަމުގައި ﷲ ތަޢާލާ ޤުރްއާން ލައްވަވައި އެފޮތް ޙިމާޔަތް ކުރައްވވާފައި އެވަނީ މި ސަބަބަށްޓަކައެވެ. ﷲ ތަޢާލާގެ ޙުކުމްފުޅުތައް ހުރިހާ ޒަމާނެއްގައި ދުނިޔޭގައި އުޅޭ މީހުންނަށްވެސް ސާފުކޮށް ބަޔާންކުރައްވަވައި ދެއްވެވުމަށެވެ. 

މިކަންކަން އޮޅުވައި ނުލާށެވެ! ޤުރްއާން ކިޔަވާށެވެ! މާނަދަސްކުރާށެވެ! ޙަރާމްކުރައްވަވާފައިވާ އެއްވެސް ކަމަކަށް އަރައިނުގަންނާށެވެ! ކުރިން މިބުނި ފަދައިން ދުނިޔޭގައި އުޅޭ އެންމެން ޒިނޭކުރިނަމަވެސް ރިބާ ކެއިނަމަވެސް އަދި އެނޫން ފާފައެއް ކުރިނަމަވެސް ﷲ ތަޢާލާގެ ޙުކުމްފުޅަކަށް އެއްވެސް ބަދަލެއް ނުއަންނާނެއެވެ. ފާފައެއް އަބަދުވެސް ދެމިއޮންނާނީ ފާފައެއްގެ ގޮތުގައެވެ. 

ވީމާ ތިމާ ކުޅަ ހުރިހާ ޢަމަލުތައް ލިޔެވިގެންވާނެ ތިބާގެ ފަތް ތިމާގެ އަތަށް ދެއްވެވޭނެ ދުވަހަށް ބިރުވެތިވާށެވެ! އެކަން މިއަދު ނުކުރެވިއްޖެނަމަ އެދުވަހުން ކުރަންޖެހޭނެ ހިތާމައަށް ބިރުވެތިވާށެވެ! 

- ބިލާލް އައްސަދުގެ ދަރުސަކުން 

މިއަދު އޮންލައިން