އަމިއްލައަށް އުމުރުގައި މިން އަޅައިގެން އުޅޭ މީހުންނަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟ އެއީ ފަހުން ނޫނީ މާދަމާ ހެޔޮ އަމަލުތައް ކުރަން މަޑުކޮށްގެން ތިބޭ މީހުންނެވެ. ހިތަށް އެރިހައި ގޮތަކަށް، ހިތަށް އެރިހައި ކަމެއްކޮށްގެން މިއަދު އުޅެމުންދާ މީހުންނެވެ. އެމީހުންގެ ވާހަކައިން ހީވާނީ މަރުވާނެ ދުވަސް އެމީހުންނަށް އެނގޭހެންނެވެ. ހަޤީޤަތަކީ އެއީ އެއްވެސް މީހަކަށް އެނގޭނެ ކަމެއް ނޫން ކަމެވެ.
މީސްތަކުންނޭވެ! މިއަދު އެންމެންވެސް މިތިބީ ވަރަށް ބޮޑު ތަދުމަޑުކަމެއްގެތެރޭގައެވެ. ވަރަށް ބޮޑެތި ދަތިތަކާއިއެކުގައެވެ. މިހާލަތުން އަރައިގަތުމަށްވެސް ކުރަންޖެހޭ ފުރަތަމަ އެއްކަމަކީ ޢުމުރުގަ މިންއެޅުން ހުއްޓައިލުމެވެ! މިއަދު ހަމަ މިހިނދުގައި ތިމާވެސް މަރުވެދާނެކަން ހިތުގެ އަޑިން ޤަބޫލުކުރުމެވެ. ނަރަކައިން ސަލާމަތްވާން ގަދައަޅައި މަސައްކަތްފަށާށެވެ!
ﷲ ތަޢާލާވަނީ ކޮންމެ މީހަކަށްވެސް އިޚްތިޔާރުތަކެއް ދެއްވަވައިފައެވެ. ވީމާ ތިމާ ވާނީ ސުވަރުގޭގެ އަހުލުވެރިންގެ ތެރޭގައިތޯ ނޫން ނަމަ ނަރަކައިގައި އޮވެ އަނދަމުންދާ މީހަކަށްތޯ ގޮތެއް ނިންމައި އިޚްތިޔާރު ކުރުކުރުމުގެ ބާރު ކޮންމެ އިންސާނަކަށް ވެސް ވަނީ ދެއްވަވައިފައެވެ.
ހަމައެއާއިއެކު ނަރަކައިގައި ހުރި ގަދަފަދަ ޢަޛާބުތަކާއި ސުވަރުގެއިން ދެއްވަވާނެ މަތިވެރި ނިޢްމަތްތައް ﷲ ތަޢާލާ ވަނީ ޤުރްއާނުގައި ވަރަށް ތަފްޞީލުކޮށް ބަޔާންކުރައްވަވައިފައެވެ. ޔަޤީން ކަމަކީ ސުވަރުގެ ވަދެވޭނީ އެކަމަށް އެދި ގަދަ އަޅައި މަސައްކަތްތަކެއް ކޮށްގެން ކަމެވެ.
ހިތާމައަކީ ކިތަންމެ ގިނައިން ދެއްކި ނަމަވެސް ގިނަ ބައަކަށް މިބާވަތުގެ ވާހަކަތަކުގެ އަޑުވެސް ނުއިވޭތީއެވެ! އަޑު އިވުނު ނަމަވެސް ހަނދާނުގައި ނުބަހައްޓާތީއެވެ! އަމަލު ނުކުރާތީއެވެ! އަމިއްލައަށް އުމުރުގައި މިން އަޅައިގެން އުޅޭ މީހުން މުސްލިމުންތެރޭގައިވެސް ގިނަވަމުންދާތީއެވެ.
--އސްލާމީ ތިލަފަތުގެ ދަރުސަކުން