ރަމަޟާން މަހަށް ފިރިހެނުންގެ ހެދުންތައް ނަމާދު ޞައްޙްވާނެ، އަދި ނަމާދުކުރަން ފަސޭހަވާނެ ގޮތަށް ބެހެއްޓުން- ސަމާލުކަންދޭންޖެހިފައިވާ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ރަމަޟާން މަހަށް ފިރިހެނުންގެ ހެދުންތައް ނަމާދު ޞައްޙްވާނެ، އަދި ނަމާދުކުރަން ފަސޭހަވާނެ ގޮތަށް ބެހެއްޓުން- ސަމާލުކަންދޭންޖެހިފައިވާ ކަމެއް!

ފުރަތަމަ މިދިއަ ހުކުރު ދުވަހު ފެނުނު ކަމެއްގެ ވާހަކަ ދަންނަވައިލާނަމެވެ. 

ހުކުރަށް ގޮސް ހަމަ ރަނގަޅަށް ޖާގަ ލިބިގެން ތަނބެއްގެ ކައިރީގައި އިން ޒުވާނެކެވެ. އިނދެވުނު ގޮތުން ލައިގެންހުރި ޖިންސް ތިރިވާން ފަށައިފިއެވެ. ގަމީސް ބާރުކަމުން މައްޗަށް އަރަން ފަށައިފިއެވެ. އިރުކޮޅަކުން ފެނުނީ ކަޝްފްވެގެން ނުވާނެ މިންވަރަށް ހަށިގަނޑު ކަޝްފްވެފައި ހުއްޓައެވެ. 

ވަށައިގެން ތިބި މީހުންނަށް ބަލައިލިއިރު ނުރުހިގެން ނަމަވެސް އޭނާއަށް ބަލައި ކަޅިއަޅަނީއެވެ. އެކަމުގެ ސަބަބުން އެމީހުންވެސް ފާފަވެރިވަނީއެވެ. އެހިސާބުން ޖެހުނީ ތެދުވެގެންގޮސް ހެދުން ރަނގަޅުކޮށް އަޢުރަ ނިވާކުރަން ނަޞޭޙަތްދޭށެވެ. 

ނަޞީބަކުން އެޒުވާނާ ނަޞޭޙަތް ޤަބޫލުކުރިއެވެ. ކަންކަން ރަނގަޅުކުރިއެވެ. އެހެންކަމުން ކަންކަން އެގޮތަށް ވެގެން އެދިއައީ އޭނާއަށް ނުއެނގިކަން އެނގުނެވެ. 

ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި ހަށިގަނޑުގެ ބައްޓަން އެނގޭ، ވަނާތައް ހާމަވާނެ ގޮތަށް ފޭރާން ލައިގެން ނަމާދުކުރިނަމަވެސް އެ ނަމާދު ޞައްޙަ ނުވާނެ އެވެ. 

އެކަމުގައި އަންހެނެއް ފިރިހެނެއް ތަފާތުވުމެއް ނެތެވެ.

އެއިގެ އިތުރުން ގައަށް ބާރު ޖީންސް ފަދަ ތަކެތި ލައިގެން ނަމާދުކުރާއިރު ކަކުލު ހުޅުވެ ރުކޫޢުކުރަން އުނދަގޫވާނެއެވެ. ސަޖިދަކުރާށާއި ދެސަޖިދަމެދުގައި އިނުން، އައްތަޙިއްޔާތަށް އިނުން ފަދަ ކަންކަން ކުރަންވެސް އުނދަގޫވާނެއެވެ. އިންނަން އޮތް ގޮތަކަށް ނުއިނދެވޭނެއެވެ.

ރަމަޟާން މަހަކީ ތަރާވީޙް ނަމާދުވެސް ކުރާނެ މަހެވެ. ވީމާ މިކަންކަމަށް ވިސްނައި ލާހެދުންތައް ނަމާދު ޞައްޙަވާނެ، އަދި ފަސޭހައިން ނަމާދުކުރެވޭނެ ހެދުންތަކަކަށް ހެދުން ވަރަށް މުހިންމެވެ. މިކަމުގައި މައިން ބަފައިން ދަރިންނަށް އެހީތެރިވެދިނުންވެސް ވަރަށް މުހިންމެވެ. އެއީ މައިންބަފައިން އަދާކުރަންޖެހޭނެ ވާޖިބެކެވެ.

މިއަދު އޮންލައިން