އެއީ ފާޙިޝް ޢަމަލުކުރުމާ މަސްތުވާތަކެތި ބޭނުންކުރުމަށްވުރެވެސް ނުބައިކަންބޮޑު ފާފައެއް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 4ސ
އެއީ ފާޙިޝް ޢަމަލުކުރުމާ މަސްތުވާތަކެތި ބޭނުންކުރުމަށްވުރެވެސް ނުބައިކަންބޮޑު ފާފައެއް!: މުފްތީ މެންކް

މުސްލިމަކު ޝިރުކެއް ނުކުރާނެއެވެ. ވީމާ ޝިރުކުރުމުގެ ވާހަކަ ގިނަ ބައަކު ނުވެސް ދައްކާނެއެވެ. އެންމެ ގިނައިން ކުރެވޭ ބޮޑެތި ފާފަތަކުގެ ވާހަކަ ދައްކާނަމަ އެންމެ ގިނައިން ދައްކާނީ ފާޙިޝް ޢަމަލުތައް ކުރުމާއި މަސްތުވާތަކެތި، ބަނގުރާ ފަދަ ތަކެތި ބޭނުންކުރުމުގެ ވާހަކައެވެ. 

އެކަމަކު އެފަދަ ބޮޑެތި ފާފަތަކަށްވުރެވެސް މާބޮޑު ފާފައެއް އެބަ ކުރެވެއެވެ. ގިނަ ބައަކަށް އެ ފާފަ ކުރެވެނީ މިކުރެވެނީ އެހައި ބޮޑު ފާފައެއް ކަމާއިމެދު ވިސްނައިވެސް ނުލައި ތިބެގެންނެވެ. މިވާހަކަ ގިނަގިނައިން ދައްކަން މިޖެހެނީވެސް އެހެންވެގެންނެވެ. 

މީސްތަކުންނޭވެ! މީހަކަށް ފާފަތައް ކުރެވެމުން އައިސް ޢުމުރުން 70 އަހަރުވާފަހުން ނަމަވެސް އެކަން ވިސްނި ތައުބާވުމަށް އެދޭމީހާ ތައުބާވުމަށްޓަކައި އޮތީ އިޚްލާޞްތެރިކަމާއިއެކު ހަމަ އެންމެ ފަހަރަކު ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވައިލުމެވެ. އެމީހެއްގެ ތައުބާ ޤަބޫލުފުޅު ކުރައްވަވާނެތެވެ. އިން ޝާ ﷲ އެއަށްފަހު ފާފަތައް ފުއްސަވައި ދެއްވެވުން އެދި ގިނަގިނައިން ކޮންމެ ދުވަހަކުވެސް ދަންނަވަމުން ގެންދަންވީ ފާފަތައް ފުއްސަވައި ނުދެއްވަވާތީއެއް ނޫނެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި ތިމާގެ ދަރަޖަ މަތިވެރިކުރުމަށެވެ. 

އެކަމަކު މީހާ ތައުބާވުމުން އިތުރު މައްސަލައެއް ކުރިމަތިވެއެވެ. އެއީ ޝައިޠޯނާ މާޔޫސްވުމެވެ. ޝައިޠޯނާ މާޔޫސްވީމާ ދެން އައިސް ބުނާނީ ކަލޭކުރި މިވެނި އެވެނި ފާފަތަކަކީ އެހެން ދަންނަވައިލާއިރަށް ފުއްސަވައި ދެއްވަވާވަރަށްވުރެ މާބޮޑެތި ފާފަތަކެވެ. ކަލޭގެ ފާފަތައް ފުއްސަވައެއް ނުދެއްވަވާނެއެވެ. 

އެގޮތަށް ވަސްވާސް ދިނުމުން ބައެއް މީހުން މާޔޫސްވެއެވެ. ﷲ ތަޢާލާގެ ރަޙްމަތާއިމެދު އުންމީދުކަނޑާލެވެއެވެ. ވީމާ އާދޭސްކޮށްފައި ބުނަމެވެ. އެގޮތަށް އެކަން ނުކުރާށެވެ! ﷲ ތަޢާލާގެ ރަޙްމަތާއިމެދު އުންމީދުކަނޑައިނުލާށެވެ! އެއީ ކުރިން ބުނި ފަދައިން އިންސާނަކަށް ކުރެވޭނެ އެންމެ ބޮޑު އެއް ފާފައެވެ. 

މިގޮތަށްވެސް ވިސްނައިލާށެވެ! ﷲ ތަޢާލާ ވަޙީކުރައްވަވާފައިވަނީ ތިމަން ﷲ އީ ގިނަގިނައިން ފާފަފުއްވައިދެއްވެވުމަށް ލޯބިފުޅުވެވޮޑިގަންނަވާ ރަސްކަލާނގެ ކަމަށެވެ. އަދި އެކަލާނގެ ނަންފުޅުތަކުގެ ތެރޭގައި މިފަދަ އެތައް ނަންފުޅެއް ހިމެނިގެންވެއެވެ. އެކަންކަން ޤަބޫލުނުކުރެވުމަށްވުރެ ބޮޑު ފާފައެއް ނުއޮންނާނެއެވެ.

އަދިވެސް ވިސްނައިލާށެވެ! މީހަކު ތައުބާވުމުން ފާފަފުއްސަވައި ނުދެއްވެވިކަން ޝައިޠޯނާއަށް އެނގޭނެ ގޮތަކީ ކޮބައިހެއްޔެވެ؟ އެކަމަކީ އެމީހަކާއި ﷲ ތަޢާލާ އާއި ދެމެދުގައި އޮތް ކަމެކެވެ. އެކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. ވީއިރު ޝައިޠޯނާއަށް އެކަން އެނގޭނެ އެއްވެސް ގޮތެއް ނުއޮންނާނެއެވެ. 

ވީމާ އަހުރެން އަބަދުވެސް ކުރާ އާދޭސް މިރޭވެސް މިތަކުރާރުކުރީ އެކަމުގެ މުހިންމުކަން ހަމަ ބޮޑުކަމުންނެވެ. ވިސްނައި ހޭލުންތެރިވާށެވެ! ޝައިޠޯނާގެ ވަސްވާސްތައް ޤަބޫލުކޮށް މަޅީގައި ނުޖެހޭށެވެ! 

- މުފްތީމެންކުގެ ދަރުސަކުން

މިއަދު އޮންލައިން