ތިމާ އާއި ވަކިވެގެން ނުދާނެ ތަނަވަސްކަން ލިބިގެން ނޫނީ އަރާމުގަ ނިދައިވެސް ނުލެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ތިމާ އާއި ވަކިވެގެން ނުދާނެ ތަނަވަސްކަން ލިބިގެން ނޫނީ އަރާމުގަ ނިދައިވެސް ނުލެވޭނެ!

3 އިރު ހަމައަށް ބަނޑުފުރާނަ މުއްތިކުރަން ނުލިބޭ ފަޤީރުން ލިބުނު މަދު އެތިކޮޅު ކާލައި، ދެން އޮތްބައަށް ފެންފޮދެއް ބޮއެލައިގެން ނިދަނީ އަރާމުގައެވެ. ނިދާލެއް ގަދަވެ ދަމާ ގުގުރީގެ އަޑުގަދަކަމުން މުޅިގެއަށް އަޑުއިވެއެވެ. 

ތަނަވަސްކަން ހުރުމުން "10 12 ވައްތަރުގެ ކޯސް ހިމެނޭ ކެއުންތައް" ކައިގެން ނިދަން އުޅޭ މީހުންނަކަށް ނުނިދެއެވެ. ނިދާބޭސް ކައިގެންވެސް ނުނިދެއެވެ. އެހެންވެ ސިކުނޑި ގޮއްވާލަން މަސްތުވާ ކޮންމެވެސް އެއްޗެއް ބޭނުންކުރަންވެސް ޖެހެއެވެ. 

މިވާގޮތަކާއިމެދު ވިސްނާލަމުހެއްޔެވެ؟ ރަނގަޅަށް ވިސްނާލުމުން އެނގޭނެއެވެ. ފަޤީރު މީހާއަށް އެ ނިދެނީ އޭނާ ﷲ ތަޢާލާ ދެކެ ލޯބިވާތީއެވެ. ދެއްވެވި މިންވަރަށް ޝުކުރުވެރިވާތީއެވެ. އޭނާކުރާ އަޅުކަމުން ހަކަތަ ލިބޭތީއެވެ. އޭނާއަށް ކާންލިބޭ މަދުއެތިކޮޅުގައި ބަރަކާތްލައްވަވާތީއެވެ. 

ލޮބުވެތިއަޚުންނާއި އުޚުތުންނޭވެ! ދިރިއުޅުމުގައި ކުރިމަތިލާންޖެހޭ މައްސަލަތަކުގެ ޙައްލަކީ އަތުގައި ފައިސާގިނަވުމެއް ނޫނެވެ. ތަނަވަސްކަން އިތުރުވުމެއް ނޫނެވެ. އެމީހެއްގެ ހިތުގައި ﷲ ތަޢާލާއަށް ލޯބި އިތުރުވުމެވެ. ހިތުގައި ﷲ ތަޢާލާއަށް ލޯބިއިތުރުވާނީ ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތްކުރިވަރަކުންނެވެ. 

ތަނަވަސްކަމަށް އެދެންވީ މިދުނިޔެއަކުން ނޫނެވެ. މިދުނިޔޭގައި ލިބޭ ތަނަވަސްކަމަކީ ވަުތީ ކަމެކެވެ. ދާދިއަވަހަށް ވަކިވެގެން ހިނގައިދާނެއެވެ. މަސައްކަތްކުރަންވީ އާޚިރަތް ދުވަހު ތިމާއަކީ ތަނަވަސް މީހަކަށް ވުމަށެވެ. އެކަން ޙާޞިލުކުރެވޭނީ ދުނިޔޭގައި ވީހައި ގިނައިން ހެޔޮ ޢަމަލުތައްކޮށްގެންނެވެ. 

އެންމެ ކުޑަމިނުން މުސްލިމް އަޚާއާއި ބައްދަލުވާހިނދު "އައްސަލާމްޢަލައިކުމް" ކިޔައި ސަލާމް ކުރުން ކަމުގައިވީނަމަވެސް ނުކޮށް ދޫކޮށް ނުލާށެވެ! އާޚިރަތް ދުވަހު ތިމާއަކީ ތަނަވަސް މީހަކަށް ވެވޭނީ އެއިރުންނެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން