ޠޯހިރު މުއްމިން އަންހެނެއްގެ ބޮލުގައި ޒިނޭކުރިކަމުގެ ތުހުމަތު އެޅުވުމަކީވެސް އެންމެ ބޮޑެތި ފާފަތަކުގެ ތެރެއިން ހިމެނޭ، ދުނިޔޭގަވެސް ޢަޛާބު ދެއްވަވާނެ ބޮޑުފާފައެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
ޠޯހިރު މުއްމިން އަންހެނެއްގެ ބޮލުގައި ޒިނޭކުރިކަމުގެ ތުހުމަތު އެޅުވުމަކީވެސް އެންމެ ބޮޑެތި ފާފަތަކުގެ ތެރެއިން ހިމެނޭ، ދުނިޔޭގަވެސް ޢަޛާބު ދެއްވަވާނެ ބޮޑުފާފައެއް!

މިހާރަކަށް އައިސް އެންމެ ބޮޑެތި ފާފަތަކަކީ ކޮބައިކަން ގިނަބައަކަށް ނުވެސް އެނގެއެވެ. ދަސްކުރަން ބޭނުމެއްވެސް ނުވެއެވެ. އެހެންވެ އެއްވެސް ކަމަކަށް ނުހަދައި އެންމެ ބޮޑެތި ފާފަތައް ކޮށްލަނީ ޖެހިލުމެއް ނެތިއެވެ.  

ދަންނާށެވެ! ޢިއްފަތްތެރި މުއުމިން އަންހެނެއްގެ ބޮލުގައި ޒިނޭގެ ތުހުމަތު އެޅުވުމަކީ އެންމެ ބޮޑު އެއްފާފައެވެ. އާޚިރަތުގެ އިތުރުން މިދުނިޔޭގައިވެސް ޢަޛާބު ދެއްވަވާނެ ބޮޑު ފާފައެކެވެ.  

ތެދެކެވެ. ޒިނޭކުރާ އަންހެނުން ގިނަވެއްޖެއެވެ. އެއިގެ މާނައަކީ ހުރިހާ އަނހެނުންގެ ބޮލުގައި ޒިނޭގެ ތުހުމަތު އަޅުވަންޖެހުމެއް ނޫނެވެ. އަދި އެއީ ހުރިހާ އަނހެނުންގެ ބޮލުގައި ޒިނޭގެ ތުހުމަތު އަޅުވަން ޖެހެންވީ ސަބަބެއް ނޫނެވެ.  

ވިސްނައިލާށެވެ! ގިނަ އަންހެނުން ޒިނޭކުރަނީއެވެ. އެހެނަސް ﷲ ތަޢާލާއަށް ބިރުވެތިވެ އަނެއްބައަކު ޒިނޭނުކުރަނީއެވެ. އެހެންކަމަށްވާއިރު ﷲ ތަޢާލާއަށް ބިރުވެތިވެ ޒިނޭ ނުކުރާ އަނހެނުންގެ ދަރަޖަ ﷲ ތަޢާލާގެ ޙަޟްރަތުގައި މަތިވެރިވެގެންދާނެ މިންވަރު ނިކަން ދެކިބަލާށެވެ!  

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ދުރުހިލޭ މީހުންގެ އިތުރުން އަމިއްލަ ގޭގައިވެސް އަނހެނުންގެ ބޮލުގައި ޒިނޭގެ ތހުމަތު އެބަ އަޅުވައެވެ. ސީދާ އެބަސް އެގޮތަށް ނުބުނެ "ކަލޭ މިވެނި މީހަކާއިއެކު ކުރީ ކީއްތޯ؟" އެބަ ސުވާލުކުރެއެވެ.  

މިކުރެވެނީ ކޮންކަމެއް ހެއްޔެވެ؟ ހަމަ ޒިނޭގެ ތުހުމަތު އެޅުވުން ނޫން ހެއްޔެވެ؟ ބަދުނާމުކުރުމާއި އަގުވައްޓައިލުމުގެ އިތުރުން އެހެން މީހުންގެ ހިތުގައި އޭނާއާއިމެދު ޝައްކުތައް އުފައްދުވަނީ ނޫން ހެއްޔެވެ؟ މިހިރީ ހާދަބޮޑެތި ކަންކަމެވެ. އަރައި މިގަނެވެނީ އެންމެ ބޮޑެތި ފާފަތަކަށެވެ! 

މީސްތަކުންނޭވެ! އަންހެނެއްގެ ނުވަތަ ފިރިހެނެއްގެ ބޮލުގައިވިޔަސް ދޮގު އިލްޒާމެއް އެޅުވުމަކީ މިހާރު ވަރަށް ފަސޭހައިން ކުރެވެން އޮތް ކަމެކެވެ. ސޯޝަލް މީޑިއާގައި ކޮމެންޓެއްކޮށްލިނަމަވެސް އެއޮތީ އެމީހެއްގެ ބޮލުގައި އިލްޒާމް އެޅުވިފައެވެ. ދަންނާށެވެ! ދުލުން ނުބުނެ މިބުނި ފަދަ ގޮތަކަށް ނަމަވެސް ދޮގު އިލްޒާމެއް އަޅުވައިފިނަމަ އެމީހަކަށް އެކަމަށް ޙައްޤު ޖަޒާ ﷲ ތަޢާލާ ދެއްވަވާނެތެވެ.  

ވީމާ އަންނަ ރުޅީގައި މިބަޔާންކުރި ފަދަ ބޮޑެތި ފާފަތަކަށް އަރައިނުގަންނާށެވެ! ﷲ ތަޢާލާއަށް ބިރުވެތިވާށެވެ!  

- ޝައިޚް މުޙައްމަދު އަލްނަޤްވީގެ ދަރުސަކުން  

 

މިއަދު އޮންލައިން