ދުނިޔޭގައި އަމިއްލައަށް މޮޔަވާ މީހުންގެ ތެރެއިން އެންމެ ނުރައްކައުތެރިކަންބޮޑު މީހުންގެ ތެރޭގައި މަސްތުވާ އެއްޗެތި ބޭނުންކުރާމީހުންނާއި ދުންފަތުގެ އިސްތިޢްމާލްކުރާ މީހުން ހިމެނެއެވެ. އެމީހުންގެ ނުރައްކައުތެރިކަން އެހާބޮޑުވާ ސަބަބަކީ އެމީހުންނަކީ އެމީހުންގެ ކިބައިގައި އެއްވެސް އާރެއް ބާރެއް ނުހުންނަ ބައަކަށްވެފައި އެމީހުންގެ ހުރިހާ ބާރެއް އެމީހުންކުރާ އެޢަމަލުތަކާއި ގުޅިފައިވާތީއެވެ.
ވީމާ ފުރަތަމަ ބުނަން ބޭނުންވަނީ ﷲ ތަޢާލާ ޙަރާމް ކުރައްވަވާފައިވާ ތިއަ ކަންކަން ކުރުން އަވަހަށް ހުއްޓައިލާށެވެ. ހުރިހާ ގޮތަކުންވެސް އެންމެ ރަނގަޅު ގޮތަކީވެސް އެންމެ ފައިދާބޮޑު ގޮތަކީވެސް އެއީއެވެ.
ހަމައެކަނި ދުންފަތުގެ އިސްތިޢްމާލުކުރާ މީހުންނަށް ބުނެލަން އޮތީ މިހާރުންސުރެ ސިގިރެޓެއް ދެތިން ބުރިއަށް ބުރިކޮށްގެން ނަމަވެސް ބޭނުންކުރާ މިންވަރު މަދުކުރާށެވެ! ހަށިގަނޑު ތެރެއަށް ފޮނުވޭ، ފުއްޕާމެއަށް ފޮނުވޭ ދުންތަކުގެ ޢަދަދު މަދުކުރާށެވެ.
ސަބަބަކީ ކުއްލިއަކަށް ހުއްޓާލުމުން އެމީހާގެ ހުރިހާ ކަމަކަށް އެކަމުން އަސަރުކުރާނެތީއެވެ. ހަޤީޤަތުގައި ނުކައިހުންނަން ޖެހުމަށްވުރެ އެމީހުންނަށް ބޮޑަށް އުނދަގޫވާނީ ދުންފަތުގެ އިސްތިޢްމާލް ނުކޮށް ތިބެންޖެހުމުންނެވެ.
ރޯދައަށް ތިބޭއިރު ގިނަ ބައަކު އިންތިހާއަށް ރުޅިގަދަވެ ދުލުން ނުބައި ބަސްތައް ބުނެވި އަތުންފައިން ގޯސް ހެދެނީ ދުންފަތަށް އެމީހުން އަޅުވެތިވެފައިތިބޭވަރުންނެވެ. އެމީހުންގެ ހުރިހާ ބާރުތަކެއް ދުންފަތާއި ގުޅިފައިވާތީއެވެ. އެމީހުންނަކީ ބަނޑުފުރެންދެން ކެއިނަމަވެސް ދުންފަތުގެ އިސްތިޢްމާލް ނުކުރެވޭނަމަ ހަމަޖެހުން ލިބޭނެ ބައެއް ނޫނެވެ. ހަމައެއާއިއެކު ނުކައި ހުންނަންޖެހުނަސް ދުންފަތުގެ އިސްތިޢްމާލްކުރެވޭނަމަ ހަމަޖެހިގެން ތިބޭނެ ބައެކެވެ.
މިޘާލަކަށް ބައެއް މީހުންނާ އަހުރެން ސުވާލުކުރަމެވެ. "ސިގިރެޓް ބޮވޭނަމަ ރޯދަ ހިފަން އެއްވެސް ބުރަކަމެއް އެބަ އޮތް ހެއްޔެވެ؟" ޖަވާބުގައި ގިނަމީހުން ބުނަނީ ސިގިރެޓްބޮވޭނަމަ ރޭގަނޑާއި ދުވާލުގައި ރޯދައަށް ތިބުމަކީވެސް ބުރަކަމެއް ނޫން ކަމަށެވެ. މިކަމުން އެނގެނީ އެމީހުންގެ މައްޗަށް ދުންފަތް ބާރުގަދަވެގަނެފައިވާ މިންވަރެވެ.
އެފަދަ މީޙުންގެ ކިބައިން މިއެދެނީ ރޯދައާއިދެމެދު މިއޮތް 20 ވަރަކަށް ދުވަހުގެ ތެރޭގައި ދުންފަތުގެ އިސްތިޢްމާލުކުރުން ކުއްލިއަކަށް ހުޓާލުމަކަށް ނޫނެވެ. މިބުނި ފަދައިން މަދުކުރަމުން ގޮސް ވީހައި ބޮޑަށް މަޑުކުރުމަށެވެ. އެގޮތަށް އެކަން ކުރެވިއްޖެނަމަ އެކަމުގެ ލުއިފަސޭހަކަން ރޯދަހިފަންފެށުމުން ފެނިގެންދާނެއެވެ. އިން ޝާ ﷲ
- ޑރ. ޢަލީ އަކްރަމް