މައްސަލަތައް ޙައްލުނުވެގެން ކަންބޮޑުވާ މީހުންގެ ހުރިހާ ކަންބޮޑުވުމެއް މިކަންކަމަށް ވިސްނައިފިނަމަ ފިލާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 52ސ
މައްސަލަތައް ޙައްލުނުވެގެން ކަންބޮޑުވާ މީހުންގެ ހުރިހާ ކަންބޮޑުވުމެއް މިކަންކަމަށް ވިސްނައިފިނަމަ ފިލާނެ! އިން ޝާ ﷲ

މިއީ ދުނިޔެއެވެ. ދުނިޔެ ލައްވަވާފައިވަނީ މައްސަލަތަކުން ފުރިގެންވާ ތަނެއްގެ ގޮތުގައެވެ. ދުނިޔެއަކީ މުއުމިނުންގެ ހުރަގެ ކަމަށް އޮތީ އެހެންވެގެންނެވެ. އެހެންވީމާ އެއްކަމަކަށްފަހު އަނެއްކަމެއް ދާނީ ކުރިމަތިވަމުންނެވެ. އެންމެ ބޮޑެތި މިލިއަނަރުންނަށްވެސް އެއުޅެނީ މައްސަލަތަކުން އަރައިނުގަނެވިގެންނެވެ. މަސްތުވާއެއްޗެއް ބޭނުންނުކޮށް ނުވެސް ނިދިގެންނެވެ.

ވީމާ މައްސަލަތަކާއިއެކު ދރިއުޅެން ދަސްކުރާށެވެ! ކެތްތެރިވާން ދަސްކުރާށެވެ! މަރުވުމުން އެއްވެސް މައްސަލައެއް ކުރިމަތިނުވާނެ ގޮތަށް ދުނިޔޭގެ ޙަޔާތް ވޭތިކުރަން މަސައްކަތްކުރާށެވެ! ސުވަރުގޭގައި އެއްވެސް މިންވަރެއްގެ މައްސަލައަކާއި ކުރިމަތިލާކަށް ނުޖެހޭނެއެވެ! އަބަދުވެސް އޮންނާނީ އުފާވެރިކަމެވެ. ކާމިޔާބު ހޯދޭ މީހުންނަކީ އެއީއެވެ.

"އެއް މުޞީބާތަކަށްފަހު އަނެއް މުޞީބާތެއް ކުރިމަތިވަނީއެވެ. އެއްކަމަކުން ކިރިޔާ އަރައިގަނެވޭއިރަށް އަނެއްކަމެއް ކުރިމަތިވަނީއެވެ. މާލީ ދަތިތަކެވެ. ބޮޑެތި މައްސަލަތަކެވެ. މައްސަލަތަކުން އަރައިގަނެވޭނެ ގޮތެއް ނުވެއެވެ. ދުޢާކޮށްކޮށްވެސް ބަލިން ޝިފާލިބޭނެ ގޮތެއް ނުވެއެވެ. އަބަދުވެސް ދިރިއުޅެން މިޖެހެނީ މުޞިބާތުގެތެރޭގައެވެ."

މިއީ ގިނަ ބައެއްގެ އެންމެ ބޮޑު ޝަކުވާއެވެ! މިފަދަ ޝަކުވާތައްކުރާ މީހުން ސުވާލުކުރެއެވެ. "އަހަރެން ދެކެ ﷲ ﷲ ތަޢާލާ ރުހިވޮޑިނުގަންވަނީހެއްޔެވެ؟"

މީސްތަކުންނޭވެ! ވިސްނައިލާށެވެ! ޔޫސުފްގެފާނު އެންމެ ތުއްޕުޅު އިރުންސުރެ އުޅުއްވެވީ މައްސަލަތަކުގެ ތެރޭގައެވެ. ކޮންފަދަ ބޮޑެތި މައްސަލަތަކެއް ހެއްޔެވެ؟ ބިރުވެރިކަމުން ފުރިގެންވާ ކަންކަމުގައެވެ. ގިނިކަންޏާ ބޮޑު ވަޅެއްގައެވެ. އެތައް އަހަރެއްވަންދެން ޖަލުގައެވެ.

އައްޔޫބްގެފާނު އެ ބޮޑު އާލާސްކަންފުޅުގައި ކިތައް އަހަރު ހޭދަކުރެއްވެވި ހެއްޔެވެ؟ ޔޫނުސްގެފާނު ބޮޑުމަހެއްގެ ބަނޑުގައި ކިތައް އަހަރު ހޭދަކުރެއްވެވިހެއްޔެވެ؟ އަހަރެމެންގެ ލޮބވެތި ނަބިއްޔާ މުޙައްމަދު ﷺ މުޅި ޢުމުރުފުޅު ހޭދަކުރެއްވެވީ ކިހައި ބޮޑެތި މައްސލަތަކުގައިހެއްޔެވެ؟

ވީމާ މައްސަލަތައް ކުރިމަތިވެ ޙައްލުނުވެގެން ޝަކުވާކޮށް ސުވާލުތައް އުފައްދާ މީހުން ނިކަން ބުނެބަލާށެވެ! ﷲ ތަޢާލާ އެ އިންސާނަކު ދެކެ އެންމެބޮޑަށް ލޯބިފުޅުވެވޮޑިގަންނަވާ، އެންމެ މަތިވެރިދަރަޖަތައް ދެއްވެވި ލޮބވެތި ނަބިއްޔާ މުޙައްމަދު ﷺ ވެސް ހިމެނިވަޑައިގަންނަވާގޮތަށް ނަބީބޭކަލުންނާ ރަސޫލް ބޭކަލުން އެހައި ބޮޑެތި މައްސަލަތަކުގައި އެހައި ގިނަ އަހަރުތަކެއް ހޭދަކުރެއްވެވީ އެބޭކަލުން ދެކެ ﷲ ތަޢާލާ ލޯބިފުޅުވެވޮޑިނުގަންނަވާތީހެއްޔެވެ؟

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން