ނަމާދުގަ ޚުޝޫޢަތްތެރި ނުވެވޭ، ފަރުވާކުޑަކުރެވޭ މީހުންނަށް ޝައިޚް އަބޫބަކުރު ޒައުދުގެ ޚާއްޞަ ނަޞޭޙަތެއް! އިންޒާރެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 14ސ
ނަމާދުގަ ޚުޝޫޢަތްތެރި ނުވެވޭ، ފަރުވާކުޑަކުރެވޭ މީހުންނަށް ޝައިޚް އަބޫބަކުރު ޒައުދުގެ ޚާއްޞަ ނަޞޭޙަތެއް! އިންޒާރެއް!

"ކުރާ ނަމާދު ﷲ ތައާލާ ޤަބޫލުފުޅު ކުރައްވަވާނީ ޚުޝޫޢަތްތެރިކަމާއިއެކުގައި ނަމާދުކުރުމުންކަން އެނގޭތީ އެކަމަށް ވަރަށް ބޮޑަށް މަސައްކަތްކުރަމެވެ. ނަމަވެސް އަދިވެސް އަޅުގަނޑު ބޭނުންވާ މިންވަރާއި ގާތަކަށްވެސް ޚުޝޫޢަތްތެރިއެއް ނުވެވެއެވެ. ވީމާ އަޅުގަނޑު ކުރަން އެންމެ ރަނގަޅު ކަމަކީ ކޮބައިތޯއެވެ؟"  

ކިޔުންތެރިޔާއަށް ދަންނަވާލަން އޮތީ ތިއަ ކަމަކީ މިއަދަކު ކުރިމަތިވެގެން އުޅޭ ކަމެއް ނޫނެވެ. ރަސޫލް ގެ ލޮބުވެތި ޞަޙާބީންނަށްވެސް ހަމަ ކުރިމަތިވެވަޑައިގެންނެވި ކަމެކެވެ. އެކަން ކުރިމަތިވެވަޑައިގެންވުމުން ރަސޫލް ގެ އަރިއަހަށް ވަޑައިގެން ސުވާލުކުރެއްވެވުމުން ދެއްވެވި ޖަވާބު (ކުރެއްވެވި ޙަދީޘްފުޅު) މިއޮތީއެވެ. ޚުޝޫޢަތްތެރިވާން ކުރެވެން އޮތް ހުރިހށާ މަސައްކަތެއް ކުރާށެވެ. އަދި މި ޙަދީޘްފުޅަށް ޢަމަލުކުރާށެވެ! މިއަށްވުރެ ވަކިން ފުރިހަމަ ފަރުވާއެއް އެނގިފައެއް ނެތެވެ.

ނަމާދުގައި ޚުޝޫއަތްތެރި ނުވެވުމަކީ އިއްޔެއަކު މިއަދަކު ކުރިމަތިވާންފެށި ކަމެއް ނޫނެވެ. އެކަމަކީ ރަސޫލް ގެ ޒަމާނުގައިވެސް ކުރިމަތިވާ ކަމެކެވެ. ދީނަށް ޢަމަލުކުރެއްވެވުމުގައި އެންމެ އަރައިތިއްބެވި ޞަހާބީންނަށްވެސް އެކަން ކުރިމަތިވެވަޑައިގެންނެވިއެވެ. އެކަން ސާބިތުވާ ޙަދީޘްފުޅަކީ މަޝްހޫރު ޙަދީޘްފުޅެކެވެ. 

ޠާއިފްގެ ކަންކަމާއި ޙަވާލުކުރައްވަވައި ޢުޘްމާން އިބްން ޢަބިލްޢާސް ޠާއިފަށް ފޮނުއްވަވާފައި ހުންނަވަނިކޮށް ޝައިޠޯނާގެ އުނދަގޫފޯރައި ނަމާދުގައި ވިދާލުވެވޭތަކެތި އޮޅިވަޑައިގަތެވެ. ކުރެއްވޭ ރަކްޢަތުގެ ޢަދަދު އޮޅިވަޑައިގަތެވެ. އެކަމާއި ގުޅިގެން 6،7 ދުވަހުގެ ދަތުރުފުޅެއް ކުރައްވައި ޠާއިފުން މަދީނާއަށް ވަޑައިގެންނެވިއެވެ. އަދި ރަސޫލް އަށް އެވާހަކަ ދެންނެވިއެވެ.  

އެހިނދު ރަސޫލް ޙަދީޘްފުޅުކުރެއްވެވީ އެއީ ޚިންޒަބް ކިޔާ ޝައިޠޯނެއްގެ ކިބައިން މެދުވެރިވާ ކަމެއް ކަމަށާއި أعوذ بالله من الشيطان الرجيم ކިޔައި ވައަތް ފަރާތަށް 3 ފަހަރު ފުމެލުމަށް (ނުވަތަ ހިކިކުޅު( ޖެހުމަށެވެ. 

މި ޙަދީޘްފުޅޫގެ ވާހަކަ މިދައްކަނީ ވަރަށް ތަފާތު މަޤްޞަދެއްގައެވެ. މިއަދުގެ ޙާލަތާއިމެދު ވިސްނައި ފިކުރުކުރުމަށެވެ. ނަމާދުގައި ޚުޝޫއަތްތެރިނުވެވޭމިންވަރު މިވަނީ އެތައް ގުނައަކަށް އިތުރުވެފައެވެ. ކަންބޮޑުވަނީ ކާކު ހެއްޔެވެ؟ ކޮންމެވެސް ދުވަހަކުން ޚުޝޫޢަތްތެރިވެވޭނެ ކަމަސް ބަލައިގެން ތިބެނީ ނޫންހެއްޔެވެ؟  

އަދި ކީއްހެއްޔެވެ؟ ނަމާދަށް ފަރުވާކުޑަކުރެވޭތީ ކަންބޮޑުވަމުހެއްޔެވެ؟ ކަންބޮޑުވަނީ ކިތައް މީހުން ހެއްޔެވެ؟ ނަމާދަށް ފަރުވާކުޑަކޮށްގެން ދެކޮޅު ޖެއްސެން އެބަ އޮތް ހެއްޔެވެ؟ ނަމާދަށް ފަރުވާކުޑަކޮށްގެން ޤިޔާމަތްދުވަހު ސަލާމަތްވެވިދާނެކަމަށް ހީކުރަނީހެއްޔެވެ؟   

ޢުޘްމާން އިބްން ޢަބިލްޢާސް ޠާއިފުން އެހައިދިގު ދަތުރުފުޅެއް ކުރައްވައި މަދީނާއަށް އެވަދައިގަތީ ކީއްވެގެން ހެއްޔެވެ؟ އެއީ ނަމާދު ފުރިހަމައަށް ނުކުރެއްވެވޭނަމަ ﷲ ތަޢާލާ އާއި އޮންނަން ޖެހޭ ގުޅުން ކެނޑިގެން ހިނގައިދާނެތީއެވެ. އެކަމަށް ގަނެވަޑައިގަންނަވާ ބިރުފުޅު ބޮޑުކަމުންނެވެ! ދެން ނިކަންބުނެބަލާށެވެ! އެކަމަށް އަހަރެމެންގެ ހިތުގައި އެއްވެސް ވަރަކަށް ބިރުވެރިކަމެއްވޭހެއްޔެވެ؟ 

ދެން ވިސްނައިލަންވީ ޚިންޒާބް އެވެ ކިޔުނު ޝައިޠޯނާ އާއިމެދުގައެވެ. އެ ޝައިޠޯނާގެ ނަން ަސޫލް ޙަދީޘްފުޅު ކުރެއްވެވީ ކީއްވެގެންތޯއެވެ؟ 

އެ ޝައިޠޯނާއަކީ ނަމާދަށް ޙަރަމްބަނުމުން ނަމާދުއޮޅުވާލަން އަންނަ ޝައިޠޯނެކެވެ. ހަމައެކަނި އެކަމަށް ޚާއްޞަވެގެން ހުންނަ ޝައިޠޯނެކެވެ. ނަމާދަށް ފެށުމާއިއެކު އައިސް އެމީހަކަށް ނުކުރެވި ހުންނަ ކަންކަމާއި އެނޫންވެސް ކަންކަން ހަނދާންކޮށްދީ އެމީހާގެ ވިސްނުން ނަމާދާއި ދުރުކުރުވަން މަސައްކަތްކުރާނެއެވެ. ނަމާދު ނިމި ސަލާމްދެންދެން އެމަސައްކަތުގައި ދެމިހުންނާނެއެވެ.  

އެޝައިޠޯނާގެ ނަން އެ ޙަދީޘްފުޅުކުރެއްވެވީ އެއިގެ ނުބައިކަމުން ސަލާމަތްވެހުރުމުގެ މުހިންމުކަން ބޮޑުކަމުންނެވެ. އެކަމަށް ދޭ ސަމާލުކަން އިތުރުކުރަން ބާރުއެޅުއްވެވުމުގެ ގޮތުންނެވެ. 

މީސްތަކުންނޭވެ! ކޮންމެވެސް ދުވަހަކުން ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުކުރެވޭނެ ކަމަށް ބަލައި މަޑުކުރުމެއް ނެތެވެ. އަހަރެމެން މަސައްކަތްކުރަންވީ ޞަޙާބީން ކަންބޮޑުވެވަޑައިގެންނެވި ވަރަށްވުރެ މާބޮޑަށް ކަންބޮޑުވުމަށެވެ. ކިރިޔާވެސް ސަލާމަތްކަމެއް ލިބުންވަނީ އެއިރުންނެވެ.  

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން   

މިއަދު އޮންލައިން