ނޫޙްގެފާނުގެ ވާހަކަ -4 : ޙައްޤު ޤަބޫލުނުކުރާ މީހުން ގިނަވުމަކީ ޤަބޫލުކުރާ މީހުން މާޔޫސްވާންޖެހެންވީ ކަމެއް ނޫން!

ކިޔުމަށް ހޭދަވާނީ 18މ 34ސ
ނޫޙްގެފާނުގެ ވާހަކަ -4 : ޙައްޤު ޤަބޫލުނުކުރާ މީހުން ގިނަވުމަކީ ޤަބޫލުކުރާ މީހުން މާޔޫސްވާންޖެހެންވީ ކަމެއް ނޫން!

ޢަލީ އިޙްޞާން ފިރާޤް 

ރިސާލަތު: 

މި މަޒުމޫނުގެ ފެށުމުގައި ދަންނަވާފައިވާނޭ ފަދައިން، نوح عليه السّلام ގެ ޤައުމުގެ ބައެއް މީހުންނަށް، ޝައިޠާނާ ޝިރުކު ކުރުމަށް މަގުދެއްކިއެވެ. އެބައިމީހުން ޝައިޠާނާގެ ބަހަށް ހެއްލި ބުދަށް އަޅުކަންކުރަންފެށިއެވެ.  

نوح عليه السّلام ރަސޫކަމައިގެން ފޮނުއްވުމުން، އެކަލޭގެފާނު މާތްالله سبحانه وتعالى ގެ ތައުޙީދު މީސްތަކުންނަށް ބަޔާންކޮށްދެވިއެވެ. އަޅުކަން ކުރުން އެންމެ ޙައްޤު ފަރާތަކީ މާތް ކަމަށް ބަޔާންކޮށްދެއްވެވިއެވެ. މިކަން، ބަޔާންކުރަށްވައި ކީރިތި ޤުރްއާނުގެ އަލް އަޢުރާފް ސޫރަތުގެ 59ވަނަ އާޔަތުގައި ވަޙީ ކުރައްވައިފައިވެއެވެ. 

"لَقَدْ أَرْسَلْنَا نُوحًا إِلَىٰ قَوْمِهِ فَقَالَ يَا قَوْمِ اعْبُدُوا اللَّـهَ مَا لَكُم مِّنْ إِلَـٰهٍ غَيْرُهُ إِنِّي أَخَافُ عَلَيْكُمْ عَذَابَ يَوْمٍ عَظِيمٍ ﴿٥٩﴾"

މާނައީ: [ހަމަކަށަވަރުން، ތިމަންރަސްކަލާނގެ نوح ގެފާނު، އެކަލޭގެފާނުގެ قوم ގެމީހުންގެ ގާތަށް رسول ކަމާއިގެން ފޮނުއްވީމެވެ. ފަހެ، އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! ތިޔަބައިމީހުން اللَّه އަށް އަޅުކަން ކުރާށެވެ! އެކަލާނގެ ފިޔަވައި އެހެން إله އަކު ތިޔަބައިމީހުންނަކަށް ނުވެތެވެ. ހަމަކަށަވަރުން، ބޮޑުވެގެންވާ ދުވަހެއްގެ عذاب ތިޔަބައިމީހުންނަށް ލިބިދާނެކަމަށް އަހުރެން ބިރުގަނެއެވެ.]

نوح عليه السّلام އެކަލޭގެފާނުގެ ޤައުމުގެ މީސްތަކުންނަށް އަޅުކަމުގައި އިޚްލާޞްތެރިވުމަށާއި އެއްކައުވަންތަ ފިޔަވައި އެހެން ފަރާތްތަކަށް އަޅުކަން ނުކުރުމަށް ގޮވައިލެއްވިއެވެ. މާތްالله سبحانه وتعالى އަކީ އެންމެހައި ތަކެއްޗެއް ނެތުމުގެ ތެރެއިން އުފައްދެވި އެތަކެތީގެ ވެރިރަސްކަލާނގެކަން ބަޔާންކޮށްދެއްވިއެވެ. އެކަލޭގެފާނު ދަރިފަސްކޮޅުން ވަޑައިގެންނެވި އެހެން ނަބީބޭކަލުންނާއި ރަސޫލުބޭކަލުން އެންގެވި ފަދައިންނެވެ. މިކަން ބަޔާން ކުރައްވާ މާތްކީރިތި ޤުރްއާނުގެ އަލް ޙަދީދު ސޫރަތުގެ 26 ވަނަ އާޔަތުގައި ވަޙީ ކުރައްވައިފައިވެއެވެ.

"وَلَقَدْ أَرْسَلْنَا نُوحًا وَإِبْرَاهِيمَ وَجَعَلْنَا فِي ذُرِّيَّتِهِمَا النُّبُوَّةَ وَالْكِتَابَ ۖ فَمِنْهُم مُّهْتَدٍ ۖ وَكَثِيرٌ مِّنْهُمْ فَاسِقُونَ ﴿٢٦﴾"

މާނައީ: "އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ نوح ގެފާނާއި إبراهيم ގެފާނު رسول ކަމާއިގެން ފޮނުއްވީމެވެ. އަދި އެ ދެ رسول ންގެ ދަރިކޮޅުގައި ނަބީކަމާއި (ބާވައިލެއްވި) ފޮތްތައް ލެއްވީމެވެ. ފަހެ، އެއުރެންގެ ތެރެއިން ތެދުމަގު ލިބިގެންވާ މީހުންވެއެވެ. އަދި އެއުރެންގެ ތެރެއިން ގިނަމީހުންނީ، فاسق ންނެވެ."

މިއާޔަތުން ދޭހަވާ ގޮތުގައި މާތްالله سبحانه وتعالى ފޮނުއްވި ހުރިހާ ރަސޫލު ބޭކަލުންނާއި ނަބީބޭކަލުން ފޮނުއްވީ نوح عليه السّلام ގެ ނަސަބުފުޅުންނެވެ. އެހެންމެހައި ރަސޫލުބޭކަލުންނާއި ނަބީބޭކަލުންވެސް ގޮވައިލެއްވީ މައިގަނޑުގޮތެއްގައި އެއް އަސާސަކަށެވެ. އެއީ، މާތްالله سبحانه وتعالى އަށް އަޅުކަން ކުރުމަށާއި އެކަލާނގެއާއި އެހެން އެއްވެސް އެއްޗެއް ޝަރީކުނުކުރުމަށެވެ. މިކަމަށް އިޝާރާތްކުރައްވައި ކީރިތި ޤުރުއާނުގެ ނަޙްލު ސޫރަތުގެ 36 ވަނަ އާޔަތުގައި މާތްވަޙީ ކުރައްވާފައިވެއެވެ.

"وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَّسُولًا أَنِ اعْبُدُوا اللَّـهَ وَاجْتَنِبُوا الطَّاغُوتَ ۖ "

މާނައީ: [ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކޮންމެ أمّة އަކަށްމެ رسول އަކު ފޮނުއްވީމެވެ. އެއީ، اللَّه އަށް އަޅުކަންކުރުމަށާއި، ބުދުތަކާ ދުރުހެލިވުމަށް އެންގެވުމަށެވެ.]

ކޮންމެއަކަސް، نوح عليه السّلام އެކަލޭގެފާނުގެ ޤައުމުގެ މީސްތަކުންނަށް ތަކުރާކޮށް ނަޞޭހަތް ދެއްވަމުން ގެންދެވިއެވެ. އެކަލޭގެފާނު ޤައުމުގެ މީސްތަކުންނަށް ހަމައެކަނި މާތްއަށް އަޅުކަންކުރަން އަމުރު ކުރެއްވުމުގެ އިތުރުން، އަށް ތަޤްވާވެރިވެ ބިރުވެތިވުމަށްވެސް އަމުރު ކުރެއްވިއެވެ. ނަމަވެސް، އެބައިމީހުން އެކަލޭގެފާނުގެ ބަސްފުޅުތައް ދޮގުކުރަމުން ގެންދިޔައެވެ. އެކަލޭގެފާނުގެ ބަސްފުޅުތައް އަޑު ނޭހުމުގެ ގޮތުން، އެބައިމީހުންގެ އިނގިލިތައް ކަންފަތަށް އަޅަމުންދިޔައެވެ. ރަސޫލާ صلّى اللّـه عليه وسلّم ގެ  ބަސްފުޅު އަޑުނޭހުމަށް މުޝްރިކުން ޢަމަލުކުރަމުން ގެންދިޔަފަދައިންނެވެ. މިކަމަށް އިޝާރާތްކުރައްވައި، ކީރިތި ޤުރްއާނުގެ ނޫޙު ސޫރަތުގެ ދެވަނަ އާޔަތުން ސާދަވަނަ އާޔަތުގެ ނިޔަލަށް މާތްالله سبحانه وتعالى ވަޙީ ކުރައްވައިފައިވެއެވެ. 

"قَالَ يَا قَوْمِ إِنِّي لَكُمْ نَذِيرٌ مُّبِينٌ ﴿٢﴾ أَنِ اعْبُدُوا اللَّـهَ وَاتَّقُوهُ وَأَطِيعُونِ ﴿٣﴾ يَغْفِرْ لَكُم مِّن ذُنُوبِكُمْ وَيُؤَخِّرْكُمْ إِلَىٰ أَجَلٍ مُّسَمًّى ۚ إِنَّ أَجَلَ اللَّـهِ إِذَا جَاءَ لَا يُؤَخَّرُ ۖ لَوْ كُنتُمْ تَعْلَمُونَ ﴿٤﴾ قَالَ رَبِّ إِنِّي دَعَوْتُ قَوْمِي لَيْلًا وَنَهَارًا ﴿٥﴾فَلَمْ يَزِدْهُمْ دُعَائِي إِلَّا فِرَارًا ﴿٦﴾ وَإِنِّي كُلَّمَا دَعَوْتُهُمْ لِتَغْفِرَ لَهُمْ جَعَلُوا أَصَابِعَهُمْ فِي آذَانِهِمْ وَاسْتَغْشَوْا ثِيَابَهُمْ وَأَصَرُّوا وَاسْتَكْبَرُوا اسْتِكْبَارًا ﴿٧﴾ ثُمَّ إِنِّي دَعَوْتُهُمْ جِهَارًا ﴿٨﴾ ثُمَّ إِنِّي أَعْلَنتُ لَهُمْ وَأَسْرَرْتُ لَهُمْ إِسْرَارًا ﴿٩﴾ فَقُلْتُ اسْتَغْفِرُوا رَبَّكُمْ إِنَّهُ كَانَ غَفَّارًا ﴿١٠﴾ يُرْسِلِ السَّمَاءَ عَلَيْكُم مِّدْرَارًا ﴿١١﴾ وَيُمْدِدْكُم بِأَمْوَالٍ وَبَنِينَ وَيَجْعَل لَّكُمْ جَنَّاتٍ وَيَجْعَل لَّكُمْ أَنْهَارًا ﴿١٢﴾ مَّا لَكُمْ لَا تَرْجُونَ لِلَّـهِ وَقَارًا ﴿١٣﴾ وَقَدْ خَلَقَكُمْ أَطْوَارًا ﴿١٤﴾"

މާނައީ: "އެކަލޭގެފާނު ވިދާޅުވިއެވެ. އޭ، އަހުރެންގެ قوم ގެމީހުންނޭވެ! ހަމަކަށަވަރުން، އަހުރެންނީ، ތިޔަބައިމީހުންނަށް ބަޔާންވެގެންހުރި إنذار ކުރާ މީހަކީމެވެ. (ވިދާޅުވަމުންނެވެ.) ތިޔަބައިމީހުން اللَّه އަށް އަޅުކަންކުރާށެވެ! އަދި ތިޔަބައިމީހުން، އެކަލާނގެއަށް تقوى ވެރިވާށެވެ! އަދި ތިޔަބައިމީހުން އަހުރެންނަށް ކިޔަމަންވާށެވެ! (އޭރުން) އެކަލާނގެ، ތިޔަބައިމީހުންގެ ފާފަތައް ތިޔަބައިމީހުންނަށްޓަކައި ފުއްސަވައިދެއްވާނެތެވެ. އަދި ކަނޑައަޅުއްވާފައިވާ މުއްދަތަކަށް ތިޔަބައިމީހުން ފަސްކުރައްވާނެތެވެ. ހަމަކަށަވަރުން، اللَّه ކަނޑައަޅުއްވާފައިވާ أجل އަތުވެއްޖެނަމަ، ލަހެއް ނުކުރައްވާނެތެވެ. ތިޔަބައިމީހުންނަށް (އެކަން) އެނގޭކަމުގައި ވާނަމައެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، ތިމަންކަލޭގެފާނުގެ قوم ގެމީހުންނަށް (إيمان ވުމަށް) ރެއާއި، ދުވާލު ތިމަންކަލޭގެފާނު ގޮވައިލެއްވީމެވެ. ފަހެ، ތިމަންކަލޭގެފާނުގެ ގޮވައިލެއްވުން، ފިލާންދިޔުން ނޫންކަމެއް އެއުރެންނަކަށް އިތުރެއް ނުކުރިއެވެ. (އެބަހީ: އެކަލޭގެފާނު ތެދުމަގަށް ގޮވައިލެއްވިވަރަކަށް، އެއުރެންދަނީ، އެކަލޭގެފާނުގެ دعوة އާ ދުރަށެވެ.) އަދި ހަމަކަށަވަރުން، އިބަރަސްކަލާނގެ އެއުރެންގެ ފާފަފުއްސެވުމަށްޓަކައި، ތިމަންކަލޭގެފާނު އެއުރެންނަށް (إيمان ވުމަށް) ގޮވައިލައްވާ ކޮންމެ ފަހަރަކު، އެއުރެންގެ އިނގިލިތައް، އެއުރެންގެ ކަންފަތްތަކުގައި އަޅަތެވެ. އަދި އެއުރެންގެ ފޭރާމުން، އެއުރެން ނިވާވެގަނެތެވެ. އަދި އެއުރެން (كفر ވެރިކަންމަތީ) ދެމިތިބެތެވެ. އަދި ނުހަނު ބޮޑާވެގަނެތެވެ. ދެން ހަމަކަށަވަރުން، ތިމަންކަލޭގެފާނު އެއުރެންނަށް ހަރުއަޑުން ގޮވައިލެއްވީމެވެ. ދެން ހަމަކަށަވަރުން، ތިމަންކަލޭގެފާނު އެއުރެންނަށް ފާޅުގައި ގޮވައިލެއްވީމެވެ. އަދި ތިމަންކަލޭގެފާނު ވަންހަނާކޮށް ސިއްރުކުރައްވައި، އެއުރެންނަށް ގޮވައިލެއްވީމެވެ. ފަހެ، ތިމަންކަލޭގެފާނު ވިދާޅުވީމެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ގައި ފާފަފުއްސެވުމަށްއެދި، ތިޔަބައިމީހުން ދަންނަވާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެކަމުގައިވެއެވެ. (އޭރުން) އެކަލާނގެ ތިޔަބައިމީހުންގެ މައްޗަށް ބޯކޮށް (ވެހޭގޮތުގައި) ވާރޭ ފޮނުއްވާނެތެވެ. އަދި މުދާތަކާއި، ދަރިންގެގޮތުން، އެކަލާނގެ ތިޔަބައިމީހުންނަށް مدد ދެއްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ބަގީޗާތައް ލައްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ކޯރުތައްވެސް ލައްވާނެތެވެ. ތިޔަބައިމީހުން اللَّه ގެ عظمة ތެރިކަމަށް اعتقاد ނުކުރަނީ ކީއްވެގެންހެއްޔެވެ؟ ހަމަކަށަވަރުން، އެކަލާނގެ ތިޔަބައިމީހުން ހެއްދެވީ، ތަފާތު مرحلة ތަކަކުންނެވެ."

نوح عليه السّلام އެކަލޭގެފާނުގެ ޤައުމުގެ މީސްތަކުންނަށް ތެދުމަގު ދެއްކެވުމަށް ކެނޑިނޭޅި މަސައްކަތްޕުޅުކުރައްވަމުން ގެންދެވިއެވެ. ރޭގަނޑާއި ދުވާލު ދީނަށް ގޮވައިލެއްވުމުގައި މަސައްކަތްޕުޅު ކުރެއްވިއެވެ. ސިއްރާއި ފާޅުގައި ނަޞޭޙަތްތެރިވެވަޑައިގެންނެވިއެވެ. މާތްالله سبحانه وتعالى ގެ ޢަޛާބާ މެދު އިންޒާރު ކުރައްވައި، އެ ޢަޛާބަށް ބިރުވެތި ވުމަށް ނަޞޭޙަތްތެރިވެ ވަޑައިގަތެވެ. އީމާންވެއްޖެ މީސްތަކުންނަށް އެކަލާނގެ ޙަޟްރަތުގައި ހުރި ދަރުމައާއި ޘަވާބު ބަޔާންކޮށްދެއްވައި އުފާވެރިކަމުގެ ޚަބަރުދެއްވިއެވެ. ނަމަވެސް، މާތްالله سبحانه وتعالى ގެ ޙައްޤު ދީނަށް ތަބާވުމުގެ ބަދަލުގައި އެކަލޭގެފާނުގެ ޤައުމުގެ ގިނަ މީސްތަކުން އެކަލާނގެއަށް ކާފިރުވިއެވެ.

نوح عليه السّلام ގެ ޤައުމުގެ މީސްތަކުން އެކަލޭގެފާނު ދޮގު ކުރުމަށްފަހު ހުއްޓާލީއަކީ ނޫނެވެ. އަދި ކީއްތޯ؟ އެބައިމީހުން އެކަލޭގެފާނަށް ދެކޮޅުވެރިވެ، ޢަދާވާތްތެރިވާން ފެށިއެވެ. އެކަލޭގެފާނަށާއި، އެކަލޭގެފާނަށް އީމާންވި މަދު މީސްކޮޅަށް އުނދަގޫކޮށް އަނިޔާ ކުރަންފެށިއެވެ. އެކަލޭގެފާނު މާތްالله سبحانه وتعالى ގެ ދީނަށް ގޮވައިލެއްވުން ހުއްޓަވައި ނުލައްވައިފިނަމަ، އެކަލޭގެފާނު ރަޖަމްކުރާނެކަމަށް ބުނެ އިންޒާރުދޭނެފެށިއެވެ. نوح عليه السّلام އަކީ މަގުފުރެދިފައިވާ މީހެކޭ ބުނަމުންގެންދިޔައެވެ. ބުއްދި ގޯސްވެފައިވާ މޮޔައެކޭ ބުނަމުންގެންދިޔައެވެ. މިކަމަށް އިޝާރާތްކުރައްވައި ކީރިތި ޤުރްއާނުގެ އަލް އަޢުރާފް ސޫރަތުގެ 60 ވަނަ އާޔަތުގައި ވަޙީ ކުރައްވައިފައިވެއެވެ.

"قَالَ الْمَلَأُ مِن قَوْمِهِ إِنَّا لَنَرَاكَ فِي ضَلَالٍ مُّبِينٍ ﴿٦٠﴾"

މާނައީ: [އެކަލޭގެފާނުގެ قوم ގެބޮޑުން ބުނޫއެވެ. ހަމަކަށަވަރުން، އަހުރެމެންނަށް ފެންނަނީ، ފާޅުވެގެންވާ ފުރެދުމެއްގައި ކަލޭގެފާނު ވާތީއެވެ.]

نوح عليه السّلام އަކީ މަގުފުރެދިފައިވާ މީހެކޭ ބުނެ، އެކަލޭގެފާނުގެ ޤައުމުގެ މީސްތަކުން ކުރި ތުހުމަތަށް ޖަވާބުދެއްވަމުން އެކަލޭގެފާނު ވިދާޅުވި ބަސްފުޅު ކީރިތި ޤުރްއާނުގެ އަލްއަޢުރާފު ސޫރަތުގެ 61 ވަނަ އާޔަތުގައި މާތްވަޙީ ކުރައްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ.

"قَالَ يَا قَوْمِ لَيْسَ بِي ضَلَالَةٌ وَلَـٰكِنِّي رَسُولٌ مِّن رَّبِّ الْعَالَمِينَ ﴿٦١﴾" 

މާނައީ: [އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! އަހުރެންގެ ކިބައިގައި އެއްވެސް ފުރެދުމެއް ނެތެވެ. އަދި ކީއްހެއްޔެވެ؟ އަހުރެންނީ، عالم ތަކުގެ ވެރިރަސްކަލާނގެ حضرة ން އައި رسول އަކީމެވެ.]

نوح عليه السّلام އެކަލޭގެފާނުގެ ޤައުމުގެ މީސްތަކުންގެ ފަރާތުން ކުރިމަތި ވަމުން ދިޔަ ދުއްތުރާތަށް، ކެތްތެރިކަމާއެކު ބަރުދާސްތު ކުރައްވަމުން ގެންދެވިއެވެ. ކެތްތެރިކަމާއެކު، މާތް الله سبحانه وتعالى ގެ ތެދުމަގު އެބައިމީހުންނަށް ބަޔާންކޮށްދެއްވަމުން ގެންދެވިއެވެ. އެކަލޭގެފާނު އެބައިމީހުންގެ ގާތަށް ފޮނުއްވުމުގެ ބޭނުން ބަޔާން ކޮށްދެއްވަމުން ގެންދެވިއެވެ. މިކަމަށް އިޝާރާތްކުރައްވައި ކީރިތި ޤުރުއާނުގެ އަލް އަޢުރާފް ސޫރަތުގެ 62ވަނަ އާޔަތުގައި ވަޙީ ކުރައްވައިފައިވެއެވެ. 

"أُبَلِّغُكُمْ رِسَالَاتِ رَبِّي وَأَنصَحُ لَكُمْ وَأَعْلَمُ مِنَ اللَّـهِ مَا لَا تَعْلَمُونَ ﴿٦٢﴾"

މާނައީ: [އަހުރެންގެ ވެރިރަސްކަލާނގެ رسول ކަން ތިޔަބައިމީހުންނަށް އަހުރެން އިއްވަމެވެ. އަދި ތިޔަބައިމީހުންނަށް نصيحة ތެރިވަމެވެ. އަދި ތިޔަބައިމީހުންނަށް ނޭނގޭ ކަންތައްތައް اللَّه ގެ حضرة ން އަހުރެންނަށް އެނގެއެވެ]

نوح عليه السّلام ގެ ޤައުމުގެ މީސްތަކުންގެ ތެރެއިން އެކަލޭގެފާނަށް ތަބާވި މީސްތަކުން އެކަލޭގެފާނަށް ތަބާވީ އެކަލޭގެފާނަކީ އަރަހުށި ހުސްޠާޙިރުވަންތަ މާތް الله سبحانه وتعالى ފޮނުއްވި ޙައްޤު ރަސޫލެއްކަން އެނގޭތީއެވެ. ރަސޫލުކަމާއި ނަބީކަމުގެ އާދަޔާ ޚިލާފު ކަންތައްތަކެއް އެކަލޭގެފާނުގެ ކިބައިން ފެނުމުންނެވެ. ނަމަވެސް، نوح عليه السّلام ގެ ޤައުމުގެ ކާފިރުވި މީސްތަކުން އީމާންވި މީހުންނާމެދު ކުރަމުންގެންދަނީ މުޅިން އެހެން ތުހުމަތު ތަކެކެވެ. އެބައިމީހުން އެކަލޭގެފާނާ ތަބައަވީ އެއްވެސް ބެލުމެއްނެތިކަމުގައެވެ. މަތިމައްޗަށް ފެނުނު ކަންތައްތަކެއް ފެނުމުން އެކަމަށް ހެއްލި ކާބަފައިންގެ ދީން ދޫކޮށްލީކަމުގައެވެ.

ނަމަވެސް، ކާފިރުވި މީސްތަކުންގެ މަލާމާތާއި ފުރައްސާރައިގެ ކުރިމަތީގައި އީމާންވި މީސްތަކުން ދެއްކެވީ ފުރިހަމަ ސާބިތުކަމެވެ. އެބައިމީހުންގެ އީމާންކަން ދިޔައީ އިތުރުވަމުންނެވެ. ދީނީ އިޢުތިޤާދު ދިޔައީ ހަރުދަނާވަމުންނެވެ.

 

މިއަދު އޮންލައިން