މީސްތަކުންނަށް ހެޔޮ ކަންކަންކުރަން އަމުރުކޮށްފަ އެމީހަކު ޢަމަލުނުކުރީމާ ޖެހޭނީ ގޮހޮރު ބޭރަށް ނެރެގެން ނަރަކައިގަ އުޑިއެނބުރެން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
މީސްތަކުންނަށް ހެޔޮ ކަންކަންކުރަން އަމުރުކޮށްފަ އެމީހަކު ޢަމަލުނުކުރީމާ ޖެހޭނީ ގޮހޮރު ބޭރަށް ނެރެގެން ނަރަކައިގަ އުޑިއެނބުރެން!

މީސްތަކުންނޭވެ! ދީނުގެ ޢިލްމު އުނގެނޭށެވެ! ދީނުގައިވާ ފަދައިން ކަންކަން ކުރެވޭނީ އެއިރުންނެވެ. ނަހީ ކުރެއްވެވި ކަންތައްތަކާއި ހުއްދަކުރެއްވެވި ކަންކަންވެސް އެނގޭނީ އެއިރުންނެވެ.

އެހެނަސް ތިމާގެ ގޮހޮރު ބަނޑުން ނެރެގެން ނަރަކައިގައި އުޑިއެނބުރޭހެން އެނބުރެން ޖެހޭނެ މީހަކަށްނުވާށެވެ! ހެޔޮ ކަންކަން އެނގިތިބެ، ހެޔޮ ކަންކަން ކުރަން އަމުރުކޮށް އެކަންކަން ނުކުރާ މީހުންނަށް ކުރިމަތިވާނީ އެހާލަތުކަން އެނގެން އެބައޮތެވެ.

ސުވަރުގެ ދެވޭނީ އެމީހާއަށް އެނގޭ މައުލޫމާތު ގިނަވެގެނެއް ނޫނެވެ. ސުވަރުގެ ދެވޭނީ އެނގޭ މައުލޫމާތުގެ މައްޗަށް އަމަލުކުރި މިންވަރަކުންނެވެ. ދީނީ ގޮތުން ކުރަންޖެހޭ ކިތަންމެ ގިނަ ކަންތައްތަކެއް އެނގިފައި ހުރި ނަމަވެސް އެއިން ކަމެއް ތިމާ ޢަމަލުން ނުކުރާނަމަ އެނގިފައި ހުރި އެއްޗަކުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟

މީޒާނަށް އަރުވަނީ އެމީހާއަށް އެނގޭ މިންވަރެއް ނޫނެވެ. ހޯދި ފާސްތަކުގެ ނަންތަކާއި ކިޔެވި ޔުނިވަރސިޓީ އާއި ޔުނިވަރސިޓީ ހުރި ޤައުމުގެ ނަމެއް ނޫނެވެ. އަދި ކިޔަވައިދިން އުސްތާޛުންގެ ނަންތަކެއްވެސް ނޫނެވެ. އެމީހަކަށް ލިބިފައި ހުރި ޢިލްމަށް އަމަލުކުރި މިންވަރެކެވެ.

މިސާލަކަށް ނަމާދު އެންމެ ފުރިހަމައަށް ކުރަން ތިބާއަށް އެނގިދާނެއެވެ. ނަމަވެސް ތިބާ ނަމާދު ނުކުރާނަމަ އެކަމުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ ބަންގި ގޮވުމުން ޖަމާޢަތަށް ނަމާދަށްދާންޖެހޭކަންވެސް އެންމެ ބޮޑަށް އެނގޭނީ ދީނުގެ ޢިލްމުވެރިންނަށެވެ. އަދި އެކަން ކޮންމެ މުސްލިމަކަށްވެސް އެނގޭނެއެވެ. ނަމަވެސް އެނގިތިބެ ޖަމާއަތަށް މިސްކިތަކަށް ނުދެއެވެ.

އެހެންމީހުންގެ ގާތުގަ ބަންގިގޮވީމާ އަވަހަށް މިސްކިތަށް ގޮސް ޖަމާޢަތުގައި ނަމާދުކުރަން ބުނާމީހާ އެޖަމާޢަތަށް ނުދިއައިމަ ދެންވާނީ ކިހިނެއް ހެއްޔެވެ؟ ދުޢާއަކީ އަހަރެމެން އެންމެންނަކީވެސް ހެޔޮބަސް ބުނާ އަދި ޢަމަލުކުރާ ބައަކު ކަމުގައި ލެއްވެވުމެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން