ސުލައިމާންގެފާނަށާ ޔޫސުފްގެފާނަށް ދެއްވެވިފަދަ ނިޢްމަތްތައް ބޭނުންހެއްޔެވެ؟ މިމަގުން ޢަމަލުކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
ސުލައިމާންގެފާނަށާ ޔޫސުފްގެފާނަށް ދެއްވެވިފަދަ ނިޢްމަތްތައް ބޭނުންހެއްޔެވެ؟ މިމަގުން ޢަމަލުކުރާށެވެ!

ﷲ ތައާލާއަށް ބިރުވެތިވެ ޙަރާމްކަމެއް ކުރުމުން ދުރުހެލިވެގެންފި މީހަކަށް ﷲ ތައާލާ ދެއްވަވާނެ ނިޢްމަތްތައް ގުނައި ވަޒަނެއް ނުކުރެވޭނެއެވެ. މިހެން ބުނީމާ ތިއަކިޔަނީ ކީކޭތޯ ސުވާލު ކުރާނެ ބައަކު އުޅޭނެއެވެ. 

އެންމެ ނަމާދެއް އެޅުއްވެވިގެން އެކަމުގެ ބިރުފުޅަށް ސުލައިމާންގެފާނު އުދުހޭ އަސްތައް ޤުރްބާން ކުރެއްވެވުމުން ދަތުރުފުޅު ކުރައްވަވަން ވައި ނުދެއްވަވާހެއްޔެވެ؟ ﷲ ތަޢާލާއަށް ބިރުފުޅުން ޒިނޭ ނުކުރެއްވެވުމުން ޔޫސުފްގެފާނަށް މިޞުރުގެ ވެރިކަން ނުދެއްވަވާ ހެއްޔެވެ؟ 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ހަމަ މިއަދުވެސް ﷲ ތަޢާލާ މީސްތަކުންނަށް ނިޢްމަތްތައް ނުދެއްވަވަނީއެއް ނޫނެވެ. އިންތިހާއަށް ބޮޑެތި، ގިނަގުނަ ނިޢުމަތްތައް ދެއްވަވައެވެ. އެކަމަކު މިއަދު ވެގެން މިއުޅޭ ގޮތަކީ ﷲ ތަޢާލާ ދެއްވަވާ ނިޢްމަތްތައް ވަޒަން ނުކުރެވެނީއެވެ. ނިޢްމަތްތައް ލިބުމުން އެއީ ﷲ ތަޢާލާ ދެއްވެވި ނިޢްމަތް ކަމަށް ޤަބޫލުނުކުރެވެނީއެވެ. 

ކިތަންމެ ބޮޑު އުފާވެރިކަމެއް ލިބެން އޮތް ނަމަވެސް ﷲ ތަޢާލާ ޙަރާމް ކުރެއްވެވި ކަމަކަށް އަރައިނުގަންނާށެވެ. ﷲ ތަޢާލާއަށް ބިރުވެތިވެ އެފާފައެއް ކުރުމުން ދުރުހެލިވާށެވެ. އެމީހަކަށް ﷲ ތަޢާލާ ނިޢްމަތްތައް އިތުރުކުރައްވަވައި ދެއްވަވާނެތެވެ. އެމީހެއްގެ ދަރަޖަ މަތިވެރިކުރައްވަވާނެތެވެ. އެމީހަކު ބާރުވެރިކުރައްވަވާނެތެވެ. އިން ޝާ ﷲ 

- -އުސްތާޛް ވައްހާޖް ޠަރިންގެ ދަރުސަކުން

 

 

މިއަދު އޮންލައިން