އެއްވެސް މީހަކަށް ތިބާއަށް ހިތްދަތިކަމެއް، ގެއްލުމެއް ނުދެވޭނެ ވަރަށް ފަސޭހަ މަގެއް-: ޑރ. ޔާސިރު ޤާޟީ

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 56ސ
އެއްވެސް މީހަކަށް ތިބާއަށް ހިތްދަތިކަމެއް، ގެއްލުމެއް ނުދެވޭނެ ވަރަށް ފަސޭހަ މަގެއް-: ޑރ. ޔާސިރު ޤާޟީ

ހަމައެކަނި މި އާޔަތަށް ވިސްނައިލާށެވެ. މިއީ އަލް ބަޤަރާ ސޫރަތުގެ 152 ވަނަ އާޔަތެވެ. 

فَاذْكُرُونِي أَذْكُرْكُمْ وَاشْكُرُوا لِي وَلَا تَكْفُرُونِ 

"ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެ ހަނދުމަ ކުރާށެވެ! އޭރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހަނދުމަކުރައްވާ ހުށީމެވެ. އަދި ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން ޝުކުރުކުރާށެވެ! އަދި ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން ކާފިރުނުވާށެވެ!" 

ﷲ ތަޢާލާއީ އެއްވެސް އެހެން ފަރާތަކުން އެއްވެސް ކަމަކަށް ބޭނުންފުޅުވެ ވޮޑިގެންނުވާ ރަސްކަލާނގެއެވެ! ހުރިހާ ކަމެއް ލިބިވޮޑިގެންވާ، ހުރިހާ ކަމަކުން ފުދިވޮޑިގެންވާ ރަސްކަލާނގެއެވެ. ﷲ ތަޢާލާއީ اللَّهُ الصَّمَدُ އެވެ. މާނައީ: "ﷲ އީ، އެންމެހާ ތަކެތި އެކަލާނގެއަށް ބޭނުންތެރިވެގެންވާ، އަދި އެއްވެސް އެއްޗަކަށް، އެކަލާނގެ ބޭނުންވެވޮޑިގެންނުވާ ރަސްކަލާނގެއެވެ." (އަލް އިޚްލާޞް: 2) 

އެހެންކަމާއިއެކުވެސް ﷲ ތަޢާލާ ވަޙީކުރައްވަވާފައި އެވަނީ " فَاذْكُرُونِي أَذْكُرْكُمْ "އެވެ. މާނައީ: "ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެ ހަނދުމަ ކުރާށެވެ! އޭރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހަނދުމަކުރައްވާ ހުށީމެވެ..." 

މިއީ މާނައޮޅިގެން އުޅެންވީ ބަސްފުޅެއް ނޫނެވެ. ވަރަށް މާނަ ތިލަ ، ވަރަށް ސާފު ބަސްފުޅެކެވެ. ދުނިޔަވީ ބަޙުރުވައިންނަމަ "ކަލޭ މިވެނިކަމެއް ކުރާށެވެ! އެއިރުން އަހުރެން މިވެނިކަމެއް ކުރާނަމެވެ. ނުވަތަ ކޮށްދޭނަމެވެ." ބުނެވޭ އުޞޫލުން އޮތް ބަސްފުޅެކެވެ. 

ވީމާ އަހުރެމެންނަށް އޮތީ ގިނަގިނައިން ﷲ ތަޢާލާ ހަނދުމަކުރުމެވެ. ގިނަގިނައިން "ޔާ ﷲ! ކިޔުމެވެ. އެއިރުން ﷲ ތަޢާލާ "ޔާ ޢަބްދީ" ވަޙީކުރައްވަވާނެތެވެ. ވިސްނައިލަންވީ މި ގޮތަށެވެ. ތިބާއަކީ ﷲ ތަޢާލާ ތިބާއަށް ގޮވައިލައްވަވާ އަޅަކަށް ވެވިއްޖެނަމަ ކުރާނެ ފައިދާއަށެވެ. ތިބާއަށް ދެރައެއް ގެއްލުމެއް ދެވޭނީ ކާކަށް ހެއްޔެވެ؟ ހިތްދަތިކުރުވޭނީ ކާކަށް ހެއްޔެވެ؟ އެމީހަކު މިދުނިޔެއަކު ނުހުންނާނެއެވެ.

- ޑރ. ޔާސިރު ޤާޟީގެ ދަރުސަކުން

 

 

 

 

މިއަދު އޮންލައިން