ކަންކަމަށް އެދި ދުޢާކުރާއިރު ތިމާ ފުރިހަމަކުރަންޖެހޭ ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 58ސ
ކަންކަމަށް އެދި ދުޢާކުރާއިރު ތިމާ ފުރިހަމަކުރަންޖެހޭ ކަންކަން-

އަހަރެމެން ކޮންމެ މީހަކު ދުޢާއެއްކުރާއިރަށް "ކަލޭ މިހެން ހަދާ! ކަލޭ މިވެނިކަމެއްކުރޭ!" މިފަދަ މޭރުމަކުން އެމީހަކަށް ﷲ ތަޢާލާ ވަޙީއެއް ނުކުރައްވަވާނެތެވެ. ނަމަވެސް ދުޢާކުރުމުގެ ކުރިން ޢަމަލުކުރަންޖެހޭނެ ގޮތް ﷲ ތަޢާލާ ވަނީ ބަޔާންކޮށްދެއްވަވައިފައެވެ. 

އެއް މިޘާލަކީ އެހައި ގިނަ ދުވަހު އެހައިބޮޑު އާލާސްކަންފުޅެއްގައި އުޅުއްވެވުމަށްފަހުގައިވެސް ދުޢާކުރެއްވެވި ހިނދެވެ. ވަޙީކުރެއްވެވީ ބިމުގައި ފައިންޕުޅުން ޖެއްސެވުމަށެވެ. އެރުން އަރާ ފެން ހިއްޕެވުމަށާއި އެފެން ގައިކޮޅުގައި އުނގުޅުއްވެވުމަށެވެ. 

"(އެކަލޭގެފާނަށް އެންގެވިއެވެ.) ކަލޭގެފާނުގެ ފައިންޕުޅުން (ބިމުގައި) ޖައްސަވާށެވެ! (ދެން އެތަނުން ފެންއާރެއް ނުކުތުމުން އެންގެވިއެވެ.) މިއީ ކަލޭގެފާނު ނާނެފިއްލެވުމަށާއި، ހިއްޕެވުމަށްވާ ފިނި (ހިހޫ) ފެނެވެ." (ޞޯދް: 42) 

ދެން ނިކަން ވިސްނައިލަބަލާށެވެ. އެހައި ގިނަ ދުވަހު އެހައި ބޮޑު އާލާސްކަންފުޅެއްގައި އުޅުއްވަވަން ޖެހިވަޑައިގެންނެވުމުން އައްޔޫބްގެފާނުގެ ހަށިކޮޅުގައި ހުންނާނީ ބިމުގައި ފައިންޕުޅުން ޖައްސަވަން ކޮން ބާރެއް ހެއްޔެވެ؟ ﷲ ތަޢާލާ އިރާދަކުރެއްވެވިނަމަ އައްޔޫބުގެފާނުގެ  ފައިންޕުޅުން ނުޖެއްސެވިޔަސް ފެން ނުއެރުއްވެވޭނީ ހެއްޔެވެ؟ 

ނޫނެކެވެ! ﷲ ތަޢާލާއަށް އެކަލާނގެ އިރާދަކުރައްވަވައިފި ކޮންމެ ކަމެއް ނުހަނު ފަސޭހައިން ކުރެއްވެވޭނެއެވެ. އެހެންކަމާއިއެކުވެސް އަހުރެމެންނަށް އެދެއްކެވީ ކަންކަމަށް އެދިގެން ކޮންމެ މީހަކުވެސް އެމީހަކަށް ކުރެވުނު މަސައްކަތެއް ކުރަންޖެހޭނެ ކަމެވެ. 

މަރްޔަމްގެފާނު ނުހަނު ބަނޑުފުޅުހައިވެވަޑައިގެންނެވި ވަޤުތު އެތައް ބައަކަށް ނޫނީ ތަޅުވައި ނުލެވޭނެ ވަރުގެ ކަދުރުރުކެއް ތަޅުވާލަން ވަޙީކުރެއްވެވީވެސް ހަމަ މިބުނި ގޮތުގައެވެ. 

"އަދި ކަމަނާއާ ދިމާޔަށް ކަދުރުރުކުގެ ގަސްގަނޑު ހަލުވައިލައްވާށެވެ! އޭރުން ދޮންވެ ފައްކާވެފައިވާ ކަދުރުތައް، ކަމަނާގެ އަރިހަށް ފައިބާނެތެވެ." (މަރްޔަމް: 25) 

ހަނދާނުގައި ބަހައްޓާށެވެ! ކަންކަމަށް ބޭނުންވުމުން ދުޢާކޮށްފީމޭ، ވަކީލްކޮށްފީމޭ ބުނުމަކުން އަދި ނުފުދޭނެއެވެ. އެކަމަށް އެމީހަކަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރަންޖެހޭނެއެވެ. 

އެއަށްފަހު ﷲ ތަޢާލާ އާއި ކުއްތަންވުމަށް ކުރެވެންހުރި ހުރިހާ ކަމެއް ކުރަންޖެހޭނެއެވެ. ތިމާ އެދޭ ކަންތައްތައް ﷲ ތަޢާލާ ހިންމަވައިދެއްވަވާނެ ކަމުގެ ޔަޤީންކަން ހިތަށް ލިބެންދެން ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތްކުރާށެވެ. އެކަން ހިތަށް ޔަޤީންކުރެވުމުން ދުޢާކޮށް ވަކީލްކޮށް ކެތްތެރިވާށެވެ. އެމީހަކު އެދޭ ކަންކަން ﷲ ތަޢާލާ ހިންމަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ 

- ޝައިޚް ޢަލީ ޙައްމުދާގެ ދަރުސަކުން 

މިއަދު އޮންލައިން