ކައިވެނީގެ ތެރޭގައި ކަންތައް ބަހައްޓަންވީގޮތާ، ކައިވެނީގެ ފަހުގައި ޢަމަލުތައް ބަހައްޓަންވީގޮތާ، ދެމަފިރިންގެ މެދުގައި މައްސަލަ ޖެހުމުން ކަންތައް ކުރާނެގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 50ސ
ކައިވެނީގެ ތެރޭގައި ކަންތައް ބަހައްޓަންވީގޮތާ، ކައިވެނީގެ ފަހުގައި ޢަމަލުތައް ބަހައްޓަންވީގޮތާ، ދެމަފިރިންގެ މެދުގައި މައްސަލަ ޖެހުމުން ކަންތައް ކުރާނެގޮތް-

ކައިވެނީގެ ތެރޭގައި ކަންތައް ބަހައްޓަންވީގޮތް

ކައިވެނީގެ ޙަފްލާއަކީ އިސްލާމީ ގިއުގަނޑުގެ ތެރޭގައި ބޭއްވޭ ޙަފްލާއަކަށް ވާންވާނެއެވެ. ޒަވާޖީ ޙަޔާތުގެ ބިންގާ އެޅުމުގެ އުފާ ފާޅުކުރުމުގެ ގޮތުން ބާއްވާ ޙަފްލާގައި އިސްލާމްދީން މަނާކުރާފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ. މިޒަމާނުގައި ކައިވެނީގެ ޙަފްލާތަކުގައި މިއޮންނަ މިއުޒިކްޝޯތަކާއި، ދެޖިންސުގެ މީހުން މަސްހުނިވެގެން ތިބުމާއި، ބޮޑެތި އިސްރާފުކުރުމާއި އެނޫންވެސް މުންކަރާތް ތަކުން މިއުފާވެރި ޙަފްލާ ކިލަނބު ކޮށްލައިގެން ނުވާނެއެވެ.

މިއީ ޒަވާޖީ ޙަޔާތުގެ ބިންގަލެވެ. ޙަޔާތުގެ އެންމެ އުފާވެރި އެއް ދުވަހެވެ. ވީމާ، މިބިންގާ ސީދަލަށް އެޅޭތޯ ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރަންވާނެއެވެ. ކައްޗަށްއެޅި ބިންގާ ކެއްޗާ ހަމައަށް ދިޔަނަމަވެސް ހުންނާނީ ކަތިކޮށްނޭ ދިވެހި ހަރުބަހުގައިވެސް ބުނެއުޅޭފަދައިންނެވެ.

ކައިވެނީގެ ޢަގްދުކޮށް ދެމަފިރިން އެކަހެރިވާ ވަގުތުގައިވެސް ކީރިތި ރަސޫލާ ޞައްލަ ﷲ އަލައިހި ވަސައްލަމަ ދެއްވި އިރްޝާދާއި އެއްގޮތްވާ ގޮތުގެ މަތިން އަނބިމީހާ އަށް އޯގާތެރިވާންވާނެއެވެ. ފިރިމީހާ އިސްވެހުރެ ދެމަފިރިން ޖަމާޢަތުގައި ދެރަކްޢަތް ނަމާދެއް ކުރުމަށްފަހު އަނބިމީހާގެ ނިތްކުރީގައި ކަނާއަތް އަޅާފައި އަންނަނިވި ދުޢާ ކިޔަންވާނެއެވެ.

(اللهم إني أسألك خيرها وخير ما جبلتها عليه، وأعوذ بك من شرها وشر ما جبلتها عليه).  

މާނައަކީ: "ހައްދަވާ ގެންގުޅުއްވާ އިލާހެވެ. މީނާގެ ކީބާގައިވާހާ ހެޔޮކަމަކާއި މީނާގެ ޠަބީޢަތުގައިވާހާ ހެޔޮކަމެއް މިއަޅާއަށް މިންވަރުކޮށްދެއްވާފާންދޭވެ. އަދި މީނާގެ ކިބައިގައިވާހާ ނުބައިކަމަކާއި މީނާގެ ޠަބީޢަތުގައި ލައްވާފައިވާހާ ނުބައިމަކުން މިއަޅާ ދުރުހެލިކޮށްދެއްވާފާންދޭވެ".

ދެން ކިރުތައްޓެއްގެ އެއްބައި ފިރިމީހާ ބޮއިފައި އަނެއްބައި ފިރިމީހާގެ އަތުން އަނބިމީހާއަށް ދޭށެވެ. އަދި ތަށީގައި ފިރިމީހާ އަނގަޖެހި ހިސާބުގައި އަނބިމީހާވެސް އަނގަޖައްސުވާށެވެ.

އެޔަށްފަހު އަނބިފިރިކަމުގެ ގުޅުން ހިންގަން ފެށުމުގެ ކުރިން ވުޟޫކޮށް ރަގަޅަށް ތައްޔާރުވެ، އަނބިމީހާ އަށް އޯގާތެރިކަމާއި އެކު ލޯބިދޭންވާނެއެވެ. އަދި އަންހެނުންނަށް ވުރެ އަވަހަށް ފިރިހެނުން ގެ އެދުންވެރިކަން ދާނެ ކަން އެނގި އެކަމަށް ފިޔަވަޅު އަޅަންވާނެއެވެ.

އެގޮތުން އަނބިފިރިކަމުގެ ގުޅުން ހިންގަންފެށުމުގެ ކުރިން ފާޚަނާކޮށް ވުޟޫކޮށް،އަނބިމީހާ އާއި ރަގަޅަށް ލޯބިކުރުމަށްފަހު މެނުވީ ޖިމާޢުވާން ފަށައިގެން ނުވާނެއެވެ. އަދި ޖިމާޢު ވުމުގެ ކުރިން ދުޢާ ކިޔަންވާނެއެވެ. އެދުޢާ އަކީ: (اللهم جنبنا الشيطان وجنب الشيطان ما رزقتنا)މާނައަކީ: "ހައްދަވާ ގެންގުޅުއްވާ އިލާހެވެ. އަޅަމެންގެ ކިބައިން ޝައިޠާނާ ދުރުކުރައްވަފާންދޭވެ، އަދި އަޅަމެންގެ ދަރިފަސްކޮޅުގެ ކިބައިންވެސް ޝައިޠާނާ ދުރުކުރައްވަފާންދޭވެ".

ކައިވެނީގެ ފަހުގައި ޢަމަލުތައް ބަހައްޓަންވީގޮތް-

އަނބިމީހާއަކީ ތިމާއާއި ޙަވާލުވެފައިވާ ވަރަށްވެސް ބޮޑު އަމާނާތެއްކަން ހަނދާނުގައި ބަހައްޓާށެވެ. އޭނާގެ ބައްޕަގެ ބެލުމުގެ ދަށުން ތިމާގެ ބެލުމުގެ ދަށަށް ގެނައީ ހެޔޮކޮށް ހިތުމަށް ވަޢުދުވެފައިކަން ދަންނާށެވެ. އެހެންކަމުން އިޙްސާންތެރިކަމާއި އޯގާތެރިކަމާއި އެކު ކަންތައްކޮށްދޭށެވެ. އަދި އަނބިމީހާ އަށް ދޭންޖެހޭ އެންމެހައި ޙައްގުތައް އެންމެ ފުރިހަމަގޮތުގައި ދެވޭތޯބަލާށެވެ.

ދީނީގޮތުން އަނބިމީހާއަށް ބުނެދޭންހުރި ކަންތައްތައް ބުނެދޭށެވެ. ރަސޫލު ﷲ ޞައްލަ ﷲ އަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (خيركم خيركم لأهله، وأنا خيركم لأهلي)މާނައަކީ: ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮކަންބޮޑުމީހަކީ އެމީހެއްގެ އަހުލުވެރިންނަށް (އަނބިންނަށް) އެންމެ ހެޔޮ މީހާ އެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނީ ތިމަންކަލޭގެފާނުގެ އަހްލުންނަށް (އަނބިންނަށް) އެންމެހެޔޮމީހާ އެވެ."

ދެމަފިރިންގެ މެދުގައި މައްސަލަ ޖެހުމުން ކަންތައް ކުރާނެގޮތް-

ފިރިމީހާ އަނބިމީހާގެ މައްޗަށް ލާޒިމްވެގެންވާ ޙައްގުތަކެއްވާފަދައިން އަނބިމީހާ ފިރިމީހާގެ މައްޗަށް ލާޒިމްވާ ޙައްގުތަކެއްވެސްވެއެވެ. އެގޮތުން އެންމެ މުހިންމުކަމަކީ މާތް ﷲ އަށް އުރެދުމެއްނުވާ ކޮންމެ އަމުރަކަށް ފިރިމީހާއަށް ކިޔަމަންތެރިކަން އަދާ ކުރުމެވެ.

އަދި ފިރިމީހާ އަނބިފިރިކަމުގެ ގުޅުން ހިންގަން އެދިއްޖެ ޙާލަތެއްގައި އެކަމަށް ފުރަގަސްދީގެން ނުވާނެއެވެ. އަދި ފިރިމީހާގެ އިޒުނައަކާއި ނުލައި އެއްވެސްމީހަކު އޭނާގެ ގެއަށްނުވެއްދުމެވެ. އަދި ފިރިމީހާގެ އިޒުނައަކާ ނުލައި ގެއިންބޭރަށް ނުނިކުތުމެވެ. އަދި ފިރިމީހާއަށްޓަކައި ޒީނަތްތެރިވެ އެހެންމީހަކަށް އެޒީނަތް ނުދެއްކުން ހިމެނެއެވެ.

އިސްވެބަޔާން ކުރެވުނު ޙައްގުތައް އަދާކުރުމުގައި އަނބިމީހާ ފަސްޖެހިއްޖެނަމަ އޭނާއަށް ހެޔޮގޮތުގައި މަޑުމައިތިރިކަމާއި އޯގާތެރިކަމާއި އެކު ނަޞޭޙަތްދޭންވާނެއެވެ. އަދި އޭނާ ކިޔަމަންތެރި ނުވެއްޖެނަމަ މާތް ﷲ ރުހިވޮޑިގެންނުވާ ކަންތައްތަކަކަށް އަރައިގަނެވެނީކަން ހަނދާންކޮށްދޭންވާނެއެވެ.

އަދި ނުކިޔަމަންތެރިކަންމަތީ ދެމި ހުރެއްޖެނަމަ ދެން ކަންތައްވެގެން ހިނގައިދާނެ ގޮތްތައް ކިޔައިދީ ހަނދާންކޮށްދޭންވާނެއެވެ. އެކަންތަކުގެ ތެރޭގައި ފިރިމީހާ އޭނާ އަށް ކުރާ ޚަރަދު ހުއްޓަލަންޖެހިދާނެކަންވެސް ބުނެދޭންވާނެއެވެ. ނަޞޭޙަތްދީގެން ރަގަޅު ނުވެއްޖެނަމަ ތަންމަތިންވަކި ކުރާނީއެވެ. އެގޮތުންވެސް ރަގަޅު ނުވެއްޖެނަމަ އަނިޔާނުވާނޭހެން އަދަބު ދިނުންވެސް ހުއްދަވެގެންވެއެވެ. މިގޮތުންވެސް ޙައްލަކަށް ނާދެވިއްޖެނަމަ ފިރިމީހާގެ ފަރާތުން މީހަކާއި، އަނބިމީހާގެ ފަރާތުން މީހަކު އައިސް ދެފަރާތުގެ ވާހަކަތައް އަޑުއަހާ ޙައްލެއް ހޯދޭތޯ މަސައްކަތް ކުރާނީއެވެ. މިގޮތުންވެސް ކާމިޔާބު ނުވެއްޖެނަމަ ވަރިއާއިހަމަ އަށް ދާނީ އެވެ. 

والله أعلم

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

 

މިއަދު އޮންލައިން