ގިނަ ބައަކު އެންމެ ބޮޑަށް ކަންބޮޑުވާ އެއްކަމަކީ އެމީހާގެ ޢަމަލުތައް މީޒާނުގައި ކިރުއްވަވާ ކަމެވެ. ނަމަވެސް ރަނގަޅަށް ވިސްނައިފިނަމަ އެކަމުން ލިބޭ ފައިދާ އެނގޭނެއެވެ. އެކަމާއިމެދު ކަންބޮޑު ވެވެނީ ރަނގަޅަށް ވިސްނައި ނުލެވޭތީއެވެ.
މިގޮތަށް ވިސްނާށެވެ! ކޮންމެ މީހަކަށްވެސް ފާފަކުރެވޭނެކަން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ވީމާ ފާފަކުރާ ކޮންމެ މީހަކު ނަރަކައަށް ވައްދަވާކަށް ﷲ ތަޢާލާ ބޭނުންފުޅުވެވޮޑިގެނެއް ނުވެއެވެ. މީޒާނުގައި މީހާގެ ޢަމަލުތައް ކިރުއްވަވަނީ އެހެންވެގެންނެވެ.
މީޒާނުގައި ޢަމަލުތައް ކިރުއްވަވާކަން އެއީ ސުވަރުގެ ވަނުމަށް ދެއްވަވާ ފުރުޞަތެވެ. މިޘާލަކަށް ބުނާނަމަ ފާފަ ކުރެވިފައިވީނަމަވެސް ކުރެވުނު ހެޔޮ ޢަމަލުތައް ގިނަވެއްޖެނަމަ ބުރަވާނީ ހެޔޮ ކަމުގެ ކޮޅަށެވެ. އެއިރުން ކުރެވިފައިވާ ފާފަތައް ބާޠިލުވެގެންދިއައީއެވެ. ސުވަރުގެ ވަދެވުނީއެވެ. އިން ޝާ ﷲ
އެކަމަކު ވިސްނާށެވެ! ސުވަރުގެ ވަދެވެނީ އެމީހަކު ކުރި ޢަމަލުތަކުގެ ސަބަބަކުން ނޫނެވެ. ﷲ ތަޢާލާގެ ރަޙްމަތްފުޅުންނެވެ. ﷲ ތަޢާލާގެ ރަޙްމަތްފުޅު ލިބެން މިއަންނަނީ ހެޔޮ ޢަމަލުކޮށްގެންނެވެ. ނަހީކުރެއްވެވި ކަންކަން ނުކޮށް ދުރުހެލިވެގެން ހުރުމުންނެވެ. ސުވަރުގެ ވަނުމަށް އެދޭމީހާ ވީހާ ގިނައިން ހެޔޮޢަމަލުކުރަންވީވެސް ފާފަތައް ނުކޮށް ހުންނަންވީވެސް އެ ސަބަބަށްޓަކައެވެ.
- މުފްތީ މެންކުގެ ދަރުސަކުން