ނޫޙުގެފާނު- 7: މުއުމިނުން ނާކޮޅަށް އެރުން

ކިޔުމަށް ހޭދަވާނީ 5މ 57ސ
ނޫޙުގެފާނު- 7: މުއުމިނުން ނާކޮޅަށް އެރުން

ޢަލީ އިޙްޞާން ފިރާޤް

 

މާތްالله سبحانه وتعالى ގެ ފުރިހަމަ ބެއްލެވުމުގެ ދަށުން އެކަލާނގެ އަމުރުފުޅާ އެއްގޮތަށް نوح عليه السّلام ނާކޮޅު ބަންނަވައި ނިންމަވައިލެއްވިއެވެ. ކާފިރުވި ޤައުމުގެ މީސްތަކުންގެ މައްޗަށް މާތް ގެ ގަދަފަދަ ޢަޛާބު އައުމުގެ ވަގުތު ޖެހިއްޖެއެވެ. އެހިނދު މާތް،  نوح عليه السّلام އަށް ކޮންމެ ޖަނަވާރެއްގެ ތެރެއިން އަންހެން އަދި ފިރިހެން ޖަނަވާރެއް ނާކޮޅަށް ލެއްވުމަށް އެންގެވިއެވެ. އީމާންވި މީސްތަކުންނާއި، نوح عليه السّلام ގެ އަހުލުވެރިންގެ ތެރެއިން އީމާންވި މީސްތަކުން ނާކޮޅަށް އެރުމަށް އެނގެވިއެވެ. މިކަމަށް އިޝާރާތްކުރައްވައި ކީރިތި ޤުރްއާނުގެ މުއުމިނޫން ސޫރަތުގެ 27 ވަނަ އާޔަތުގައި މާތްވަޙީ ކުރައްވައިފައިވެއެވެ. 

"فَإِذَا جَاءَ أَمْرُنَا وَفَارَ التَّنُّورُ ۙ فَاسْلُكْ فِيهَا مِن كُلٍّ زَوْجَيْنِ اثْنَيْنِ وَأَهْلَكَ إِلَّا مَن سَبَقَ عَلَيْهِ الْقَوْلُ مِنْهُمْ ۖ وَلَا تُخَاطِبْنِي فِي الَّذِينَ ظَلَمُوا ۖ إِنَّهُم مُّغْرَقُونَ ﴿٢٧﴾"

މާނައީ: [ފަހެ، ތިމަންރަސްކަލާނގެ (عذاب ގެ) أمر ފުޅުއައިސް އުނދުނުގެ ތެރެއިން ފެންއަރައި، އުތުރިގެންފިހިނދު، ފަހެ، އެހިނދު ކޮންމެ އެއްޗަކުން (އަންހެން ފިރިހެން) ޖޯޑަކާއި، އެއުރެންގެ ތެރެއިން ހަލާކުވުމުގެ أمر ފުޅު އިސްވެހިނގައްޖެމީހަކު މެނުވީ، ކަލޭގެފާނުގެ أهل ވެރިން އެ ނާކޮޅަށް ލައްވާށެވެ! އަދި އަނިޔާވެރިވީ މީހުންނާމެދު، ތިމަންރަސްކަލާނގެ حضرة އަށް ކަލޭގެފާނު ބަސް ނުދަންނަވާށެވެ! ހަމަކަށަވަރުން، އެއުރެންނީ، غرق ކުރައްވާނޭ މީހުންނެވެ.] 

މުއުމިނުންގެ ޢަދަދު:

نوح عليه السّلام ގެ ނާކޮޅަށް އެރި މީހުންގެ ޢަދަދާއިމެދު ޢިލްމުވެރިންގެ މެދުގައި ވަރަށް ބޮޑެތި ޚިލާފުތަކެއް އުފެދިފައިވެއެވެ. ކީރިތި ޤުރުއާނާއި ރަސޫލާ صلّى اللّـه عليه وسلّم ގެ ސުންނަތުން އެ ޢަދަދާއިމެދު އެއްވެސް ދަލީލެއް ވާރިދުވެގެން އައިސްފައި ނުވާތީއެވެ. نوح عليه السّلام ގެ ނާކޮޅަށް އެރި މީހުންގެ ޢަދަދާ ބެހޭގޮތުން ރިވާވެގެންވާ ބަސްފުޅުތަކުން ދޭހަވާ ކަމެއްވެއެވެ. އެއީ، نوح عليه السّلام ރަސޫލުކަމުގެ މަސްޢޫލިއްޔަތު އަދާކުރެއްވުމުގައި ހޭދަކުރެއްވި ދިގު މުއްދަތާ އަޅާ ބަލާއިރު އެކަލޭގެފާނަށް އީމާންވީ ވަރަށް މަދު ޢަދަދެއްގެ ބަޔެއްކަމެވެ.

ޢަބްދު ބިން ޢައްބާސް ރަޟިޔަ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވެފައިވެއެވެ. [نوح عليه السّلام ގެ ނާކޮޅަށް އެރީ 80 ފިރިހެނުންނާއި އެބައިމީހުންގެ އަނބިދަރީންނެވެ.] ކަޢުބުލް އަޙްބާރު ގެ ފަރާތްޕުޅުން ވާރިދުވެގެންވާ ބަސްފުޅެއްގައިވަނީ، نوح عليه السّلام ގެ ނާކޮޅާށް އެރީ 70 މީހުންކަމަށެވެ. ނޫޙުގެފާނުގެ ނާކޮޅަށް އެރީ ދިހަމީހުން ކަމަށާއި ހަތް މީހުން ކަމަށްވެސް ރިވާވެގެން އައިސްފައިވެއެވެ. {އިބްނު ކަޘީރު،އަލްބިދާޔަތު ވައްނިހާޔަތު، ފުރަތަމަ ޖިލްދު، ޞަފްޙާ 261} 

ކުރިންވެސް ދެންނެވި ފަދައިން ކީރިތި ޤުރްއާނުގެ އާޔަތަކުންވެސް ރަސޫލާ صلّى اللّـه عليه وسلّم ގެ ޞައްޙަ ޙަދީޘް ބަސްފުޅަކުވެސް ނޫޙުގެފާނުގެ ނާކޮޅަށް އެރިމީހުންގެ އަދަދު އެނގޭކަށްނެތެވެ.    

އިބްނުޢައްބާސްގެފާނު ވިދާޅުވެފައިވެއެވެ. [ނޫޙުގެފާނުގެ ނާކޮޅަށް އެންމެ ދޫނިސޫފާސޫފީގެ ތެރެއިން އެންމެ ފުރަތަމަ އެރީ ގުރައެވެ. ޖަނަވާރުންގެ ތެރެއިން އެންމެ ފަހުން އެރީ ޙިމާރެވެ. އޭގެ ނަގުލުގައި އެލިގަނެގެން ޝައިތާނާ އެ ނާކޮޅަށް އެރިއެވެ.]{އިބްނު ކަޘީރު،އަލްބިދާޔަތު ވައްނިހާޔަތު، ފުރަތަމަ ޖިލްދު، ޞަފްޙާ 260} މި ރިވާޔަތަކީ ޟަޢީފު ރިވާޔަތެއްކަމުގައި އަލްބާނީ ވިދާޅުވެފައިވެއެވެ. އެހެނީ މި ރިވާޔަތުގެ ސަނަދުގައި علي بن زيد بن جدعان ހިމެނެއެވެ. އޭނާއަކީ ޟަޢީފު ރާވީއެކެވެ. {قصص الأنبياء مخرجة على الألباني}

ابن أبي حاتم ރިވާކުރައްވައިފައިވެއެވެ. ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. ނޫޙުގެފާނު އެކަލޭގެފާނުގެ ނާކޮޅަށް ދިރޭތަކެތީގެ ތެރެއިން ކޮންމެ ވައްތަރަކުން ޖޯޑެއްލެއްވި ހިނދު އެކަލޭގެފާނުގެ އަޞްޙާބުން ދެންނެވިއެވެ.  

[އަޅުގަނޑުމެންގެ މިނަވުގައި ސިންގާވެސް އޮއްވައި ގެރިބަކަރިފަދަ ޖަނަވާރުތައް ސަލާމަތްވެދާނެކަމަށް އަޅުގަނޑުމެންނަށް ޔަޤީންކަން ލިބެނީ ކޮންފަދައަކުންތޯއެވެ؟] 

އެހިނދު މާތް ގެ ޙަޟްރަތުން ސިންގާގެ މައްޗަށް ހުމުގެ ރޯގާއެއް ފޮނުއްވިއެވެ. އެއީ އެންމެ ފުރަތަމަ ފަހަރަށް ފޮނުއްވި ހުމުގެ ރޯގާއެވެ. ދެން އެއަށްފަހު އެކަލޭގެފާނުގެ އަޞްޙާބުން މީދަލުގެ މައްޗަށް ޝަކުވާ ދެންނެވިއެވެ. އެބައިމީހުން ދެންނެވިއެވެ. [އަޅުގަނޑުމެންނާއެކުގައި މި މަކަރުވެރި ކުޑަކުޑަ ޙައިވާނުވެސް އެބަވެއެވެ. އެސޮރު އަޅުގަނޑުމެންގެ ކާބޯތަކެއްޗާއި، ހިފައި ގެންގުޅޭތަކެތި ހަލާކުކޮށްފާނެއެވެ.

އެ ހިނދު މާތް ގެ މިންވަރުފުޅުން ސިންގާ ކިނބިހިއެޅިއެވެ. އަދި އެ ސޮރުގެ ހިނދުރިން ބުޅާ ނުކުތެވެ. ދެން ބުޅަލަށް ބިރުން މީދާ މައިތިރިވެއްޖެއެވެ. {އިބްނު ކަޘީރު،އަލްބިދާޔަތު ވައްނިހާޔަތު، ފުރަތަމަ ޖިލްދު، ޞަފްޙާ 261}  މިއީ ޟަޢީފު ރިވާޔަތެކެވެ.

 

މިއަދު އޮންލައިން