މުސްލިމަކު ޤިޔާމަތް ދުވަހު ހިތާމަކުރަންޖެހޭނީ އެންމެ ކަމެއް ނުކުރެވުނު ނަމައެވެ! އެއީ ކޮން ކަމެއް؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
މުސްލިމަކު ޤިޔާމަތް ދުވަހު ހިތާމަކުރަންޖެހޭނީ އެންމެ ކަމެއް ނުކުރެވުނު ނަމައެވެ! އެއީ ކޮން ކަމެއް؟

މީސްތަކުންނޭވެ! ރަނގަޅަށް ވިސްނާށެވެ! އެހެން ހުރިހާ އުންމަތަކަށްވުރެ އަހުރެމެންގެ އުންމަތް މަތިވެރިކުރައްވަވާފައިވަނީ ސަބަބުތަކަކާއިއެކުގައެވެ. އަހުރެމެން ކުރާ ހެޔޮ ޢަމަލުތަކަކަށް ހެޔޮ ޖަޒާ ދެއްވެވުމުގައި އިމެއް ނެތެވެ. ހަމައެފަދައިން ގަދަފަ ޢަޛާބް ދެއްވަވަނީވެސް ޢަޛާބް ޙައްޤުވާތީއެވެ. 

މިޘާލަކަށްބަލާނަމަ ޞަޙާބީންގެ މިބަސްފުޅަށް ވިސްނައިލާށެވެ! "ހެޔޮކަމަކަށްވާނެ އެއްވެސް ޢަމަލެއް ކުރަންވީ ގޮތް އަހުރެމެންނަށް ދަސްފުޅުކޮށް ނުދެއްވަވައި ރަސޫލް ދޫކޮށްލައްވަވާފައެއް ނުވެއެވެ. ހަމައެފަދައިން ފާފައަކަށްވެދާނެ އެއްވެސް ކަމަކާއިމެދު އިންޒާރުނުކުރައްވަވައި ދޫކޮށްލައްވަވާފައެއްވެސް ނުވެއެވެ. އެންމެ ކުޑަމިނުން ފާޚާނާކުރުމަށްފަހު ތާހިރުވާނެ ގޮތްވެސް ވަނީ ދަސްފުޅުކޮށް ދެއްވަވައިފައެވެ." 

މިއީ ޞަހާބީން ފަޚުރުވެރިކަމާއިއެކު ވިދާޅުވަމުން ގެންދެވި ބަސްފުޅުތަކެވެ. އަދި އެކަން އޮތްގޮތްވެސް މެއެވެ. ހޯދާ ބަލައިފި ކޮންމެ މީހަކަށް މިއީ ތެދުކަން ޔަޤީންކުރެވޭނެއެވެ. އެހެންވީމާ އެފާފަކުރީ ނުއެނގޭތީ ކަމަކަށް ނުބުނެވޭނެއެވެ. ނުއެނގި އޮތްނަމަ އޮންނާނީ އެމީހެއްގެ އިހްމާލުންނެވެ. އެމީހެއްގެ ފަރުވާކުޑަކަމުންނެވެ. 

ދެން އޮތީ އެންމެ ބޮޑު އުފާވެރިކަމެވެ. އެއީ ނުއެނގިހުރެ ކުރެވުނަސް އެނގިގެންހުރެ ކުރެވުނަސް ފާފައެއް ކުރެވިއްޖެނަމަ ތައުބާވުމުން ވަޤުތުން އެމީހެއްގެ ފާފަ ފުއްސަވައިދެއްވަވާތީއެވެ. ވީމާ އަހުރެމެން އާޚިރަތް ދުވަހު ފޭލްވާނަމަ ފޭލްވާނީ ހަމަ އެންމެ ކަމެއް ނުކުރެވުނީތީއެވެ. 

އެއީ ތައުބާ ނުވެވުމެވެ. ވީމާ ތައުބާވުމަށް އަވަސްވެގަތުމަށް ސަމާލުކަންދޭށެވެ. އަބަދުވެސް ތައުބާވަމުން ގެންދާށެވެ. މާދަމާ ތައުބާވުމަށް ލަސްނުކުރާށެވެ! މާދަމާ ދުނިޔޭގައި ހުރެވޭނެ ކަމުގެ ޔަޤީންކަން ނެތުމުންނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން