އެންމެ ހެޔޮލަފާ އަންހެނަކަށްވާން ވަރަށް ބޭނުން! އެކަމަކު މިޙަދީޘްފުޅުގައިވާފަދަ އަންތބަކަށްވާން ވަރަށް އުނދަގޫ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 45ސ
އެންމެ ހެޔޮލަފާ އަންހެނަކަށްވާން ވަރަށް ބޭނުން! އެކަމަކު މިޙަދީޘްފުޅުގައިވާފަދަ އަންތބަކަށްވާން ވަރަށް އުނދަގޫ!

މިއީ މިއަދުނޫހުން އަޅުގަނޑަށް ފެނިފައިވާ ޙަދީޘްފުޅެކެވެ! އަޅުގަނޑު ކުރާ ހުރިހާ އަޅުކަމުގެ ވާހަކަ ދައްކާކަށް ނެތީމެވެ. މަސައްކަތް މިކުރަނީ އެންމެ ތަޤްވާވެރި މީހަކަށްވެވޭތޯއެވެ. 

ރަސޫލް ޞައްލަ ﷲ އަލައިހި ވަސައްލަމް ގެ އަރިހުން އެންމެހެޔޮކަންބޮޑު އަންހެނަކީ ކޮބައިތޯ ސުވާލު ކުރެވުމުން ޙަދީޘް ކުރެއްވިއެވެ. 

(التِي تَسُرُّهُ إِذَا نَظَرَ إِليهَا ، وَتُطِيعُهُ إِذَا أَمَر ، وَلا تُخَالِفُهُ فِي نَفسِهَا وَلا فِي مَالِهِ بِمَا يَكرَهُ) 

މާނަ އަކީ: "އެންމެ ހެޔޮ އަންހެނަކީ ފިރިމީހާ އޭނާ އަށް ބަލައިލުމުން އުފާވެރިކަންލިބޭ، ކަމަކަށް އަމުރުވެވިއްޖެނަމަ ކިޔަމަންތެރިވާ،  ނަފްސާއި މުދަލުން ފިރިމީހާ ނުރުހޭފަދަ ކަންތަކުން ދުރުހެލިވެގެންތިބޭ އަންހެނުންނެވެ". 

މިޙަދީޘްފުޅުގައި ފުރަތަމަވެސް މިއޮތީ " އެންމެ ހެޔޮ އަންހެނަކީ ފިރިމީހާ އޭނާ އަށް ބަލައިލުމުން އުފާވެރިކަންލިބޭނެ" އަންތބަކުކަމުގައިވުމުގެ ވާހަކައެވެ. ފިރިމީހާއަކީ މެންދުރު ނުވަތަ ހަވީރު އޮފީހުން އައުމަށްފަހު ދިރިއުޅެން އިތުރު މަސައްކަތެއްކުރާ މީހެއް ނޫނެވެ. އޮފީހުން އައިސް ނިދާނީއެވެ. އިރުއޮއްސުމުގެ ކުރިން މިސްކިތަށްދާނެއެވެ. އެނބުރި ގެއަށްވެސް އަންނާނެއެވެ. ޢިޝާ ނަމާދުން ފައިބައިގެން ކާން އަންނާނެއެވެ. 

ކައިގެން ފޯނާކުޅެންފަށާނެއެވެ. އެކަނި އިނދެ ހީނހީނފައި އެބަ އަންނަމޭ ކިޔާފައި ނުކުމެގެންދާ މީހާ ގެއަށް އަންނަ ވަޤުތެއް ނުއެނގެއެވެ. ބައެއް ރޭރޭ އަންނަންދެން ހޭލައި އޮވެވޭތޯ ބަލަން މަސައްކަތްކުރަމެވެ. އެކަމަކު 12 ޖެހީމާ ކެތެއް ނުކުރެވެއެވެ. ދެމަފިރިން އެކުގައި ދިރިއުޅުނަސް އެއްދާން ކުރެވޭނީވެސް ގިނަވެގެން މަހަކު 1 ރެއެވެ. ބައެއް މަސްމަހު ނުކުރެވިވެސް ދެއެވެ. 

މިޙާލުގައި އުޅެނިކޮށް 3 ދަރިން ލިބިއްޖެއެވެ. ދެން ނިކަން ވިދާޅުވެބައްލަވާށެވެ! އެފިރިމީހާ އަޅުގަނޑަށް ބަލައިލުމުން ހިނިތުންވެވޭނެ ގޮތަށް ހުންނާނީ ކިހިނަކުންތޯއެވެ؟ ހިނިތުންވުމަކީވެސް އަބަދަކު ގަދަކަމުން ވެވޭނެ އެއްޗެއް ނޫންތޯއެވެ؟ 

ޙަދީޘްފުޅުގައި ދެން އޮތް ދެކަންތައް ފުރިހަމަކުރަން ގަދައަޅައި މަސައްކަތްކުރަމެވެ. " ކަމަކަށް އަމުރުވެވިއްޖެނަމަ ކިޔަމަންތެރިވާ،  ނަފްސާއި މުދަލުން ފިރިމީހާ ނުރުހޭފަދަ ކަންތަކުން ދުރުހެލިވެގެން އިންނަން" ވަރަށް ބޮޑަށް މަސައްކަތްކުރަމެވެ. 

އަޅުގަނޑަކީ ހިނިތުންވުމާއިއެކު މީހުންނާ ބައްދަލުކުރަން ބޭނުންވާ އަންހެނަކީމެވެ. އެކަމަކު ފިރިމީހާދެކެ ފޫހިވާވަރުން މިހާރު އެކަމެއް ނުކުރެވެއެވެ. މޫނުކުރެވެނީއެވެ. އެހެންވެ ފާފަވެރިވެދާނެތީ ބިރުން ވަރިވާން ޝައިޚެއް ގާތު އަހައިފިނަމަ ވިދާޅުވަނީ ކެތްތެރިވެ އިނދެ ދުޢާކުރުމަށެވެ. މިހާރު ޢުމުރުން 30 އަހަރަށްވުރެ މަތިވެއްޖެއެވެ. 

އެހެންވެ އަޅުގަނޑަށް އެގޮތަށް ޖަވާބުދެއްވާ ޢިލްމުވެރިންނަށް ސުވާލެއް ކޮށްލަން ބޭނުންވެއެވެ. "އަޅުގަނޑު މިއުޅޭ ޙާލުގައި އުޅުއްވަން ތިއަބޭފުޅުންނަށް ޖެހިވަޑައިގެންފައިވަނިކޮށް ހަމަ މިޙާލަތުގައި މިސުވާލުކުރެވުނީމާވެސް ދެއްވާނީ ހަމަ އެޖަވާބުތޯއެވެ؟" 

އަޅުގަނޑު އެދެނީ މިއަދުނޫހުން އަޅުގަނޑަށް ޖަވާބެއް ހޯއްދަވައި ދެއްވުމެވެ. 

- ޝަރީފާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

މިއަދު އޮންލައިން