ނުބައިކޮށް ކަންކަންކުރާ މީހާއަށްވެސް އެހީތެރިވުމަކީ ތިމާގެ ފާފަތައް ފުއްސަވައިދެއްވެވުމަށް ﷲ ތަޢާލާގެ ޙަޟްރަތުން އެދޭމީހާ ކުރަންޖެހޭ ކަމެއްކަން ޤުރްއާނުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 8ސ
ނުބައިކޮށް ކަންކަންކުރާ މީހާއަށްވެސް އެހީތެރިވުމަކީ ތިމާގެ ފާފަތައް ފުއްސަވައިދެއްވެވުމަށް ﷲ ތަޢާލާގެ ޙަޟްރަތުން އެދޭމީހާ ކުރަންޖެހޭ ކަމެއްކަން ޤުރްއާނުން-

އަހަރެމެންގެ ތެރެއިން ގިނަ ބައަކު މިއަދު ކަންކަންކުރާ ގޮތަކީ މީހަކު ނުބައިކޮށް ކަމެއްކޮށްފިނަމަ އެމީހަކަށް އެހީތެރިވުން ހުއްޓާލައި ދުރުހެލިވުމެވެ. ނަމަވެސް އެއީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ގޮތެއް ނޫނެވެ. 

ނުބައިކޮށް ކަންކަންކުރާ މީހާއަށްވެސް އެހީތެރިވުމަކީ ތިމާގެ ފާފަތައް ފުއްސަވައިދެއްވެވުމަށް ﷲ ތަޢާލާގެ ޙަޟްރަތުން އެދޭމީހާ ކުރަންޖެހޭ ކަމެއްކަން ޤުރްއާނުން މިއޮތީ އެނގޭށެވެ. ވީމާ ވިސްނުންތެރިވެ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތްކުރާށެވެ!   

ދަލީލު:  

ޢާއިޝަތުގެފާނުގެ ޢަބުރުފުޅަށް އަރައިގަތުމުގައި މިސްޠަޙް ބިން އުޘާޘާ އޭ ކިޔުނު ބޭކަލަކު ބައިވެރިވިއެވެ. އޭނާ އަކީ އަބޫބަކުރު ރަޟިޔަﷲ ޢަންހުގެ ތިމާގެ ބޭފުޅެކެވެ. އެހެންކަމުން އަބޫބަކރު ރަޟިޔަﷲ ޢަންހު ގެންދެވީ އޭނާ އަށް ހޭދަ ކުރައްވަމުންނެވެ. ނަމަވެސް މިސްޠަޙުގެ ފަރާތުން ޢާއިޝާ އާއި މެދުގައި ދޮގު ބުހުތާނު ވާހަކަތަކެއް ދެކެވުމާ ގުޅިގެން އެކަމާ ކޯފާ އިސްކުރައްވާ އަބޫބަކުރު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. "މާތް ﷲ ގަންދީ ބުނަމެވެ. ޢާއިޝާ އާއި ބެހޭ ގޮތުން އެދެއްކި ވާހަކަ އަށް ފަހު އަހަރެން މިސްޠަޙަށް އެކައްޗެއްވެސް ނުދޭނަމެވެ. އެހިނދު ސޫރަތުއް ނޫރުގެ 22 ވަނަ އާޔަތް މާތް ﷲ ބާވާލެއްވިއެވެ. 

(وَلَا يَأْتَلِ أُولُو الْفَضْلِ مِنكُمْ وَالسَّعَةِ أَن يُؤْتُوا أُولِي الْقُرْ‌بَىٰ وَالْمَسَاكِينَ وَالْمُهَاجِرِ‌ينَ فِي سَبِيلِ اللَّـهِ ۖ وَلْيَعْفُوا وَلْيَصْفَحُوا ۗ أَلَا تُحِبُّونَ أَن يَغْفِرَ‌ اللَّـهُ لَكُمْ ۗ وَاللَّـهُ غَفُورٌ‌ رَّ‌حِيمٌ) 

މާނައަކީ: " ތިޔަބައިމީހުންގެ ތެރެއިން ދީލަތިކަމާއި، ތަނަވަސްކަމުގެ ވެރިން،ގާތްތިމާގެ މީހުންނަށާއި، މިސްކީނުންނަށާއި، ﷲ ގެ މަގުގައި ހިޖުރަކުޅަމީހުންނަށް، ނުދިނުމަށް ހުވާނުކުރާހުށިކަމެވެ! އަދި އެއުރެން ޢަފޫކޮށް މާފުކުރާހުށިކަމެވެ! ﷲ ތިޔަބައިމީހުންނަށް ފާފަފުއްސެވުމަކަށް ތިޔަބައިމީހުން ނޭދެމުހެއްޔެވެ؟ اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ،ރަޙީމްވަންތަ ރަސްކަލާނގެއެވެ." 

މި އާޔަތް ބާވާލެއްވުމާއި އެކު އަބޫބަކުރު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. "އާދޭހެވެ. މާތް ﷲ ގަންދީ ބުނަމެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ މިއަޅާގެ ފާފަ ފުއްސަވައިދެއްވުމަށް ލޯބިކުރަމެވެ." މިހެން ވިދާޅުވުމަށް ފަހު ކުރިން ވެސް މިސްޠަޙަށް ކުރައްވަމުން ގެންދެވި ހޭދަތައް ކުރިޔަށް ގެންދެވިއެވެ. އަދި ވިދާޅުވިއެވެ. "މާތް ﷲ ގަންދީ ބުނަމެވެ. މިއެހީތައް ދުވަހަކުވެސް ތިބާގެ ކިބައިން ހުއްޓަޔެއް ނުލާނަމެވެ." ރަވާހުލް ބުޚާރީ. 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފްގެ ލިޔުއްވުމަކުން

 

މިއަދު އޮންލައިން