އެންމެ ކާމިޔާބު އެންމެ ތަނަވަސް މީހާކަމަށްވުމަށް އެދިގެން ކުރަންޖެހޭ ފުރަތަމަ ކަންތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 28ސ
އެންމެ ކާމިޔާބު އެންމެ ތަނަވަސް މީހާކަމަށްވުމަށް އެދިގެން ކުރަންޖެހޭ ފުރަތަމަ ކަންތައް-

އަހަރެމެން ކޮންމެ މީހަކުވެސް މަސައްކަތްކުރަމުން މިއަންނަނީ އަމިއްލަ ދިރިއުޅުމުގެ ކަންކަން އިޞްލާޙްކުރުމަށެވެ. އާމްދަނީ ލިބޭނެ މަގުތައް އިތުރުކޮށް އިތުރުކޮށް ތަނަވަސްކަން އިތުރުކުރުމަށެވެ. ކައިވެނިނުކޮށް ތިބި މީހުން އުންމީދުކުރަނީ އަވަހަށް ކައިވެނިކޮށް އުފާވެރި ޒަވާޖީ ޙަޔާތެއް ފެށުމަށެވެ. ކައިވެނިކޮށްގެން ތިބި މީހުން އެދެނީ ޒަވާޖީ ޙަޔާތް ބާއްޖަވެރިކޮށް ތަނަވަސް ދިރިއުޅުމެއް އުޅުމަށެވެ. 

އަދި އެވަރަކުންވެސް ނުފުދެއެވެ. ޢާއިލާއާއި މުޖުތަމަޢުއާއި ދުނިޔޭގެ ކަންކަންވެސް ތިމާ އެންމެ އެދޭގޮތަށް ބަދަލުކޮށްލަން ބޭނުންވެއެވެ. އެއިގެ ތެރެއިން އެންމެ ބޮޑު އިސްކަމެއް ދެނީ ނުވަތަ އެންމެ ބޮޑަށް ބޭނުންވާ ކަމަކީ ދުނިޔޭގައި ހުރި އެންމެ ތަނަވަސްމީހާ ކަމުގައިވެސް ވުމަށެވެ. 

ދެން ކޮށްލަން ބޭނުންވަނީ އެންމެ ސުވާލެކެވެ. މިހުރިހާ ކަންކަމަށް ތިމާއެދޭއިރު އެކަންކަން ޙާޞިލުކުރުމުގެ ތަޅުދަނޑި ހޯދައިފިން ހެއްޔެވެ؟ ޖަވާބާއިމެދު ވިސްނައިލާށެވެ. 

ކުރީ އަހަރުގެ ރަމަޟާން މަސް ފާއިތުވެ އަހަރެއް ފާއިތުވެ 2 ހަފްތާއެއްހައި ދުވަސްތެރޭގައި މިއަހަރުގެ ރަމަޟާން މަސް ބައްދަލުރަނީއެވެ. ކާމިޔާބީގެ ތަޅުދަނޑި ޙާޞީލްކުރަން ކުރެވުނީ ކޮން ކަމެއް ހެއްޔެވެ؟ ތަޤްވާވެރިކަން އިތުރުކުރެވުނު ހެއްޔެވެ؟ އެންމެ ކުޑަމިނުން ފަތިސްނަމާދުގެ އިހުސުންނަތާއި ފަތިސްނަމާދުން ދުވަސް ފެށިއްޖެ ހެއްޔެވެ؟ 

ދެން ނިކަން ބުނެބަލާށެވެ! އަވަހަށް ނިދައި ފަތިސްނަމާދުން ދުވަސް ނުފަށާ މީހަކަށް އޮތީ ކޮން ކާމިޔާބީއެއްހެއްޔެވެ؟ ތިމާގެ އެންމެ ދުވަހެއްގެ ދިރިއުޅުން ބަދަލުނުކުރެވޭ މީހަކަށް އެމީހާގެ ޙަޔާތް ނުވަތަ ދިރިއުޅޭ ޙާލަތު ބަދަލުކުރެވޭނީ ކިހިނަކުން ހެއްޔެވެ؟ އަމިއްލަ ދިރިއުޅުން ބަދަލުނުކޮށް އެހެން ބައެއްގެ ކަންކަން ބަދަލުކުރަން ކުރެވޭނީ ކޮންކަމެއް ހެއްޔެވެ؟  

މީސްތަކުންނޭވެ! ހެނދުނު 9، 10 ޖަހަންދެން ނިދަން އޮވެގެން ދިރިއުޅުމުގެ އެއްވެސް ކަމެއް ކާމިޔާބެއް ނުކުރެވޭނެއެވެ. އޮފީހަށްދާ ގަޑިޖެހޭ ވަޤުތުކުޑަތަންވުމުން ހޭލައި ތެލި ފޮޅެގަނެގެން އޮފީހަށް ދިއުމަކުން ދިރިއުޅުމަށް ލިބެން ތިއައެދޭ ކުރިއެރުމެއް ނުލިބޭނެއެވެ. ގެއިން ސައިނުބޮއި އޮފީހަސްގޮސް އޮފީހުން ސައިބޮއެގެން ބަނޑުފުރިދާނެއެވެ. ނަމަވެސް ފަތިސްނަމާދުން ދުވަސް ނުފަށާ މީހަކަށް އެދުވަހު ލިބެންވާ ކުރިއެރުމެއް ނުހޭދޭނެއެވެ.

މީސްތަކުންނޭވެ! ދިރިއުޅުމުގެ ކަންކަން ކުރިއަރުވަން އެދޭމީހާ، އާޚިރަތް ބާއްޖަވެރިވެ ނަރަކައިން ސަލާމަތްވާން އެދޭމީހާ ފުރަތަމަ ކަމަކަށް ފަތިސްނަމާދުން ދުވަސްފަށާށެވެ. ފަރުޟު 5 ނަމާދު ޖަމާޢަތުގައި ކުރާމީހަކަށްވާށެވެ. އެކަމަށް ނުކުލެދިއްޖެ މީހަކު އެވަނީ އަމިއްލައަށް ފޭލްވެފައެވެ. އެފަދަ މީހަކަށް ޙަޤީޤީ އެއްވެސް ކުރިއެރުމެއް ނުލިބޭނެއެވެ. ވަޤުތީ އުފާވެރިކަމެއް ލިބުނަސް ދިރިއުޅެންޖެހޭނީ ހިތާމައާއި ހިތްދަތިވުމުގައެވެ. ހާސްވުމާއި ކަންބޮޑުވުމުގައެވެ.

ވީމާ ވިސްނައި އަމިއްލަ ޙަޔާތް ބާއްޖަވެރިކުރުމުގެ މަސައްކަތް އަވަހަށް ފަށާށެވެ. މިއަހަރު ޙާޞިލް ނުކުރެވުނު ލަނޑުދަނޑިތައް ޙާޞިލްކުރަން އަވަހަށް މަސައްކަތް ފަށާށެވެ. ރަމަމާން މަހާއި ބައްދަލުކުރަންވީ މިބަޔާންކުރި ކަންކަން ޙާޞިލުކުރުމަށް މަސައްކަތްކުރަމުން އަންނަ އަހަރު ތިމާގެ ދިރިއުޅުން މުޅިން ބަދަލުކުރުމުގެ ނިޔަތުގައެވެ. އެއިރުން އެމީހަކަށް ރަމަޟާންމަސް ވެސް ކުރިއަށް ހުރި މަސްތައްވެސް ކާމިޔާބުކުރެވޭނެއެވެ. އިން ޝާ ﷲ

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން