ސްމާޓް ފޯން ގެންގުޅޭ އެއްވެސް މީހަކަށް، ނަމާދުނުކޮށްފައި ހަނދާންނެތުނު ކަމުގެ ޢުޛުރެއް ނުދެއްކޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
ސްމާޓް ފޯން ގެންގުޅޭ އެއްވެސް މީހަކަށް، ނަމާދުނުކޮށްފައި ހަނދާންނެތުނު ކަމުގެ ޢުޛުރެއް ނުދެއްކޭނެ!

ކޮންމެ ދުވަހަކުވެސް ފަރުޟު 5 ނަމާދު ކުރަން އެބަޖެހެއެވެ. ﷲ ތަޢާލާއަށް އީމާންވެގެން ހުރި ހަމައެކަކަށްވެސް އެކަމަށް ދެކޮޅެއް ނުހެދޭނެއެވެ. ނުކުރަން ބަހަނާތަކެއް ނުދެއްކޭނެއެވެ. އެހެނީ ނަމާދު އެޅުން ހުއްދަވާ މިއޮތީ 2 ޢުޛުރެވެ. އެދެ ކަމަކީވެސް އެމީހާގެ ބާރު ނުހިނގާ ކަންކަމެވެ. 

އެއީ ނަމާދަށް ހޭލުމަށް އިޚްލާޞްތެރިކަމާއިއެކު ނިޔަތް ގަނެ ކުރަންޖެހޭ ކަންކަން ކޮށްގެން ނިދުމުންވެސް ނުހޭލެވުމާއި ހަނދާން ނެތުމެވެ. ހަނދާން ނެތުމުގައިވެސް އެމީހާގެ އިހްމާލާއި ފަރުވާކުޑަކަމުން ހަނދާން ނެތިއްޖެނަމަ އެއީ މައްސަލައެކެވެ. 

މިޘާލަކަށް ކުޅިވަރުކުޅެ މުނިފޫހިފިލުންކަމަކާއިހެދި އުޅެންހަދައިގެން ނަމާދުގެމަތިން ހަނދާން ނެތިއްޖެނަމަ އެއީ މައްސަލައެކެވެ. ހަމައެފަދައިން ހަނދާންކުރަން ކުރަންޖެހޭ ކަންކަން ނުކޮށް ހުރުމުގެ ސަބަބުން ހަނދާން ނެތިއްޖެނަމަ އެއީވެސް މައްސލައެކެވެ. 

ސްމާޓް ފޯނު ގެންގުޅޭ މީހުން ހަނދާން ނެތެން ދައްކާނެ އެއްވެސް ޢުޛުރެއް ނެތެވެ. ސަބަބަކީ އޭނާ ބޭނުންނަމަ، އެލާމްކޮށްފިނަމަ، ބަންގިއެޕް އަޅައިގެން އުޅޭނަމަ އެފޯނު އޭނާއަށް ނަމާދުކުރަން ހަނދާންކޮށްދޭނެތީއެވެ. 

މީޑިއާތަކުން ފޮނުވާ ޚަބަރުތައް ފޮނުވައިލާއިރަށް ޚަބަރެއް ޢާންމުވެއްޖެކަން ފޯނު އަންގައިދެއެވެ. އެލާޓް ނުވަތަ ނޯޓިފިކޭޝަން ލިބެއެވެ. ހުޅުވައިގެން އެ ޚަބަރެއް ކިޔައެވެ. އެކަން އެހެން އެވަނީ އެގޮތަށް ފޯން ޕްރޮގްރާމްކޮށްފައި ހުންނާތީއެވެ. 

ދުވާލަކު އެތައް ސަތޭކަ އެފަދަ އެލާޓެއް ލިބުނަސް ކަންބޮޑެއް ނުވެއެވެ. އުނދަގުލެއްވެސް ނުވެއެވެ. އެކަމަކު އެންމެ 5 ފަހަރު ބަންގީގެ އަޑު އިވުމުން އުނދަގޫވާނަމަ، ނުވަތަ ނަމާދު ވަޤުތު ޖެހިއްޖެކަން އަންގައިދޭނެ ގޮތް ހަދާފައިނުވާނަމަ އެއީ އެމީހާގެ މައްސަލައަކަށް ނުވާންވީ ކީއްވެގެން ހެއްޔެވެ؟ 

މިބަޔާންކުރި ފަދަ ސަބަބުތައް ހުރުމުން އަހުރެން ބުނާނީ ސްމާޓް ފޯނު ގެންގުޅޭ އެއްވެސް މީހަކަށް ނަމާދުކުރަން ހަނދާން ނެތުނުކަމުގެ ޢުޛުރެއް ނުދެއްކޭނެއެވެ. އަދި ނިދިން ނުހޭލެވުނު ކަމުގެ ޢުޛުރު ދެއްކޭނީވެސް ހޭލަން ކުރަންޖެހޭ ކަންކަން ކޮށްގެން ނިދުމުންވެސް ނުހޭލެވުނު ކަމަށެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. ކޮންމެ ގޮތަކުން ނަމަވެސް ފަރުޟު 5 ނަމާދަށް އެންމެ ފުރިހަމަ ގޮތުގައި ރައްކައުތެރިވާށެވެ. ދުނިޔެއާއި އާޚިރަތް ކާމިޔާބުކުރެވޭނެ މީހަކަށް ވެވޭނީ އެއިރުންނެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން