ޢަލީ އިޙްޞާން ފިރާޤް
މާތް الله سبحانه وتعالى ގެ އިޒުނަފުޅާއި ބަރަކާތުން نوح عليه السّلام އާއި އެކަލޭގެފާނަށް އީމާންވެ ވަޑައިގެންނެވި މީސްތަކުން ނާކޮޅަށް އަރައިވަޑައިގެންނެވިއެވެ. އެއަށްފަހު ކަންހިނގިގޮތް ކީރިތި ޤުރުއާނުގެ މުއުމިނޫން ސޫރަތުގެ 28 ވަނަ އާޔަތާއި 29 ވަނަ އާޔަތުގައި ނުހަނު ތަފްސީލުކޮށް ބަޔާން ކުރައްވައިފައިވެއެވެ.
"فَإِذَا اسْتَوَيْتَ أَنتَ وَمَن مَّعَكَ عَلَى الْفُلْكِ فَقُلِ الْحَمْدُ لِلَّـهِ الَّذِي نَجَّانَا مِنَ الْقَوْمِ الظَّالِمِينَ ﴿٢٨﴾ وَقُل رَّبِّ أَنزِلْنِي مُنزَلًا مُّبَارَكًا وَأَنتَ خَيْرُ الْمُنزِلِينَ ﴿٢٩﴾"
މާނައީ: "ފަހެ، ކަލޭގެފާނާއި، ކަލޭގެފާނުގެ އަރިހުގައިވާ މީހުން ނާކޮޅަށް އަރައި އޭގައި ހަމަޖެހޭހިނދު، ފަހެ، ކަލޭގެފާނު ވިދާޅުވާށެވެ. اللَّه އަށް حمد ހުށްޓެވެ. އެކަލާނގެއީ، އަނިޔާވެރިވި މީހުންގެ ކިބައިން ތިމަންމެން ސަލާމަތްކުރެއްވި ރަސްކަލާނގެއެވެ.އަދި ކަލޭގެފާނު ވިދާޅުވާށެވެ! އަޅުގެ ވެރިރަސްކަލާކޮ! بركات ތެރި منـزل އަކަށް މިއަޅާ ބާލުއްވައިފާނދޭވެ! އަދި ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، (منـزل އަށް) ބާލުއްވާ އެންމެހެޔޮ ރަސްކަލާނގެއެވެ."
نوح عليه السّلام އާއި އެކަލޭގެފާނަށް އީމާންވި މީސްތަކުން ނާކޮޅަށް އަރައިވަޑައިގަތުމަށްފަހު މާތް الله سبحانه وتعالى އަށް ޙަމްދުކުރެއްވެވިއެވެ. ދީނުގެ ޢަދާވާތްތެރިންގެ ކިބައިން ސަލާމަތް ކުރެއްވިކަމަށްޓަކައެވެ. ކޮންމެ ހިނދެއްގައި ވެސް ދަތުރުކުރާ ސަވާރީއަށް އެރުމަށްފަހު މާތް الله سبحانه وتعالى އަށް ޙަމްދުކުރުމަށް އަމުރުކުރައްވައިފައިވާތީއެވެ. މިކަން ބަޔާން ކުރައްވައި، ކީރިތި ޤުރުއާނުގެ ޒުޚުރުފް ސޫރަތުގެ 12 ވަނަ އާޔަތުން ފެށިގެން 14 ވަނަ އާޔަތުގެ ނިޔަލަށް މާތް الله سبحانه وتعالى ވަޙީ ކުރައްވައިފައިވެއެވެ.
"وَالَّذِي خَلَقَ الْأَزْوَاجَ كُلَّهَا وَجَعَلَ لَكُم مِّنَ الْفُلْكِ وَالْأَنْعَامِ مَا تَرْكَبُونَ ﴿١٢﴾ لِتَسْتَوُوا عَلَىٰ ظُهُورِهِ ثُمَّ تَذْكُرُوا نِعْمَةَ رَبِّكُمْ إِذَا اسْتَوَيْتُمْ عَلَيْهِ وَتَقُولُوا سُبْحَانَ الَّذِي سَخَّرَ لَنَا هَـٰذَا وَمَا كُنَّا لَهُ مُقْرِنِينَ ﴿١٣﴾ وَإِنَّا إِلَىٰ رَبِّنَا لَمُنقَلِبُونَ﴿١٤﴾"
މާނައީ: "އަދި އެކަލާނގެއީ، ހުރިހާ ބާވަތެއްގެ ތަކެތި ޖޯޑުޖޯޑަށް ހެއްދެވި ރަސްކަލާނގެއެވެ. އަދި ނައުފަހަރާއި، نعم ސޫފީގެ ތެރެއިން ތިޔަބައިމީހުން ސަވާރުވާނޭތަކެތި، އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ލެއްވިއެވެ.(އެއީ) ތިޔަބައިމީހުން އެތަކެތީގެ ބުރަކަށިމަތީގައި ހަމަޖެހުމަށްޓަކައެވެ. ދެން ތިޔަބައިމީހުން އޭގެމަތީގައި ހަމަޖެހޭހިނދު، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ نعمة ހަނދުމަކުރުމަށެވެ. އަދި ތިޔަބައިމީހުން ކިޔުމަށްޓަކައެވެ. އަޅަމެންނަށް މި ތަކެތި خدمة ތެރިކޮށްދެއްވި ރަސްކަލާނގެ ހުސް طاهر ވަންތަކަމާއެވެ! އަދި އަޅަމެންއެކަމަށް ކުޅަދާނަވެގެންވާ ބަޔަކުކަމުގައި ނުވަމުއެވެ.އަދި ހަމަކަށަވަރުން، އަޅަމެންގެ ވެރިރަސްކަލާނގެ حضرة އަށް އަޅަމެން رجوع ވާނެކަން ކަށަވަރެވެ."
نوح عليه السّلام އާއި އެކަލޭގެފާނަށް އީމާންވި މީސްތަކުން ނާކޮޅަށް އަރައިވަޑައިގަތުމުން މާތްالله سبحانه وتعالى ގެ ގަދަފަދަ ޢަޛާބު އައުމުގެ އަލާމާތްތައް ފާޅުވާންފެށިއެވެ. އެއްވެސް ޒަމާނެއްގައި ނުވެހޭ ވަރަށް ވާރޭވެހެން ފެށިއެވެ. ބިމުގެ ހުރިހާ ފަރާތަކުން ފެންއަރަންފެށިއެވެ. މިކަމަށް އިޝާރާތް ކުރައްވައި ޤަމަރު ސޫރަތުގެ 10 ވަނަ އާޔަތުން ފެށިގެން 13 ވަނަ އާޔަތުގެ ނިޔަލަށް މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.
"فَدَعَا رَبَّهُ أَنِّي مَغْلُوبٌ فَانتَصِرْ ﴿١٠﴾ فَفَتَحْنَا أَبْوَابَ السَّمَاءِ بِمَاءٍ مُّنْهَمِرٍ ﴿١١﴾ وَفَجَّرْنَا الْأَرْضَ عُيُونًا فَالْتَقَى الْمَاءُ عَلَىٰ أَمْرٍ قَدْ قُدِرَ ﴿١٢﴾ وَحَمَلْنَاهُ عَلَىٰ ذَاتِ أَلْوَاحٍ وَدُسُرٍ ﴿١٣﴾"
މާނައީ: "ފަހެ، އެކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް، އެކަލާގެފާނު دعاء ކުރައްވައި ވިދާޅުވިއެވެ. ހަމަކަށަވަރުން، މިއަޅާވަނީ، ދެރަކޮށްލައިފައެވެ. ފަހެ، (މިއަޅާޔަށް) نصر ދެއްވާނދޭވެ ! ފަހެ، ބޯކޮށް އޮހިގަންނަ ފެނަކަށް ތިމަންރަސްކަލާނގެ އުޑުގެ ދޮރުތައް ހުޅުއްވެވީމެވެ.އަދި ތިމަންރަސްކަލާނގެ ފެންއާރުތަކަކަށް ބިންގަނޑު ފެޅުއްވީމެވެ. ފަހެ، ނިޔާކުރައްވާފައިވާ ކަމެއްގެ މައްޗަށް އެ ފެން (އެބަހީ: އުޑުން އޮހުނު ފެނާއި، ބިމުންއެރި ފެން) ބައްދަލުވިއެވެ.އަދި ފިލާތަކަކާއި، މޮހޮރުތަކަކުން ހަދާފައިވާ ނަވެއްގައި، ތިމަންރަސްކަލާނގެ އެކަލޭގެފާނު އުފުއްލެވީމެވެ."
ތޫފާނުގެ ގަދަ ވިއްސާރައި ތެރޭގައި نوح عليه السّلام ގެ ނާކޮޅު ދަތުރު ކުރަމުންގެންދެއެވެ. ބޮޑެތި ބިޔަ ފަރުބަދަތައް ފަދަ ރާޅުތަކުގެ ތެރޭގައި ނާކޮޅު ދަތުރު ކުރަމުން ގެންދިޔައީ މާތް الله سبحانه وتعالى ފުރިހަމަ ބެއްލެވުމުގެ ދަށުންނެވެ. މިކަމަށް އިޝާރާތް ކުރައްވައި ކީރިތި ޤުރުއާނުގެ ޤަމަރު ސޫރަތުގެ 14 ވަނަ އާޔަތުގައި މާތްالله سبحانه وتعالى ވަޙީ ކުރައްވައިފައިވެއެވެ.
"تَجْرِي بِأَعْيُنِنَا جَزَاءً لِّمَن كَانَ كُفِرَ ﴿١٤﴾ "
މާނައީ: "ތިމަންރަސްކަލާނގެ ބައްލަވާވޮޑިގަތުމާއެކު، އެ ނައު، ދުވަމުންދެތެވެ. (އެއުރެން) ދޮގުކުރި ކަލޭގެފާނަށް (އެބަހީ: نوح ގެފާނަށް) ހެޔޮ ޖަޒާއެއްކަމުގައެވެ."
ކަން މިހެން ހުރުމާއިއެކު، އެ ބިޔަ ރާޅުތަކުގެ ތެރޭގައި އެނާކޮޅާއި އޭގައިވާ އެންމެންނަށް ކުޑަވެސް ބިރުވެރިކަމެއް ކުރިމައްޗެއް ނުވެއެވެ. މުފައްސިރުންގެ ޖަމާޢަތެއްގެ ބޭކަލުން ވިދާޅުވެފައިވާކަމަށް، އަލްބިދާޔަތު ވައްނިހާޔަތުގައި، އިބްނު ކަޘީރު ލިޔުއްވައިފައިވެއެވެ. [ތޫފާނުގައި ފެންގަނޑު ބޮޑުވެގެންގޮސް ދުނިޔޭގައިވާ އެންމެއުސް ފަރުބަދައަށްވުރެ 15 މުށް އުހަށް މުޅިބިމުގައި ފެންބޮޑުވިއެވެ.] ހަމަ މިގޮތަށް ފޮތުގެ އަހުލުވެރިންވެސް ބުނެ އުޅޭކަމަށް އަލްޙާފިޡް އިބްނު ކަޘީރު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. {އިބްނު ކަޘީރު،އަލްބިދާޔަތު ވައްނިހާޔަތު، ފުރަތަމަ ޖިލްދު، ޞަފްޙާ 263}
އަދިވެސް އަލްބިދާޔަތު ވައްނިހާޔަތުގައި ލިޔުއްވައިފައިވެއެވެ. [ނޫޙުގެފާނުގެ ޒަމާނުގެ ތޫފާނުގެ ސަބަބުން 80 މުށަށް ފެންބޮޑުވިއެވެ. އުސްތަންތަނާއި އަޑިތަންނާއި ފަރުބަދަތަކާއި ވާދީތައް އާންމުވެދާގޮތަށް ތޫފާން އައެވެ. އޭރު ދުނިޔޭގެ ބިންމަތީގައި އުޅުނު އެއްވެސް ކަހަލަ ދިރޭއެއްޗެއް ބޮޑަސް އަދި ކުޑަޔަސް މި ތޫފާންގެ ސަބަބުން ނެތިފަނާވެގެން ނުދާ އެއްވެސް އެއްޗެއްނުވެއެވެ.] {އިބްނު ކަޘީރު،އަލްބިދާޔަތު ވައްނިހާޔަތު، ފުރަތަމަ ޖިލްދު، ޞަފްޙާ 264}
އިމާމު މާލިކު ރަޙިމަހުﷲ، ޒައިދު ބިން އަސްލަމުގެ އަރިހުން ރިވާކުރައްވައިފައިވެއެވެ. [ތޫފާން އައި ހިނދު މީސްތަކުން ފެންގަނޑުން ސަލާމަތްވުމަށްޓަކައި ފަރުބަދަތަކަށާއި އުސް ތަންތަނަށް އެރިއެވެ.] {އިބްނު ކަޘީރު،އަލްބިދާޔަތު ވައްނިހާޔަތު، ފުރަތަމަ ޖިލްދު، ޞަފްޙާ 264}
ޢައްލާމާ އިބްނު ކަޘީރު ރަޙިމަހުއްﷲ، އާއި އިމާމު އަބޫ ޖަޢުފަރުއް ރާޒީ އެބޭކަލުންގެ ތަފްސީރުގައި އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝަތުއް ޞިއްދީޤާ ރަޟިޔަﷲ ޢަންހާގެ އަރިހުން ރިވާކުރައްވައިފައިވެއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. "މާތް الله سبحانه وتعالى، نوح عليه السّلام ގެ ޤައުމުގެ މީހުންކުރެ އެކެއްގެ މައްޗަށް އޯގާވަންތަވެރިވެވޮޑިގެންނެވިނަމަ ޅަ ދަރީންގެ މައިންނަށް އެކަލާނގެ އޯގާވަންތަވެ ވޮޑިގަތީހެވެ.]
{އިބްނު ކަޘީރު،އަލްބިދާޔަތު ވައްނިހާޔަތު، ފުރަތަމަ ޖިލްދު، ޞަފްޙާ 266} މިއީ ޣަރީބު ޙަދީޘެކެވެ.
އަލްބިދާޔަތު ވައްނިހާޔަތުގައިވާ އިތުރު އެހެން ރިވާޔަތެއްގެ މާނައިގައިވެއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. [نوح عليه السّلام އެކަލޭގެފާނުގެ ޤައުމުގެ މީހުންގެ މެދުގައި ނުވަސަތޭކަ ފަންސާސް އަހަރުވަންދެން ހުންނެވިއެވެ. ނާކޮޅު ބެންނެވުމަށްޓަކައި 100 އަހަރު ގަސްހެއްދެއްވިއެވެ. އެގަސް ބޮޑުވެ އެކިފަރާތްފަރާތަށް ބޮޑެތި ގޮފިތަށް ފެތުރުނެވެ. ދެން އެކަލޭގެފާނު އެގަސްކަނޑުއްވައި ނާކޮޅު ބެންނެވިއެވެ. އެކަލޭގެފާނު ޤައުމުގެ މީސްތަކުން އެކަލޭގެފާނު އަރިހަށް އައިސް ގޮސްވެއުޅެއެވެ. އެކަލޭގެފާނަށް މަލާމާތްކޮށް އެބައިމީހުން އުޅެއެވެ. އެމީހުން ބުނެއެވެ. މި ނާކޮޅު ދުއްވާނީ ކޮންތާކު ހެއްޔެވެ؟ އެއްގަމުގައި ބަންނަ ނަވެއްހެއްޔެވެ؟ نوح عليه السّلام އެބައިމީހުންނަށް ޖަވާބު ދެއްވައި ވިދާޅުވެއެވެ. ތިޔަބައިމީހުންނަށް ކަންހިނގާގޮތް އެނގިދާނެތާއެވެ!
ފަހެ نوح عليه السّلام ނާކޮޅު ބަންނަވައި ނިމި ބިމާއި އުޑުގެ ފެން ގުޅި ހުރިހައި މަގުމަގާއި ގޯޅިތަކުގައި ފެންބޮޑުވެއްޖެއެވެ. ތުއްތުކުދިންގެ މައިން އެބައިމީހުންގެ ދަރިފުޅު ޣަރަޤުވެ މަރުވެދާނެ ކަމަށް ބިރުހީވިއެވެ. ދެން އޭނާ ލޯބިވާ ދަރިފުޅު ގޮވައިގެން ފަރުބަދައަކަށް އަރަންފެށިއެވެ. އެނާ ފަރުބަދާގެ ތިންބައިކުޅަ އެއްބަޔަށް އެރިއެވެ. ދެން ފަރުބަދައިގެ އެހިސާބަށް ފެންގަނޑު އެރުމުން އޭނާގެ ދަރިފުޅު ގޮވައިގެން ފަރުބަދައިގެ އެންމެ އުހަށް އެރިއެވެ.
އެތާއިނދެ ފެންގަނޑު ބޮޑުވެ އެކަނބުލޭގެ ކަރާހަމައަށް ފެންގަނޑު އެރުމުން އޭނާގެ ދެއަތްމައްޗަށް ދަރިފުޅު އުފުލައިލިއެވެ. އެންމެ ފަހުން ފެންބޮޑުވެ ދެމައިން އެކުގައި ޣަރަޤުވެ ދިޔައީއެވެ. ފަހެ މާތް الله سبحانه وتعالى އެބައިމީހުންކުރެ އެކެއްގެ މައްޗަށްވެސް އޯގާވަންތަވެވޮޑިގެންނަމަ އެތުއްތު ކުއްޖާގެ މައިމީހާގެ މައްޗަށް އޯގާވަންތަވެވޮޑިގެން އެދެމައިން ސަލާމަތް ކުރެއްވީހެވެ. {އިބްނު ކަޘީރު،އަލްބިދާޔަތު ވައްނިހާޔަތު، ފުރަތަމަ ޖިލްދު، ޞަފްޙާ 266. އައްޝައިޚް އަޙްމަދު ފާރޫޤު މުޙައްމަދު، ނަބީބޭކަލުންގެ ވާހަކަ1، ޞަފްޙާ 246}
މި ދެންނެވި ރިވާޔަތް ބަޔާން ކުރެއްވުމަށްފަހު އަލްޙާފިޡް އިބްނު ކަޘީރު ވިދާޅުވެފައިވެއެވެ. މި ރިވާޔަތަކީ ޣަރީބު ރިވާޔަތެކެވެ.(ޣަރީބު ރިވާޔަތްތަކަކީ އާޙާދު ޙަދީޘުގެ ބެހިގެންދާ ބައިތަކުގެތެރޭ ހިމެނޭ އެބައެވެ. އަދި އޭގައި ޞައްޙަ ނުވަތަ ޙަސަން ނުވަތަ ޟަޢީފު ޙަދީޘްހިމެނެއެވެ.)